ފޭސް ދޭކުން ވަކިކުރިތަނާ މުއިއްޒުގެ ޅޮސް އުނދޯލި
ކޮމާޝަލް ސްޕައިން އާއި ފިނޭންޝަލް ސެންޓަރ ވީ ހިޔާލީ ފޮލާއަށް
ރައީސް މުއިއްޒު ރައްޔިތުން ގަޅަހައްދާ ގޮތުގެ ހަގީގީ މަންޒަރ އެންމެ ރަގަޅަށް ކުރައްސަވާލު ދެއްވެވި އެއް ބޭފުޅަކީ މަޝްހޫރު ނޫސްވެރިޔާ އަލީ ސުލައިމާނުއެވެ. ސާފު ފަށުވި އިބާރާތުން އޭނާގެ ފޭސްބުކު އެކައުންޓުގައި ލިޔުއްވާފައި ލިޔުއް ވުމަކީ ކިޔާނުލާ ދޫކޮށްލަން ވާވަރުގެ ލިޔުއްވުމެއް ނޫނެވެ
އެހެންކަމުން އަކުރުން އަކުރަށް އެލިޔުން ނަކަލު ކޮށްލުން މުހިއްމު ވެއްޖެއެވެ. ރައްޔިތުންގެ ލޯތައް ހުޅުވާލުމަށެވެ. އުފައްދަވާ އެ ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ.
އަލީ ސުލައިމާނު ވިދާޅުވަނީ " މި ސުވާލުތައް ކުރީމާ، ސަރުކާރާއި ދެކޮޅުވުމުގެ ޓެގް އަޅުވަންވީ ކީއްވެހެއްޔެވެ؟ މިއީ ހަދައިގެން ދައްކާ ދޮގުވާހަކައެއް ނޫނެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންވެސް ލިބެން ހުރި މައުލޫމާތެވެ.

ތިޔަ ފެންނަނީ އެއްތަނެއްގައި ހިންގަން މިސަރުކާރުން ނިންމި ބިޔަ ބޮޑު މަޝްރޫޢުތަކުގެ ކުރެހުންތަކެވެ.
އެންމެ ފަހުން އިއްޔެ އޭއައި ވީޑިއޯއަކުން ދައްކާލީ އީގަލްސް ހިލްސްއިން އަޅައިދޭނެ ކަމަށް ބުނާ 5000 ފްލެޓް ހުންނާނެ ގޮތާއި އެފްލެޓްތައް ހުންނާނޭ ތަނެވެ. އެއީ ހުޅުމާލެ ފޭސް 2ގެ އެންމެ އުތުރުން ވަކިކޮށްފައިވާ ސަރަހައްދެވެ.
އެތަނުގައި އެންމެ ފުރަތަމަ އެޗްޑީސީން އިއުލާނު ކުރީ "ކޮމާޝަލް ސްޕައިން"ގެ ނަމުގައި އެތަން ތަރައްޤީކުރުމަށެވެ. އޭގެ ފަހުން، 4 މެއި 2025ގައި ހަމަ އެތަނުގައި 8 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރެއިން ފައިނޭންޝަލް ސެންޓަރެއް އަޅަން އޭއައި ވީޑިއޯތަކާއި ކުރެހުންތައް ދައްކާލިއެވެ. އޭގެ ފަހުން އިއްޔެ މި ދައްކާލީ ހަމަ އެތަނުގައި އީގަލްސް ހިލްސްއިން 5000 ފްލެޓް އެޅީމާ ހުންނާނެ ގޮތެވެ.
