ރާއްޖެއަށް ރައްކާތެރި ގޮތަކީ ސައިޒަށްވުރެ ބޮޑަށް ނުފުއްޕުން

ރާއްޖެއަށް ރައްކާތެރި ގޮތަކީ ސައިޒަށްވުރެ ބޮޑަށް ނުފުއްޕުން

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެތައް ހާސް އަހަރެއް ވަންދެން ދެމިއޮތީ ހަނގުރާމަކޮށްގެނެއް ނޫނެވެ. ސިޔާސީ ގޮތުން މިނިވަންކަން ހޯދީވެސް ހަނގުރާމަ ކޮށްގެނެއް ނޫނެވެ. ރާއްޖޭގައި ހަތިޔާރު ފައްލައު ކުރަން މުއިއްޒު ދިމާކޮށްފައި މިހުރީ ކޮންބަޔަކާ ހަނގުރާމަ ކުރަން ހެއްޔެވެ. 

ރާއްޖޭގެ ދެކޮޅުގައި އަސްކަރީ މަރުކަޒު ހަދައިގެން ގައުމުގެ އާމްދަނީއަށް ނުކުޅަދާނަ ވަރުގެ ބޮޑު ހަރަދެއްކޮށްގެން ހިމާޔަތްކުރަން މިއުޅެނީ ކޮން ގައުމިއްޔަތެއް ހެއްޔެވެ. މި ޒަމާނުގެ ދުނިޔޭއާއި ފައި ހަމަކުރެވޭވަރުގެ އެއަރފޯހަކާއި އަރމީއެއް ހިންގޭވަރުގެ ފުދުންތެރިކަމެއް ރާއްޖޭގައި އެބަހުރި ހެއްޔެވެ. ހެޔޮވަރުގެ އަސްކަރިއްޔާއަކަށް ފުދޭވަރުގެ ޢާބާދީއެއް އެބަ އޮތް ހެއްޔެވެ. 

ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ކަރަންޓާއި ފެނާއި ހިޔާވަހިކަމާ ނުދެވިގެން އުޅޭއިރު އެތައް މިލިޔަން ޑޮލަރެއް ހަރަދުކޮށްގެން އަސްކަރިއްޔާ ހިންގަން އުޅޭވާހަކަ ދެއްކީމާ މުއިއްޒުގެ ބުއްދި ސަލާމަތުން ހުރިކަމާމެދު ސުވާލު އުފެދެއެވެ. އަސާސީ ހިދުމަތް ގާއިމުކުރުމަށް ރާއްޖޭގެ ކަންކޮޅުގައި ފަށަފައި ހުރިއްޔާ ހުރި މަސައްކަތެއް ފައިސާ ނެތިގެން ހުރީ ހުއްޓިފައެވެ. ބަލިހާލުގައި ބޭސްފަރުވާ ނުކުރެވިގެން ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު މަރަށް ތެޅެނީއެވެ. ބޭސް ފިހާރަތަކުން އާއްމު ބޭހެއް ނުލިބެއެވެ. ސަރުކާރުގެ ހަރަދުގައި ބޭރުގައުމުތަކުގައި ކިޔަވަން ގޮސްތިބިހާ ދަރިވަރުން އެ ކުދިންގެ ކިޔެވުމަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެތިބީ މަގުމަތިވެފައެވެ. 

އަނެއްކޮޅުން ބޭރާ އެތެރޭގެ ދަރނި ބޮޑުވެ ދަރަ ބޯހިކޭކަށް ނެތެވެ. މިހިނގާ 2025 ނިމުމުގެ ކުރިން އެތައް ސަތޭކަ މިލިޔަން ޑޮލަރު ބޭރުގެ ދަރަނި އަދާކުރަން ރާއްޖޭން ދައްކަން ޖެހެއެވެ. 2026 ގައި ދެ ބިލިޔަނެއްހާ ޑޮލަރ ބޭރުގެ ދަރަނި އަދާކުރަން ނުދެއްކިއްޖެނަމަ ގައުމު އޮތީ ބަނޑަށް ޖެހޭ ހާލަތުގައެވެ. މަތި މައްޗަށް އޮތް އެތެރޭގެ ދަރަނިތައް ވެސް އޮތީއެވެ. 

ރިސޯޓްތަކުން ޑޮލަރު މާރު ކުރަން މަޖުބޫރުކޮށްގެންވެސް ޑޮލަރުގެ އަގު ތިރިކުރެވުނީއެއް ނޫނެވެ. ސަރުކާރުގެ ހުރިހާ ކުންފުންޏެއްހެން އޮތީ ކަރުތާފެނުގައެވެ. ސަރުކާރު ހިންގުމުގެ ހަރަދުތައް ލިބޭ ޢާމްދަނީއަށްވުރެ ބޮޑެވެ. މި ދަރަޖައިގައި ގައުމުގެ ހާލަތު އޮތްއިރު އަސްކަރިއްޔާ ފުޅާކޮށް ބޮޑުކުރަން މިއުޅެނީ ކާކު ބިރުގަންނަވަން ހެއްޔެވެ. 

ތުރުކީއަށް ހަތިޔާރު ވިޔަފާރިކޮށް ދީގެން ދުނިޔޭގެ ހަތިޔާރުގެ ވިޔަފާރީގެ ތެރެއަށް ރާއްޖެ ވައްދައިގެން ގައުމުގެ ސަލާމަތަށް ނުރައްކަލެއް ނޫނީ ވާނީއެއް ނޫނެވެ. ވަށައިގެން އޮތް ބާރުގަދަ އަސްކަރީ ބާރުތަކާ ފައި ހަމަކޮށްލެވޭވަރުގެ ފެންވަރެއް އެއްވެސް ގޮތަކުން ރާއްޖެއަކުނެތެވެ. އަދި ނުވެސް ހޯދޭނެއެވެ. އެއްވެސް ބަޔަކާގުޅިގެން އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމުކޮށްފިނަމަ ލިބޭނީ ރައްކާތެރިކަމެއް ނޫނެވެ. ނިއުކްލިއަރ ހަކަތައިގެ ބާރު ލިބިފައިވާ އެމެރިކާއާއި ޗައިނާއާއި ރަޝިޔާއާއި އިންޑިއާ އާއި ޕަކިސްތާން ފަދަ އަސްކަރީ ބާރު ތަކެއްގެ މެދުގައި އޮތް ރާއްޖެއަށް އަސްކަރީ ގޮތުން ހޯދޭނީ ބޮކުބާރެވެ. 

ރާއްޖެއަށް އެންމެ ފައިދާބޮޑު ރައްކާތެރި ގޮތަކީ ސައިޒަށްވުރެ ބޮޑަށް ނުފުއްޕުމެވެ. ފުއްޕިވަރަކަށް ފަޅައިގެން ދިޔުން އަވަސްވާނެއެވެ. ހަތިޔާރުގެ ވިޔަފާރީގެ ތެރެއަށް ގައުމު ވައްޓާލައިގެން މުއިއްޒާއި ގައްސާނުގެ ޖީބަށް މިލިޔަނުން ޑޮލަރުވަންދަން ހިންގާންފެށި ޖަރީމާގެ ނުރައްކާ މުޅިގައުމަށް ޖެހޭކަށް ލަހެއް ފަހެއް ނުވާނެއެވެ. މުއިއްޒު ގެންގުޅެން އުޅޭ އަސްކަރީ ސިޔާސަތުން ރާއްޖެއަށް އޮތީ ގެއްލުމާއި ހަލާކެވެ.