އަސާސީ ހިދުމަތާ ދަރަނި ދަންތުރަ

އަސާސީ ކަންކަމުން އަތް ދޫކޮށްލާ ނަފާވެރި އިގުތިސާދީ ކުރިއެރުން ތަކަށް ހުޅުވުން

އަސާސީ ހިދުމަތާ ދަރަނި ދަންތުރަ

ދެކަމު ހާޖަތަށް ދަނީ ގޮނޑު ދޮށަށެވެ. ފެން ބޮނީ ދަނޑުމަތި ވަޅުންނެވެ. ފަޅުގާ މާކަނާ ހިނގައެވެ. ވައިރޯޅިއެއް ޖެހެލައިފިނަމަ ފަޅު އޮޑިފަހަރު ކަނޑަ ކަނޑައިގެން ލައްގައެވެ. ރަށްރަށު ރައްޔިތުންނަށް ހަމަ ނިދިނިދާ ނުލެވެއެވެ. 

ރައްކާތެރި ބޯފެނެއް ނަރުދަމާއެއް ނެތެވެ. ބޭނުންވާ މިންވަރަށް ރައްކާތެރި ކަރަންޓެއް ނުލިބެއެވެ. ރަށްރަށަށް އަރާ ފައިބާނެ  ބަނދަރެއް ނެތެވެ. ބޯޅަދަނޑެއް ވޮލީ ކޯޓެއް ފުޓްސަލް ދަޑެއް ނެތެވެ. ތާރު އެޅިމަގެއް މަލްޓިޕާޕަސް ހޯލެއް ނެތެވެ. އަސާސީ ސިއްހީ ފަރުވާއެއް ނެތެވެ. ކުރާނެ ކަމެއް ކުރެވޭނެ ކަމެއްނެތި ހޮޅުއަށިތަކުގައި ވަގުތު ބޭކާރު ކުރުން ނޫން ކަމެއް ނުކުރެވިފައި ގިނަ ބަޔަކު ތިބީ ހަމަ އެކަނި ދުވަހުގެ ފުރާގުކޮޅު އެކަނި ލިބިގެންނެވެ. 

2018 ނޮވެންބަރ 17 އާއި ހަމައަށް އައި އިރު ރާއްޖޭގެ ގިނަ ރަށްރަށުގެ ހަލަތަކީ މިއެވެ. ލަފާފުރޭ ވަރުގެ ރަނގަޅު ބަނދަރެއް ނެތެވެ. ކަރަންޓް ހުއްޓަސް ގިނަ ރަށްރަށުގާ ހުރީ ނަމެއްގައެވެ. ފެނާ ނަރުދަމާއަކީ ސްނާމީ ރިކަވަރީގެ ތެރެއިން ވަރަށް މަދު ރަށަކަށް ނޫނީ ލިބުނު އެއްޗެއް ނޫނެވެ. ދަތުރު ފަތުރުގެ ގައުމީ ވިއުގައެއް ނެތެވެ. 

މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ އާއްމު ހާލަތަކީ ލެއްވެވީތީ ގެންދަވަންދެން ތިބުމެވެ. ކުރާނެ ކަމެއް ކުރެވޭނެ ކަމެއް ނެތެވެ. ރައްޔިތުންނަށްޓަކާ ސަރުކާރުތައް އުފެދި ހިނގަމުން އައެވެ. ދައުލަތުގެ ކެރިފޯރުންތެރި ކަމުގެ ޒައްރެއްގެ މިންވަރުވެސް ގިނަ ރަށްރަށުގެ ރައްޔިތުންނަށް ނުލިބެއެވެ. ހޯދައެއް ނުދެއެވެ. 

ރައީސް މައުމޫނުގެ 30 އަހަރުން ފެށިގެންވެސް ދައުލަތް އޮތީ ދަރާވިކިފައެވެ. ދައުލަތް ދަރާ ވިކިގެން މުޅި ރައްޔިތަށް މީގެ ކުރީން ލިބުނު މަންފާއެއް ލާބައެއް ނެތެވެ. ލިބުނު ލުޔެއް ފަސޭހައެއް ނެތެވެ. އެހެނެއް ކަމަކު މިއަދު ތަފާތެވެ. 

އެތައް ޒަމާނެއް ވާންދެން އަޅާނުލާ އިހުމާލު ކޮށްލެވިފައި އޮތް ރަށްރަށަށް ލިބެމުންދާ ހަލުވި ކުރިއެރުން ފެންނަން އެބައޮތެވެ. ދަރައިގެން ވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮންމެހެން ކުރަން ޖެހޭ ހުރިހާކަމެއް ވަކި ރަށެއް ނުބަލާ ތަފާތު ނުކޮށް އެހެރަ ދަނީ ކުރަމުންނެވެ. ކޮންމެ ރަށަކީ އިގުތިސާދީ މަސައްކަތްތަކެއް ހިންގޭވަރުގެ ގާބިލުކަން ހުރި ރަށަކަށް މިއަދު އެދަނީ ވަމުންނެވެ. 

ރައްޔިތުންނަށް އަސާސީ ހިދުމަތްތަކާއި އިގުތިސާދީ ފުރުސަތުތައް ހޯދާ ނުދީވެސް ގައުމު އޮތީ މީގެ ކުރީން ދަރުވާލާފައެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްޓަކާ ދެރުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ. ދަރަނި މެނޭޖުކުރަމުން މުޅި ރާއްޖޭގެ ހުރިހާ ރަށެއް އެއްފަހަރާ ލާފުރާ ފުރިހަމަ ކުރަމުން ޒަމާންތަކަށް ދެމިގެންދާހެން ގައުމު ބިނާކުރުމަކީ ރައްޔިތުން އެދޭ ގޮތެވެ. ކުރިން ނުކޮށް އޮތް ހުރިހާ ކަމެއް އެއްފަހަރާ ކޮށް ނިންމާލުމުން އެ މަސައްކަތް ކުރާކަށް ދެނެއް ނުޖެހޭނެއެވެ. އަސާސީ ކަންކަމުން އަތް ދޫކޮށްލާ ނަފާވެރި އިގުތިސާދީ ކުރިއެރުން ތަކަށް ހުރިހާ ހިސާބެއް ހުޅުވިގެން ދާނެއެވެ. 

އިންޑަސްޓްރިއަލް ބޮޑެތި ބޮޑެތި މަސައްކަތުގެ ވާހަކަ ނޫނީ އޭރަކުން ނުދެކެވޭނެއެވެ. ފެން ނެތިގެން ލަފާ ނުފުރިގެން ކަރަންޓް ނުލިބިގެން އުޅުމުގެ ވާހަކަ ދައްކާ މީހަކު ދެން ނޫޅޭނެއެވެ. ކުރާނެ ކަމެއް ނެތި ބިއްޖެހިފައި ހޮޅުއަށިތަކުގައި މޫކަނޑާ ތާސްކުޅެން ނުތިބެ ހަރާކަތްތެރި ނަފާވެރި ރައްޔިތަކަށް ކޮންމެ މީހަކު ބަދަލުވެގެން ދާނެއެވެ.