އަސްތާއެވެ! އެއީ މީގެ 3000 އަހަރު ކުރިން ބާބިލްގެ އެލުވިފައިވާ ބަގީޗާތައް ހުރިގޮތަށް އިމާރާތް ކުރާ ތަނެއް ބާވައެވެ. އެއްވެސް މަޝްރޫއެއް ކެންސަލް ނުކޮށް އެއް ބިމެއްގައި ބޮޑު ތިން މަޝްރޫއެއް މިހިންގަން އުޅެނީ ކިހިނެއް ބާވައެވެ؟
- ފުރަތަ މަޝްރޫޢު:
ކޮމާޝަލް ސްޕައިން - އެޗްޑީސީ
މި މަޝްރޫޢު އިޢުލާނު ކުރީ އެމްޑީޕީގެ ވެރިކަމުގައި، 2023 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދި އެތަނުން އޭރު އަމިއްލަ ކުންފުނިތަކަށް، ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްގީކުރުމަށް ބިން ވިއްކިއެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އެޗްޑީސީގެ މިމަޝްރޫޢު ހިންގުމަށް ޗައިނާގެ ކުންފުންޏަކާއި އެކު އެއްބަސްވުމުގައި ސޮއިކުރިއެވެ. އަދި އެޑްވާންސަށް އެކުންފުންޏަށް 7.5 މިލިއަން ޑޮލަރު ދިނެވެ.
- ދެވަނަ މަޝްރޫޢު:
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ
8 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް ބުނެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ ގާއިމްކުރަންވެސް ސަރުކާރުން ކަނޑައެޅީ ހަމަ މިތަނެވެ. ބޮޑު ރަސްމިއްޔާތެއް ބާއްވައި އެކަމާއި ގުޅޭ ގިނަ އެއްބަސްވުންތަކުގައި ސޮއިކުރީ 4 މެއި 2025 ވަނަ ދުވަހުގެ ރޭގައެވެ. އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ދިވެހި ސަރުކާރުން ރަސްމީ އެއްބަސްވުންތަކެއްގައި ސޮއިވެސް ކުރިއެވެ.
- ތިންވަނަ މަޝްރޫޢު.
އީގަލް ހިލްސްއިން އަޅައިދޭ 5000 ފްލެޓް
އީގަލް ހިލްސްއިން އަޅައިދޭ 5000 ފްލެޓް އަޅާތަނަކީ، އެންމެ ފުރަތަމަ، އެޗްޑީސީގެ ކޮމާޝަލް ސްޕައިން، އަދި އޭގެ ފަހުން ފައިނޭންޝަލް ސެންޓަރުވެސް އަޅަން އުޅުނު ބިމެވެ.
މިކަން އިއުލާނު ކުރި އިރު، އެންމެ ފުރަތަމަ އެތަނުން ބިންގަތް ދިވެހި ކުންފުނިތައް ތިބީ ވާނުވާ ނޭނގިފައެވެ. އެ މީހުންނަށް ވިއްކާފައިވާ ބިންތައް ފައިނޭންޝަލް ސެންޓަރު އަޅަން އުޅުނު ދުވަސްވަރު އަތުލާންވެސް އުޅުނެވެ. އެކަމަކު އަތު ނުލެވި އޮތީއެވެ.
މިހާރު އީގަލް ހިލްސްއިން ފްލެޓް އަޅަން އެތަން ދޭނަމަ، އެޗްޑީސީގެ ކޮމާޝަލް ސްޕައިން މަޝްރޫއު ހިންގުމުގެ ތެރެއިން އެތަނުން ބިންގަތް މީހުންގެ ބިންތަކަށްވެސް ވާނެ ގޮތެއް އޮތީ ހަމަ ސުވާލުތަކެއްގެ ތެރޭގައެވެ.
ވީމާ، ކޮމާޝަލް ސްޕައިން މަޝްރޫއަށް ވީ ކިހިނެއްހޭ؟ އެމަޝްރޫޢުގެ އެޑްވާންސް ފައިސާގެ ގޮތުގައި، ދިން 7.5 މިލިއަން ޑޮލަރަށް ވީ ކިހިނެއްހޭ؟ މޯލްޑިވސް ފައިނޭންޝަލް ސެންޓަރު އަޅަން ވީ އެއްބަސްވުންތަކަށް ވީ ކިހިނެއްހޭ؟ ސުވާލު ކުރުމަކީ، ސަރުކާރާއި ދެކޮޅު ވުމެއް ނޫނެވެ.
މިއީ ކުރަންޖެހޭ ސުވާލެވެ. ދައްކަން ޖެހޭ ވާހަކައެވެ. ރުހޭ މީހަކު ރުހޭށެވެ. ނުރުހޭ މީހަކު ނުރުހޭށެވެ. އަހަރެން މިވާހަކަ ދައްކާނަމެވެ. "




