ސިޔާސީމަގާމް 922ކަމަށް ބުނާއިރު ސިއްހީ މަރުކަޒުތަކުގައި އެކަނިވެސް 370

ރޭ ދަންވަރު މީހުން ނިދާ ފައިހިލަވަޅު އޮބުނު ވަގުތު ބަލާ ބިލާދަރު ބިޔަބޮޑު ދޮގެއް އަނެއްކާވެސް ރައީސް އޮފީހުން ހަދައިފިއެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް މުއިއްޒު އައްޔަނުކޮށްފައި ތިބި ސިޔާސީންގެ އަދަދަކީ 922 ކަމަށް ބުނެ ހަދާފައިވަނީ ބޮޑު ދޮގެކެވެ.
އާންމުކޮށް ބަޖެޓް ހަދައި ސިޔާސީ މާގާމްތަކުގެ އަދަދު ބަލާގޮތުންނަމަ، އޮކްޓޯބަރު 2024 ގައި 2280 ސިޔާސީ މަގާމަށް މީހުން އައްޔަން ކޮށްފައިވާ ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހީމް އަމީރު ވެސް ވިދާޅުވެއެވެ. ބަޖެޓުން ނިކަން ރަނގަޅަށް އެކަން ފެންނަން އެބަ އޮތެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ބާރުއަޅަން ފެށުމުން އެ މީހުންގެ ލޮލުގައި އަދުނެއް އެޅުވުމުގެ ބޭނުމުގައި ސިޔާސީ މަގާމުތަކުން 248 މީހަކު އުނިކުރުމުގެ ވާހަކަ ދޭތެރެއަކުން ސަރުކާރުން ނިކަން ބާރަށް ދެއްކިއެވެ. އެ ފަހަރު ކަނޑާލިކަމަށް އިއުލާނުކުރި 248 ސިޔާސީ މުވައްޒަފުންނެވެ. އެމީހުން ކަނޑާލިކަމަށް ބެލި ކަމުގައި ވިޔަސް، 2032 ސިޔާސީ މީހުން އޭރުވެސް ތިބޭނެއެވެ.
މާލީ އިދާރާތަކަށް އޮޅުވާލުމަށް 248 ސިޔާސީ މުއައްޒަފުން ކަޑާލިކަމަށް ކުރިން ބުނި ނަމަވެސް އޭގެން މަދު މީހަކު ނޫނީ ނުކަނޑައެވެ. ކެނޑިއްޔާ ކެނޑީ ސަންސިޔާމާއި މުއިއްޒާދެމެދު އުފެދުނު ނުތަނަވަސް ކަމެއްގައި އެމްޑީއޭގެ ޓިކެޓްގައި ވަޒީފާދީފައި ތިބި މަދު ސިޔާސީން ކޮޅެކެވެ. އެނޫން މީހުންނަށް ބޮޑުވަރަކަށް ކުރިއްޔާ ކުރިކަމަކީ ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކަށް ބަދަލު ކުރުމެވެ. ސަރުކާރުގެ ކުންފުނިތަކަށް މީހުންލަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް ކަމަކަށް ނުވާނެތާއެވެ.
ވަކިކުރި ކަމަށް ބުނި 248 މީހުންގެ ފަހުންވެސް އެތައް ސިޔާސީ މުވައްޒަފުންނެއް ނަގައިފިއެވެ. ކުރީގެ މާލީ ވަޒީރު ވިދާޅުވާހެން ސަރުކާރުން މިހާރު މި ބުނާގޮތަށް ބަލާނަމަ، ރައީސް އޮފީހާއި މުލިއާގެއާއި ހިލާލީގެ އެއްކޮށް 1100 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބޭނެއެވެ. 2023 ނިމުނުއިރު ރައީސް އޮފީހާއި މުލިއާގެއާއި ހިލާލީގޭގައި 409 މީހުން ތިއްބެވެ.
އަނެއްކޮޅުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ ސިއްޙީ މަރުކަޒުގައިވެސް 115 ވަނަ މާއްދާގެ ދަށުން އައްޔަނުކޮށްފައި މަދުވެގެން ދެ މީހުން ތިން މީހުން އެބަތިއްބެވެ. އެމީހުން ވަޒީފާގައި ތިބެނީ ރައީސްގެ ފަތްކޮޅަކުން އައްޔަނުކޮށްފައި ތިބޭ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އާއި ޕޮލިޓިކަލް ޑިރެކްޓަރ އާއި އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރ ފަދަ ނަން ނަމުގައެވެ.
ރައީސް އޮފީހުން ހާމަކުރި ސިޔާސީންގެ ލިސްޓުގައި ބުނެފައިވާ ގޮތުގައި މުޅި ސަރުކާރުގައި ތިބީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 326 އެވެ. ޕޮލިޓިކަލް ޑިރެކްޓަރުންގެ 173 މީހުންނެވެ. އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ އަދަދުކަމަށް ބުނަނީ 04 އެވެ. އެހެނިހެން 49 ސިޔާސީ މަގާމެވެ. އެހެން ކަމަށް ވަންޏާ ސިއްހީ ދާއިރާގައި ތިބި ސިޔާސީ މީހުންގެ އަދަދުން އެކަނިވެސް ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ފެށިގެން ދަށުގެ މުޅި ސަރުކާރުގެ ހުރިހާ ސިޔާސީ މަގާމެއް ފުލްވެއެވެ.
މުޅި ރާއްޖޭގައި ސަރުކާރުގެ 164 ސިއްހީ މަރުކަޒާއި 23 ހޮސްޕިޓަލް އެބަހުއްޓެވެ. އެއިން ކޮންމެ ތަނެއްގައި ސިޔާސީ ދެވެރިން ތިއްބަސް ސަރުކާރުން ސިއްހީ ހިދުމަތްދޭ ތަންތާއެކަނިވެސް 374 މީހުން އެބަ ތިއްބެވެ. ރާއްޖޭގައި ޒުވާނުންގެ މަރުކަޒު ހުރި ކޮންމެ ރަށެއްގައިވެސް މަރުކަޒާ ހަވާލުވެ ހުންނަ ސިޔާސީ މީހަކު ހުރެއެވެ. އެއަދަދުވެސް 130 އަށްވުރެ މަދެއް ނޫނެވެ. އެހެން ކަމުން އަތޮޅުތަކާއި މާލެ ނޫން އެހެން ސިޓީތަކުގައި މަދުވެގެން 500 އަށްވުރެ ގިނަ ސިޔާސީ އެބަތިއްބެވެ. މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އައްޔަނުކޮށްފައި ތިބި މީހުންގެ އަދަދާއި ރައީސް އޮފީހުން ރޭގައި ހާމަކުރި އަދާދާ އުޑާ ބިމާހާ ތަފާތެވެ. ނޫނީ ރައީސް އޮފީހާއި މުލިއާގެއާއި ހިލާލީގެއާއި ވުޒާރާތަކުގައި ތިބިހާ ޑެޕިއުޓީ މިނިސްޓަރ ފެންވަރުން ދަށުގެ ސިޔާސީ މަގާމުތަކުގައި ތިބިހާ މީހުން ކަނޑާ ހުސްކުރީ ހެއްޔެވެ. ދޮގު ހެއްޖަސް ފުކެއް ބޮޑުވަރެވެ.