މުއިއްޒުގެ އޮޑި ކަނޑުނުވެ ސަލާމަތެއް ނުވާނެ!
ދިޔަވަތް ތަކުން އުނގުރިތައް ލުހެން ފަށައިފި.
ގަދަވަޔާ ވިއްސާރައިގެ ކޮޅިގަނޑުތައް އައިސް ބޮޑެތި ގަސްތައް މުލުން ލުހެން ފަށައިފިއެވެ. އެކިވަރުގެ ގެއްލުންތައް ފުލުފުލުގައި އެހެރަދަނީ ލިބެމުންނެވެ. ނަގާ ބޯމަތިވަމުންދާ ތޫފާނުގެ މޭގަ އެހުރެ އަންނަނީ ފެންނަމުން ބޮޑުވަމުންނެވެ. ކަނޑުދުވަން ނިކުމެ ހުރި އޮޑި ކޮޅުންއަޅާ ދިޔަތައް ހަލާނުލާ ދިޔުމަކާ ވައްތަރެއް ނޫނެވެ.
ކަމަޅިމަތިން ބޭލިތާ ކިރިޔާ ހަމަސްވިޔަސް އޮޑިވަޑާމުގެ ދެރަކަމުން ބޭލީއްސުރެ ހިންމިތަކުން ހުންނަނީ ދިޔަ އަރައަރައެވެ. ދިޔަވަރު ކުރަން ހިންމިތަކަށް ރޯނުން ކޮޅިޔަސް ނަގާ ކޮންމެ ރާޅެއްގައި ދިޔަތަން އެބަ ހަލައިލައެވެ.
އައު އޮޑިބާލައިގެން ކަނޑު ދުވަން ނިކުތީ ވަރުރާޅު ބަލައިގެނެއް ނޫނެވެ. ބަރުމަރުކާ އަޑިއަށް ދިޔަސް މީހުން އަރުވާ އޮޑި ބަރާކުރަމުން ދަނީ ވަތުތެރޭގައި ޅައަޅައިގެން ކަމަށް ވިޔަސް ހެޔޮތާއެވެ. ހަފޮޅު އެތެރެ ވިއްޔާ ބައިލިބޭނެއެވެ.
ހަތަރެސް ފައިން ގޯސް ހެދުމުން ފަޅުވެރިންގެ ބައެއް މީހުންނަށް ބައި ދީފާ ކަމެއް ނުކުރުވާ މަހަށްދިޔަ ކަމަށް ރަށުގައި ބޭތިއްބުން ވެސް މާކެޔޮޅަށް ރަނގަޅެވެ. ޝިއުނާމެން ލިސްޓަށް އަނެއްކާ އަނެކަކު އިތުރުވީއެވެ. އޮޑިވެރިންނަށް ދޭނެ ކަށިފޮއްޗެއް ނެތަސް ފަޅުވެރިންނާ ކެޔޮޅު މީހާ ބަނޑުން ލޯއަޑު ކިޔާވަރަށް ކައިފުރާލެވެނިކޮން ނިމުނީތާއެވެ.
ނަގާ ބޯމަތި ވަމުން އަންނަ ކޮޅިގަނޑުގެ ރަނގަޅަށް ލައިނުގަތަސް ކޮޅިގަނޑުގެ ކޮޅުމަތި އެހެރަ ފެންނަނީ ޖެހެމުން އަންނަތަނެވެ. ވައިބާރުވެ ހާޑަށް ތިރިކޮށް ކުޑަރިޔާ އަޅާ ހިސާބަށް ދަނީއެވެ. ހުންގާނު ފުށްބުރުގައި ފެން ނުހިފާ ވަރަށް ބާނި ބޮޑުވެ ރާޅު ގޮއްވަނީއެވެ. ކުނބު ކުރިން ކުރުކުރު އަޑު ކިޔަންފެށީއެވެ. ދިޔަވަތް ތަކުން އުނގުރިތައް ލުހެން ފެށީއެވެ. ނޫރައިންނެކޭ ރާފިލެކޭ ކިޔާނެ ކަމެއް ނެތްތާއެވެ.
ރަނގަޅަށް ކޮޅިގަނޑު ނުޖެހެނީސް އޮޑި ލުއިކުރަން އޮޑިން ބަރުހެން ހީވާ މުދާ ކަނޑަށް އުކަން މިހާއަވަހަށް ފެށީއެވެ. ސަމާހާއި ކުޑޫ މެންކަހަލަ ބޮޑެތި ޒިންމާގައި ތިބި މީސްމީހުން ސަރުކާރުން ކަނޑަނިއްޔެކޭ ނުކިޔަމެވެ.
ކޮޅިގަނޑުގައި 28ގެ ފަހުން ހުންގާނު މައިދާ ނުނެއްޓި ކަނޑުނުވެ ސަލާމަތްވިއްޔާ ރަނގަޅެވެ. އޮޑީގައި ތިބި ކަލާސީންނަށް އޮޑިން ދިޔަވެ އޮޑި ފެތުނަސް މާބޮޑު ކަމަކަށް ނުވާނެތާއެވެ. ކަލާސީންނަކީ ނައު ބައުވާ ބައެއް ނޫންވިއްޔާއެވެ. އެންމެ އައު އޮޑިއަށް އަރަން އެމީހުން އަބަދުވެސް އެ ތިބެނީ އެއް ރޮއްޖަށް ފޫގަޅައިގެންނެވެ.