ނާޒިމަށް: ރައީސުން ވައްޓާލުމަކީ މާ ކުރައްވާ ހިތްވާ ކަމަކީތަ!

ތިޔައުޅެނީ ރައީސްއަށް އިތުބާރު އޮތްކަން ސާބިތުކޮށްދޭން

ނާޒިމަށް: ރައީސުން ވައްޓާލުމަކީ މާ ކުރައްވާ ހިތްވާ ކަމަކީތަ!

ސިޔާސީ ޕާޓީ ހައްދަވައިގެން ރާއްޖޭގެ ވެރިކަމަށް ފައިނަންގަވައިގެން ކާނަލް ނާޒިމު އުޅުއްވާއިރު ގާނޫނު އަސާސީއެއް ގާނޫނެއް އެނގިވަޑައި ނުގަންނަވައެވެ. ސިޔާސީ ބޭނުމުގައިވެސް ކުރައްވަންވާނީ ކުރެއްވޭ ކަމެއްގައި ގާނޫނީ ހަމަލަމަ އޮތް ކަމެކެވެ. ނޫނީ ތިޔައުޅުއްވަނީ އެނގިވަޑައިގެން ހުންނަވާ ފިތުނަ އުފައްދަވާށެވެ. ތިޔަކުރައްވަން އުޅުއްވާ ކަމަކުން ގައުމަށްކަށް ރައްޔިތަކަށް ނާޒިމަކަށް ވަނެ މޮޅެއް ނެތެވެ. މީގެ ކުރިން ކުރެއްވުނު ކަމެއްގެ ސަބަބުން ބާގީ ލޭބަލް ނަމުގެ ކުރިންނާއި ނިތްކުރިން ތިޔަ އުޅުއްވަނީ ނުނެއްޓެވިގެންނެވެ. އަނެއްކާ ތިޔަ ޖައްސަވަން ފެއްޓެވީ އަނެއް ސަކަރާތެވެ. ވެރިކަމުގައި ތިއްބަވާ ރައީސުން ވައްޓާލެއްވުމަކީ މާ ކުރައްވާ ހިތްޕުޅުވާ ކަމަކީތާއެވެ.

ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އަޒަލް ކުރައްވަން ތިޔަ ކުރައްވަން އުޅުއްވާ ކަމަކުން ރައީސް ސޯލިހުގެ އިތުބާރު އޮތްކަން ނޫން ކަމެއް ސާބިތެއް ނުވާނެއެވެ. ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައި އޮތުމުން މަޖިލިސް ތެޅުން ބޭނުންކުރައްވައިގެން ކެންޕޭން ކުރައްވަން އިދިކޮޅާ ބައިވެރިވެ ވަޑައިގެން ކެނޑޭނީ މިފަހަރުވެސް މަނިކުފާނުގެ އޮފެވެ. އަދި 2028 އޮތީ ކުރިއަށެވެ. އެހެންނުނަސް ވާދަވެރި ކަމުގެ ނަމުގައި މީހުންގެ މަގުބޫލުކަން ހޯއްދަވާނީ ފިތުނަ އުފައްދަވައިގެނެއް ނޫނެވެ. ތިޔައިގެ ތެޜގައި ވެރިކަމައިގެން ނޫޅޭ އެކަކުވެސް އުޅެނީއެއް ނޫނެވެ. ތިޔަ އުޅުއްވަނީ ގައުމިއްޔަތާއި ވަތަނިއްޔަތުގެ ހައްގަކު ނޫނެވެ.

ހައްގުތެދެކެވެ. ބަޔަކު މީހުން ސިޔާސީ މަންފާ ހޯދުމަށް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އަޅުވަން އުޅޭ ހުތުރު ނަމުން އެ މަނިކުފާނު ރެކިވަޑައި ގަންނަވާނީ ވަރަށް ރީތިކޮށްކަން ކާނަލް ނާޒިމަށްވެސް އެނގިވަޑައިގަންނަވާނެއެވެ. އިދިކޮޅު އެއްވެގެން ތަޅަން އުޅޭ ނަކަހަކުން ރައީސް ސޯލިހުގެ މަގުބޫލުކަމެއް ގެއްލުވައެއް ނުލެވޭނެއެވެ. ހުޅުނބުފައިބާ ވަގިނެތޭނީ އިދިކޮޅުގެއެވެ.

ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަކަށް ގިނަ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރެއެވެ. އާއްމު ގިނަ މަސްވެރިންނަށް ނުކުރާބާރެއް ސިޔާސީންނަށް ކޮށްގެން އުޅެނީ ހިތުން މަސްވެރިން ސަރުކާރުދެކެ ވަރަށް ރުޅިއަރުވާ ލެވޭނެ ކަމަށް ހިތައެވެ. ގިނަ މަސްވެރިންނަށް ވާނުވާ އެނގެއެވެ. ދިވެހި މަސްވެރިން 75 މޭލު ބޭރުން މަސްވެރިކަން ކުރުމަކީ އަބަދުވެސް ގާނޫނު މަނާކުރާ ކަމެކެވެ. 75 މޭލު ބޭރުން މަސްވެރިކަން ކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެކަމަށް ހުއްދަދިނީ ރައީސް ޔާމީނުގެ ވެރިކަމުގައި ބޭރުގެ ކަނޑުކަހާ މަސްވެރި އުޅަދު ތަކަކަށް އެކަންޏެވެ. މިހާރަކުވެސް އޭގެ ކުރިއަކުން ވެސް އެނޫން ބަޔަކަށް އިގުތިސާދީ ސަރަހައްދުގެ 75 މޭލު ބޭރުން މަސްވެރިކަން ކުރުމަކަށް ދިވެހި މަސްވެރިންނަކަށް ހުއްދައެއް ނޯވެއެވެ. ދިވެހި މަސްވެރިންނަށް 75 މޭލުގެ ބޭރަކީ އަތުގާ އޮތް ރަންގަޑެކޭ ހިލަގަނޑެކޭ ތަފާތެއް ނެތެވެ. އިދިކޮޅުން ފަޔަށް ހިނިއަަރައިގެން އުޅޭ އުޅުމުގައި އިހުލާސްތެރިކަމެއް ނެތްކަން ހަމަ އެކަނި މިކަމުންވެސް އެމީހުނަށް އެނގެއެވެ.

އަނެއްކޮޅުން ރައީސް ސޯލިހު އަޒަލްކުރަން އުޅޭ އުޅުމުގައި ގާނޫނީ ހުއްޖަތެއް ވެސް ނެތެވެ. މި ސަރުކާރުން ރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއް ވެސް ދޫނުކުރާކަން ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި ރާއްޖޭގެ ސަރަހައްދު ވަރަށް ރަނގަޅަށް ބަޔާން ކޮށްފައި އެބައޮތެވެ. ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ގާނޫނުއަސާސީގައި ބުނާ ގޮތް މިއޮތީއެވެ. " ދިވެހިރާއްޖޭގެ ސަރަހައްދަކީ ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ." 

ރާއްޖޭގެ ސަރަހައްދީ ކަނޑަކީ ކޮބައިކަން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބުނާ ގޮތަކީ ގާނޫނު އަސާސީގައި ބުނާ " އާކިޕެލެޖިކަލް ބޭސްލައިން" ގެ އެތެރެއާއި ބޭސްލައިންގެ ބޭރުން 12 ނޯޓިކަލް މޭލުގައި ހިމެނޭ ޓެރެޓަރީއެވެ. އާޕިލަޖިކަލް ބޭސް ލައިނުން ފެށިގެން 200 ނޯޓިކަލް މެލެކޭ އެ ގާނޫނު ނުބުނެއެވެ. އެހެން ވީއިރު ރާއްޖޭގެ ސަރަހައްދުން ބައެއް ނަގާލައިފިކަމަށް ކުރެވޭ ދައުވައަކި ބާތިލު ދައުވާއެކެވެ. ފަހަރެއްގައި ވެސް ހާއްސަ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުގެ ބައެއް ނޫނެވެ. 200 މޭލުގެ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ އިގްތިސާދީ ބޭނުމަށް ބައިނަލް އަގުވަމީ ކަނޑުން ހާއްސަ ކުރެވިފައިވާ ސަރަހައްދެކެވެ. އެހެން ނޫނަސް އެއްވެސް ދިމާއަކުން ފުރިހަމަ 200 ނޯޓިކަމް މޭލު ރާއްޖެއަށް އޮންނާނީ އެހެން ގައުމެއްގެ އިގްތިސާދީ ސަރަހައްދާ ފުށު ނާރާ ނަމައެވެ. 

