ދަނޑިވަޅު ލިބުމުން ވައިނޮޅީގައި ދަތްއަޅާނެ!
އައްދުއްރަހީމަށް މުއިއްޒު އިތުބާރެއް ނުކުރޭ!
އައްދުއްރަހީމެވެ. އެކަކުކުރެން އެކައްޗެއްވެސް އަހާނެކަމެއްނެތެވެ. ގައުމު ތިޔަ އޮތީ ކަލޭމެންނަށް ހިތަކަށް ލިބިފައެވެ. އުލު ބައިންދަން ބޭނުން ބަޔަކު އުލު ބަނައިންދާ، އަނދަގޮނޑި ޖަހަން ބޭނުން ބަޔަކު އަނދަގޮނޑި ޖަހައިގެން ވެރިކަން ކުރާށެވެ. ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަކީ މުއިއްޒާއި އައްދުއްރަހީމުގެ ވާރުތަ މުދާގަނޑެއް ވިއްޔާއެވެ.
މޫސާގެފާނު ފިރުއައުނުވެސް އުޑަށް އަމުރުކޮށްގެން ވާރޭ ވެއްސަންދެންވެސް އާރާބާރުގައި ދެމެހެއްޓެވިއެވެ. ފިރިހެން ކުދިން މަރާ މީހުންގެ މުދާ ގަސްބުން ވެރިކަމަށްނަގާ އަހާލުމެއް ކަހާލުމެއްނެތި ހިތުހުރި އެއްޗެއް ހަދާ ރައްޔިތުން އަޅުންގެ އަޅުންނަށް ހެދިއެވެ. ގާރޫނާއި ހާމާނާއި ފިރުއައުނު ނޫން އެންމެންނަކީ ބަޔަކަށް ނުހަދާ ބޮޑާކަމާއި ގަދަކަމުގައި ދެމެތިބެން އުޅުނެވެ. ނިމުމުގެ ވަގުތުޖެހުމުން ލަހެއް ފަހެއްނުވިއެވެ. ގާރޫނު އޭނާގެ ބޮޑާކަމާއި މުއްސަދި ކަމާއި މުދާތަކާއެކު ގަންބަވައިގަންނަން ފަޅި ސިކުންތެއް ނުނަގައެވެ. ހާމާނު ކަންޒުތަކުގެ ތެރޭގައި މަރުވެދިޔައީ ވަނތްދޮރުން ނުނިކުމެވިގެން އުޅެއުޅެ ހުއްޓައެވެ. ފިރުއައުނުގެ ނިމުންއައި އިއްޒަތާއި ތަހުތު ދޫކޮށް ނިކަމެތިން ފަހާދުވަނިކޮށް ގަރަގުވެގެންނެވެ.
ތިޔަހެން ފުއްޕާފައި އުޅުނު ކިތަންމެ ބަޔަކު ދުނިޔޭގެ ތާރީހު ދެކިފައިވެއެވެ. މަތީގަނޑިން ޖެހުމުން ހުޅުހުޅުން ވާގިދޫވެ މުއިއްޒާއި އައްދުއްރަހީމުވެސް ކުޑަކަކޫ ޖަހަން ޖެހޭނެއެވެ. މިހާރު ރައްޔިތުންގެ މަޖިލިސްވެސް އަޅުކުދިން ކޮޅަކަށް ހެދިދާނެއެވެ. މަޖިލީހުގައި ތިބި މީހުން އެމީހުންގެ ދަންމަޅިއަށް އަމިއްލައަށް ބޯމަހާލައިގެން ތިބުންނޫން ގޮތެއް ނެތިފައި ތިބެދާނެއެވެ. މުއިއްޒު ޖަހާހާ ބެރަކަށް ނަށަނީއޭވެސް ހީވެދާނެއެވެ.
ވެރިނަށް ހުޝާމަދުކޮށް ވެރިންގެ ދުނިޔެ ރަންކޮށްދޭން އެންމެ ކައިރީގައި ތިބެފައި ދަނޑިވަޅު ލިބުމުން ވައިނޮޅީގައި ދަތްއަޅާފައި ހުރީ މަދެއްކޮށް ނޫނެވެ. އެޒާތުގެ އެންމެ އައުލާ ދިރިހުރި މިސާލަކީވެސް އައްދުއްރަޙީމެވެ. ރައީސް މައުމޫނުގެ ބަޑުވާ ހެދިގެން އުޅެފައި ރައީސް ޔާމީނުކޮޑަށް ސަވާރުވީ ދީވަލްޕާއެކޭ އައްދުއްރަހީމެކޭ ތަފާތެއް ނެތެވެ. ރައީސް ޔާމީނުނެތް ދުނިޔެއެއްގައި ނޫޅޭން ރައީސް ޔާމީނަށްވުރެ ރައީސް ޔާމީނުވެގެން އުޅުނީ އައްދުއްރަހީމެވެ. ރައީސް ޔާމީނުގެ ބޮލަށް ސީލާ ރައީސް މުއިއްޒު ވެގެން ދައުލަތް ދަވާލުމުގައި މިހާރު ފޫގަޅައިގެން އުޅެނީވެސް އައްދުއްރަހީމެވެ.
ކިތަންމެ ވެގެން އުޅުނަސް އައްދުއްރަހީމަށް މުއިއްޒު އިތުބާރު ނުކުރާކަން އިއްޔެ ހާމަ ވެގެން އެދިޔައީއެވެ. ރިޔާސަތުގައި އައްދުއްރަހީމު އިނެއް ކަމަކު މަޖިލީހުގައި ތިބި އިދިކޮޅު މަދު މެންބަރުންކޮޅު ފިޔަވާ ދެންތިބީ މުއިއްޒުގެ އަޅުންކަން އެއްދުވަހުން އައްދުއްރަހީމަށް ސާފުކޮށްދީފައި މުއިއްޒު އެކަނޑާލީ ޔޫރަޕަށެވެ.