މުއިއްޒު ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ކޮލިޓީއެއް ނުފެނޭ
ރައީސް މައުމޫނު އިރުއްސުރެ އޮފީހުގެ ހަމަ ހިފަހައްޓަވާ ބޭފުޅުން ތަކެއް ތިއްބަވާ
ކަންކަމަށް އައުވުމަކީ މައްސަލައެއް ނޫނެވެ. އައުކަން ކެނޑެންދެން އުޅެންވާނީ އައުކަން އެނގި ގެނެވެ. ހަޑިއެއް ނުހާވާ ނިކަން މައިތިރިކޮށެވެ. އެހެން މީހުން ކުރިން ކަންތައް ކޮށްފައި ހުރި ގޮތްގޮތާއި އެކަންކަން އެހެން ކުރާންޖެހުނު ސަބަބު ދެނެގަންނަން ވެސް ޖެހެއެވެ. ކައްޓަފުޅި ފެނަށް ދިރެނީ ވެސް މަޑުމަޑުންނެވެ.
ރައީސް މައުމޫނަކީ 1978 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން އިރު ރާއްޖޭގައި ނެތްވަރު މޮޅު ބޭފުޅެކެވެ. ރައީސްކަން ލިބި ވަޑައިގެން އިރު އިތުބާރު ކުރެއްވޭ މޮޅު ބޭފުޅުން ވެސް ތިއްބެވިއެވެ. ހޮދު އެ މަނިކުފާނަކީ ރައީސް ނަސިރުގެ ވަޒީރެއް ވެސް މެއެވެ. އެކަމަކު އެ މަނިކުފާނުގެ ފުރަތަމަ ކެބިނެޓަށް އައްޔަނު ކުރެއްވީ ރައީސް ނަސިރުގެ އަރިހުގައި ވަޒިރުކަން ކުރައްވާފައި ތިއްބެވި ތަޖުރިބާ ކާރު ބޭބޭފުޅުންނެވެ. އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި އިތުބާރު ކުރެއްވޭ އިލްމީ ބޭބޭފުޅުން އިސްކުރެއްވީ ތަޖުރިބާކާރު ވަޒީރު ބޭފުޅުންގެ ނައިބުންނަށެވެ. އެބޭފުޅުން ވަޒީރުންނަށް ހެއްދެވީ ތަމްރީނާ ތަޖުރިބާ ހޯއްދެވުމުންނެވެ.
ސަރުކާރެއްގެ މޫނު މައްޗަކީ ރައީސް އޮފީހެވެ. ރައީސް މައުމޫނު އިރުއްސުރެ ވަރަށް ފަހަކާ ޖެހެންދެން އެތާނގައި ހުންނަ މަސައްކަތު މީހާއިން ފެށިގެން އިދާރީ އެންމެ އިސް މަގާމުތަކާ ހަމައަށް ތިއްބެވި ހުރިހާ މުއައްޒަފުންނަކީ ސަރުކާރުގެ އޮފީސްތަކުން ފުރާނާލައިގެން ނެގޭ ކްރީމް އޮފް ކްރީމެވެ. ހެދުން އެޅުމާއި އުޅުމާ ގުޅުމުގައިވެސް ނިކަން ގޮތްހުރި މުއައްޒަފަކު ނޫނީ ރައީސް އޮފީުގައި ނުހުންނާނެއެވެ. ހަމަ އެހެން ރައީސް އޮފީހުގެ ކޮންމެ ލިޔެކިޔުމަކީވެސް ވަށާޖެހިފައިވާ ކުށެއް ބުށެއް ނެތް ފިސާރި ފެންވަރު ހުރި ލިއުމެކެވެ. ރައީސުލްޖުމްހޫރިއްޔާއާއި ގުޅުން ހުރި ކޮންމެ މީހަކާއި ކަމަކާއި އެއްޗެއް ހުންނާނީ ރައީސް ފެންވަރުގައި އެ ކޮލިޓީގައެވެ.
ރައީސް މައުމޫނަށް ފަހު ރައީސްކަމަށް އިސްވެވަޑައިގެން ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު ނޫން ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން ވެސް ފުރަތަމަ ދުވަހުއްސުރެ ރައީސް ކޮލިޓީ ފެނެއެވެ. ކިތަންމެ ސިޔާސީ ތަފާތުކަމެއް ދެ ރައީސެއްގެ ކިބައިން ފެނުނަސް ރައީސް އޮފީހުގެ ރައީސްވަންތަކަން ކެނޑިފައި އޮތްތަނެއް ބޭރަކަށް ނުފެނެއެވެ.
ރައީސް މައުމޫނު އިރުއްސުރެ އޮފީހުގެ ހަމަ ހިފަހައްޓަވާ ބޭފުޅުން ތަކެއް އެތާނގައި ތިއްބަވައެވެ. ވަރަށް ބޮޑު ގޯހެއް ހަދައިގެން ނޫނީ އެމީހުންގެ ތެރެއިން އެއްވެސް މީހަކާ އެއްވެސް ރައީސަކު ނުކުޅުއްވައެވެ. ސިޔާސީ ގޮތުން ބަދަލުވަނީ ވަކި ހިސާބަކުން މައްޗަށް އިސްކޮށްފައި ތިއްބަވާ ސިޔާސީ ބޭފުޅުންކޮޅު އެކަންޏެވެ.
ރައީސް އޮފީހުގެ ރަސްމީ އެކައުންޓުން ކުރެވޭ ޓްވީޓް ޑިލީޓްކުރުމާއި މަގާމުތަކަށް އިސްކުރައްވާ ބޭބޭފުޅުންގެ ނަންފުޅުތައް ތަކުރާރުވުމާއި ކުރީ ސަރުކާރު ތަކުން އާއްމު ކުރައްވާފައި ހުންނަ ރަސްމީ ލިޔެކިޔުން ރަސްމީ ސައިޓުން ނެގުމާ މިހުންނަނީ ކޮށްއުޅޭ ކަންކަމެއް ނޫނެވެ. ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ކަން ހިނގާ ވަރަށްވުރެ ބޮޑުކޮށްގެން އާއްމު ކުރުމާ މިޒާތުގެ ކަންކަމަކީ ރައީސް އޮފީހުގެ ކޮލިޓީއެއް ނޫނެވެ. ހަމައެހެން މުއިއްޒު ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ކޮލިޓީއެއްވެސް އަދި ނުފެނެއެވެ.