ގައުމެއްގެ އިގްތިސާދީ ސަރަހައްދާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮތްނަމަ ހަދަން ޖެހޭ ގޮތްވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި އެބައޮތެވެ. ދިވެހިރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ، ފުށުއަރާ ދިމާއަކާ ބެހޭ ގޮތުން އެ ޤައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމަންޓެއްގެ ދަށުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަށް އެ ޤާނޫނު ހުރަސް ނާޅާކަމަށް އެ ގާނޫނުގައިވެއެވެ. އެ ބީދައިން ރާއްޖޭގެ އުތުރުން އިންޑިއާ އާއި ސްރީލަންކާއާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ އެސަރަހައްދުގެ ފުށުއެރުން އެއްބަސްވުމެއްގެ ދަށުން ހައްލުކޮށްގެން ތިބޭތާ 46 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އޭރުއްސުރެ އެކަމާ ނުވާ ކަންބޮޑުވުމެއް މިއަދު މާބޮޑު ކަންބޮޑުވުމަކަށް ވެގެން އިދިކޮޅުން އުޅެނީ ކަނޑައެޅިގެން ފިތުނަ އުފައްދާށެވެ.

ރާއްޖެއާއި މޮރިސަސްގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ހަމަޖެއްސުން ގާނޫނާ ހިލާފުކަމަށް ބުނާ އެއް ސަބަބެއް ގޮތުގައި ފާހަގަކުރާ އެއްކަމަކީ އެ ނިންމުމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ބުނާ ބުނުމެވެ. ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އެބުނެދޭ އެތި ވަރަށް ސާފެވެ. އެ ގާނޫނުގައި ބުނަނީ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގެންނަ ބަދަލަކުން ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި އެބުނާ ރާއްޖޭގެ ސަރަހައްދަށް ( ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު) އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށެވެ. ރާއްޖޭގެ ސަރަޙައްދީ ކަނޑަކީ ބޭސްލައިންތަކުން ފެށިގެން ބޭރަށް 12 މޭލުގެ ކަނޑުގެ ސަރަހައްދުކަމަށް އެ ގާނޫނު ބުނެއެވެ. ބައިނަލް އަގުވާމީ ކަނޑުން ރާއްޖޭގެ އިގުތިސާދީ ބޭނުމަށް ހާއްސަކުރެވިފައިވާ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުގެ ބައެއް ނޫންކަން އެ ގާނޫނު ވެސް އެބަބުނެދެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ގާނޫނެއް ފާސްކޮށް ބަދަލެއް ގެންނަން ޖެހޭނީ ރާއްޖޭގެ ކަނޑުތަކުގެ ސަރަހައްހަދާއި ބެހޭ ގާނޫނު ބުނާ ފަދަ ފުށުއެރުމުގެ ހާލަތެއް ނަމައެވެ. އެ ގާނޫނުގައި ބުނާ ގޮތުން އެ ހާލަތަކީ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގެންނަ ބަދަލަކުން ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަ ހާލަތެވެ. ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބުނާ ރާއްޖޭގެ ސަރަހައްދަކީ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، ބޭސްލައިންތަކުން ފެށިގެން 12 މޭލު ބޭރު ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ. އެ ސަރަހައްދަށް ބަދަލެއް ނާންނަހާ ހިނދަކު މަޖިލީގެ 3/2 އަޣްލަބިއްޔަތު އެކަމަށް ހޯދާން ނުޖެހެނީ ގާނޫނު އަސާސީއާއި ރާއްޖޭގެ ގާނޫނތަކުގެ އެއްވެސް ތަނެއްގައި ހާއްސަ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުކަމަށް ބުނެފައި ނެތުމުންނެވެ.

މޮރިސަސްއާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއެރުން ހައްލު ކުރިކުރުމުގައި ރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއް ވެސް ނުގެއްލޭއިރު ރައްޔިތުން މަޖިލީހުން ގޮތެއް ކަނޑައަޅާ ގާނޫނެއް ފާސްކުރަން ޖެހޭ ގާނޫނީ ހަމައެއް ނެތެވެ. މި ހުރިހާ ކަމެއް ރަނގަޅަށް އެނގިތިބެ ރައީސް އަޒުލްކުރަން އިދިކޮޅުން ނިކުމެ ރައީސްގެ އިތުބާރުބާރު އޮތްކަމަށް ސާބިތުކޮށްދޭން ތިކުރާ މަސައްކަތަށް ސާބަހެވެ.