މަޖިލީހުގެ ގާނޫނީ ވާޖިބަށް ޕީއެންސީން ހުރަސް އަޅައިފި

ދައުލަތަށް ބަޖެޓް ދެނީ ދިމްޔާތަކުން ޕީއެންސީއަކުން ނޫން

މަޖިލީހުގެ ގާނޫނީ ވާޖިބަށް ޕީއެންސީން ހުރަސް އަޅައިފި

ދައުލަތެއްގެ ނިސްބަތުގައި ކިތަންމެ ބޮޑު މެޖޯރީޓީއެއް އޮތަސް ފާސްކުރަން ހެޔޮނުވާ ކަންކަން ހުރެއެވެ. ބޮޑު މެޖޯރިޓީއެއް އޮތަތީ ޒިނޭ ހުއްދަކުރަންވެސް ފާސްކުރަން ހެޔޮވާނެ ހެއްޔެވެ. ބަނގުރަލާ ޑްރަގު އާއްމުކުރަން ފާސް ކުރަން ވެދާނެ ހެއްޔެވެ. ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތަކީ ކުށެއް ނޫންކަމަށް ކަނޑައެޅޭނެ ހެއްޔެވެ. 

ދައުލަތުގެ ފައިސާއަކީ މުޅި ރައްޔިތުންގެ ހައްގެކެވެ. ބަޔަކު އެއްވެލާފައި ހިތުހުރި ގޮތެއް ދައުލަތުގެ ފައިސާގެ ކަންކަމުގައި ހެދިގެން ނުވާނެއެވެ. ދައުލަތުގެ ފައިސާ ހަރަދުކުރުމާ ގެންގުޅުމާ ބެލެހެއްޓުމުގައި މުޅި ދުނިޔެ ގަބޫލުކުރާ ބުއްދީގެ ހަމަތަކަކާއި ގާނޫނީ ހަމަތަކެއް ހުރެއެވެ. އެހަމަތައް މުގުރާލާ ހިތުހުރި ގޮތަކަށް ދައުލަތުގެ މުދަލާއި ފައިސާގެ ކަންކަން ކުރާނީ ވަރަށް ބޮޑެތި ގައްދާރުންނެވެ.

ދައުލަތުގެ އަހަރީ ބަޖެޓެއް ހަދައިގެން އެބަޖެޓް ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އެ ބަޖެޓުގެ ތެރޭން ހަރަދު ބަރަދު ކުރަން ގާނޫނު އަސީސީގައި އޮންނަނީ ކަމެއް ވެގެންނެވެ. ސަރުކާރު ހިންގާ ބަޔަކު ބޭނުންހާ ގޮތަކަށް ދައުލަތުގެ ފައިސާ އެނބުރޭ ގޮތަށް އޮންނަ ނަމަ މަޖިލީހުން ބަޖެޓެއް ފާސްކުރާކަށް ނުޖެހޭނެއެވެ. މަޖިލީހުން ބަޖެޓެއް ފާސްކުރާނީ ކުރެވޭ ހަރަދުތަކާއި ކުރަން ހުރި ހަރަދުތަކާއި ލިބޭ އާމްދަނީ މަޖިލީހުގެ ކޮންމެ މެންބަރަކަށް ރަނގަޅަށް ފިލާފައި އޮވެގެންނެވެ. އަމްދުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީއަށް ހަރަދު ބަރަދު ވަރަށް ރަނގަޅަށް ސާފުވެފައި އޮންނަންޖެހެއެވެ.

ބަޖެޓް ކޮމެޓީގައި ޕީއެންސީގެ މެޖޯރިޓީ ކިތަންމެ ބޮޑަސް ބަޖެޓުން ހަރަދުވީގޮތް ކޮމެޓީއަށް ސިއްރު ކުރަން ފާސްކުރި ކުރުމަކީ ގައިރު ގާނޫނީ ކަމެކެވެ. ކިތަންމެ ބޮޑު މެޖޯރިޓީއަކުން ފާސް ކުރިޔަސް ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މެންބަރުންނަށް ބަޖެޓުން ހަރަދުކުރި ގޮތް ސިއްރުކުރުމަށް ނިންމި ނިންމުމަކީ ގައިރު ގާނޫނީ ނިންމުމެކެވެ.

ބިޔަ ބޮޑު މެޖޯރިޓީއެއް ޕީއެންސީއަށް އޮތުމަކީ ހިތުހުރި ގޮތަކަށް ކަންތައް ކުރަން ރައްޔިތުން ދިން ލައިސަންސެއް ނޫނެވެ. ހަރަދުކުރި ގޮތްނޭގިމަތި މައްޗަށް ބަޖެޓް ފާސްކުރުމަކަށް ރައްޔިތުން ބޭނުމެއް ނުވެއެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ހޯދަން އެދޭއިރު އަހަރީ ބަޖެޓަށް ހެދިގޮތެއް ނޭގި ސަޕްލިމެންޓްރީ ބަޖެޓް ދޭކަށްވެސް ރައްޔިތުން ބޭނުމެއް ނުވެއެވެ.

ހަރަދު ކުރިގޮތް ނޭނގި ބަޖެޓް ފާސްކުރަން ދިވެހި ދައުލަތަށް ބަޖެޓް ދެނީ ދިމްޔާތަކުން ޕީއެންސީއަކުން ނޫނެވެ. ބަޖެޓް ދިރަސާކުރާ ކޮމެޓީއަށް ބަޖެޓުން ހަރަދުވީ ގޮތް ސިއްރު ކުރުމުން އެނގިގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ވާޖިބަށް ޕީއެންސީން ހުރަސް އަޅައިފިކަމެވެ. ބަޖެޓުން ކުރި ހަރަދު ރައްޔިތުންގެ މަންދޫބުނަށް ސިއްރު ކުރުމަށްވުރެ ހުދުމުހުތާރު ކަމެއް ނުއޮންނާނެއެވެ.