ސައީދު އެމެރިކާގައި އުމުރުދުވަހު ހުއްޓަސް އެހީލިބޭކަށްނެތް!
ރާއްޖެއަކީ އެމެރިކާ މީހުން އައިސް އުޅުން ރައްކާތެރި ނޫން ތަނެއް
ރާއްޖޭގެ އިގުތިސޯދީ ވަޒީރު އެމެރިކާއަށް ގޮސް ސަލާންޖަހާ ނާށިގަނޑު ދިއްކުރާތާ ހަފްތާއެއް ވަނީއެވެ. ޒާތްޒާތުގެ މަޝްވަރާ ބައްދަލުތައް އެބަބާއްވައެވެ. ކަމެއްގައި ކޮޅެއް މެދެއް ނުފެނެއެވެ. ރާއްޖެއަކީ ދުނިޔޭގައި ގައުމެކޭ ކިޔައިގެން އުޅޭ ބަޔަކަށް ވާތީ ބައިނަލްއަގުވަމީ މިންގަޑުން ދެ ގައުމެއްގެ ދޭތެރޭގައި ބާއްވަން ޖެހޭ އިހުތިރާމާއި އެންމެހާ ޕްރޮޓްކޯލްތައް ބަރާބަރަށް އެމެރިކާއިން ފުރިހަމަ ކުރެއެވެ.
މަޝްވަރާތައް ބާއްވާދެއެވެ. ކަންބޮޑުވުންތައް އަޑު އަހައެވެ. ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދޭނެ ކަމަށް ބުނެއެވެ. މާޔޫސްކޮށް ސައްޕު ޖަހާ ފޮނުވައެއް ނުލައެވެ. އެހެން ކަމުން ސައީދުމެނަށް ލައްކައެކޭ ހީވެދާނެއެވެ. އެހެނެއް ކަމަކު ވަށަފަރު މުހައްމަދު ސަރުކާރުން ކަންކަން ކުރަނިއްޔަކީ އެމެރިކާ ހިތުލޯބިން ކަމެއް ކޮށްދޭ ބީދައަކުން ނޫނެވެ.
ވަށަފަރު މުހައްމަދު ވެރިކަމަށް އެރިގޮތަށް އަރާ ވެއްޓިގަތީ އެމެރިކާގެ ވާދަވެރިޔާ ޗައިނާގެ އުނގަށެވެ. އަޑި ނޭނގޭ ވިހި ފަންސަވީސް އެއްބަސްވުމުގައި ޗައިނާއާއި އެކު ރާއްޖޭން ސޮއި ކުރިއެވެ. އާދަޔާ ހިލާފު ގާތްކަމެއް އުފެއްދީ އެމެރިކާއާއި އެންމެ ގުޅުން ގޯސް ތުރުކީއާއި ޕާކިސްތާނު ފަދަ ގައުމުތަކާއެވެ. ޖެއްސުންކޮށް ވަތްކަނޑާލީ އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާގެ " ވޮޗް ޑޯގް" އިންޑިއާ އާއެވެ. މި ހުރިހާ ސަކަރާތެއް ޖަހާފައި ވާނެ ހައެއްޗެއް ވީމާ ކުޑަވެގެން ފައިބުޑަށް ވެއްޓިގަތީމާ ލައްކަ އާދޭސްކޮށް ކުޑަވެގެން ނޫނީ އިސް އުފުލާ ބަލައިވެސް ނުލާނެތާއެވެ.
ވަށަފަރު މުހައްމަދު ކުޅޭނެހާ ކުޅިއެއް ކުޅެފައިގޮސް ރާގު ރާގަށް ބަހަނާ ދެއްކީމާ އެމެރިކާ ހިތްސާފުކޮށްގެން އަތުގުޅާލާނެ ކަމަށް ހީކުރާނީ މޮޔަކަމުންނެވެ. އެއްވެސް އުރަތްޕަތެއް ނެތި ފޮނު އަރުވާފާ ގޮސް ސަލާމަށް އަތް ދިއްކޮށްލުމުން ސަލާން ބަލައިގަތުމަކީ ގެއަށް ވައްދާ އެއްތަށިމަތިންކައި އަތުގައި އޮތްނަމަ އޮތް އެއްޗެއް ދޭން ޖެހޭ ސަބަބެއް ނޫނެވެ.
ގަބޫލުކުރިޔަސް ނުކުރިޔަސް އެމެރިކާއަކީ އިޒްރޭލަށް ކުޑައިމީސްކުރާ އެއްވެސް ބަޔަކަށް ހިތް ހެޔޮވާނެ ގައުމެއް ނޫނެވެ. އދ ގައި މުޅި ދުނިޔެއާ ދެކޮޅަށް އެމެރިކާ ބޮޑެތި ނިންމުންތައް ފާޅުގައި ނިންމާ އިޒްރޭލު ދިފާއު ކުރާއިރު އިޒްރޭލާ ދެކޮޅުވެރި ކުޑަކުޑަ ގައުމަކާ ދޭތެރޭ އެމެރިކާއިން ދެކޭނެ ގޮތް އޮތީ ހިތައް އަރުވާލުމެވެ. ރާއްޖެއާމެދު އެމެރިކާގެ ނުތަނަވަސްކަން ހުރި މިންވަރު ޓްރެވަލް އެޑްވައިޒަރީ އަހަރީ ރިވިއު ރިޕޯޓުންވެސް ވަރަށް ރަނަގަޅަށް ސާފެވެ. ރާއްޖެއަކީ އެމެރިކާ މީހުން އައިސް އުޅުން ރައްކާތެރި ނޫން ތަނެއްކަމަށް ހުސްވި ހަފްތާގައި ސައީދުމެން އެމެރިކާގައި އުޅެއުޅެ ތިއްބާ އެމެރިކާގެ ސްޓޭޓް ޑިޕަރޓްމަންޓުން އިރުޝާދު ދިން ދިނުމަކީ މި ދައްކާ ވާހަކައިގެ ހަގީގަތެވެ.
އެހީ ހޯދުމުގެ ބޭނުމުގައި އެމެރިކާއިން ތުރާކުނު ސައީދު ނުފައިބާ ހުއްޓަސް ކަމަކަށް ވާކަހަލަ ކަމެއް ނުކޮށްދޭނެއެވެ. އެމެރިކާއިން އެހީއެއް ވިއްޔާ ވާނީ އިޒްރޭލް ޕާސްޕޯޓް ބޭންކުރުން ނިމުމަކަށް ގެނެސް އެކަން ރަސްމީކޮށް އިއުލާނު ކުރުމުންނެވެ. ހުރަހެއް ހިފެހެއްޓުމެއް ނެތި އިޒްރޭލު މީހުނަށް ފަހި އަމާން ކަމާއެކު އުޅެވޭނެ އެއްވެސް ނުރައްކަލެއްނެތް ގައުމެއްކަން ކަށަވަރު ކޮށްދީގެންނެވެ.