މާލޭ މީހުނަށް ގޯތިދޭން މުއިއްޒު ތެޅެގަތީ ނަގާފާނެ ރާޅަކަށް ބިރުން
މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ނުދީވާން އޮތް ހުރިހާ ބަހާނާއެއް ދެއްކި
ރައީސް ސޯލިހު މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ހައްލު ހޯއްދަވާ ދެއްވުމަށް 9004 ގޯތި ލިބޭ މީހުންނާއި އެ މީހުންގެ ގޯތިތައް އޮތް ތަންތަން ކަނޑައަޅުއްވާ ގެޒެޓްކޮށް އިންވަކިކޮށް ގިނަ ބަޔަކަށް ބިން ކަނޑާ ދެއްވިއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު 600 ގޯއްޗަކަށް ބޭނުންވާ ބިން އޮތީ ނުހިކިއެވެ. އެ ގޯތި ތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ހުއްޓާ ނުލާ އައީ ކުރެވެމުންނެވެ.
ގޯތި ލިބުނު އެންމެނަށްވެސް އެ މީހުންގެ ގޯތި އޮތީ ކޮންތާކުކަން އެނގެއެވެ. ބިން ނުހިކި އޮވެގެން ގޯތި ބޭނުން ނޫންކަމަށް ބުނި އެކަކުވެސް ނެތެވެ. އެންމެން އިންތިޒާރު ކުރަމުން އައީ ބިން ހިއްކާ ނިންމުމުން ގޯއްޗާ އަވަހަށް ހަވާލުވުމަށެވެ.
ރިޔާސީ ކެންޕޭންގައި ޑރ. މުއިއްޒުވެސް ބުނަމުން އައީ އެއްވެސް ބަދަލެއް ނުގެނެސް އެ މީހަކަށް ލިބުނު ގޯއްޗެއް ލިބުނުތާކުން ހަވާލު ކުރާނެ ކަމަށެވެ. ނުހިކި ހުރި ބިންތައް ވެސް އަވަހަށް ހިއްކާ ހަވާލު ކުރާނެ ކަމަށެވެ. ގޯތިތައް ހެދުމަށް ފައިސާދީ ގޯތިތައް ހަދައިދޭނީވެސް މުއިއްޒު ކަމަށް ބުންޏެވެ.
ޑރ. މުއިއްޒަށް ވެރިކަން ލިބުމާއެކު މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރުމުގެ ވާހަކަ ފެށިއެވެ. މާލޭގެ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކީ ރަސްމާލެކަމަށް ބުނެ މާލެ ސަރަހައްދުން ގޯތި ނުދިނުމުގެ ބަހަނާތައް ދައްކަން ފެށީއެވެ. ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުން ހުއްޓާލާ ރަސްމާލެ ހިއްކަންފެށިއެވެ. މާލެއާ ބުރިޖުން ގުޅުވާލެވެންނެތް ފުށިދިއްގަރުފަޅުގައި ހަދާ ރަސްމާލެއާއި މާލެ ގުޅުވާލަން އަންޑަވޯޓަރ ޓަނަލް އަޅާނެކަމަށް ބުނެ ނުކުޅަދާނަ ހުވަފެން ދެއްކިއެވެ.
ހުޅުމާލެއިން ގޯތި ދީފާއޮތީ ހޮޅިތަކުގެ މަތިންނާއި މަގުމަތިން ކަމަށް ބުނެ ކުރީ ސަރުކާރުން ގޯތި ދިންދިނުން ގޯސްކުރިއެވެ. ލޭންޑް ޔޫސް ޕްލޭން ނެތް ކަމަށާއި ކަނޑުން ގޯތި ދީފާ ހުރިކަމަށް ބުނެ މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ނުދީވާން އޮތް ހުރިހާ ބަހާނާއެއް ދެއްކިއެވެ. މޭޔަރ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ސަރުކާރަށް ވޯޓު ހޯދަން ގޯތިތައް ދޭން އުޅޭ ގޮތް ދައްކާލައެވެ. އޭރުވެސް އެކަމުގައި އެއްވެސް އިހުލާސްތެރިކަމެއް މުއިއްޒުގެ ނެތްކަން ވަރަށް ސާފެވެ.
ފ. ނިލަންދޫ ދާއިރާއަށް ދައުލަތް ބަނޑުން ޖަހާލައިގެން މަޖިލީހަށް ހޮވި ރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޮ ސައުދާ ވެސް ވަނީ މާލެ ސަރަހައްދުން ގޯތި ދިނުމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. މާލެ ސަރަހައްދުން ގޯތި ދިންދިނުމަކީ ހިންގާފައިވާ ގެއްލުން ބޮޑު ޖަރީމާއެއް ކަމަށް އޭނާ ވަނީ ސިފަކޮށް ފައެވެ. މުއިއްޒުގެ ޅިޔަނު ޖަނާބް އިބްރާހީމާއި ބާރަށު ޝުޖާއު ފަދަ މުއިއްޒައިގެން ބަނޑު ކެނޑިފާ ތިބި ބަސްވިކޭ މެންބަރުން ފާޅުގައި ވަނީ މާލޭ މީހުނަށް ދީފައިވާ ގޯތިތައް ހަވާލު ނުކުރާން ވަކާލާތު ކޮށްފައެވެ. ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިނގުރައިދޫ ފަލާހު ވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މާލޭ ރައްޔިތުނަށް ދިން ގޯތިތައް ވަކި ކުރަން ވަނީ ގޮވާލާފައެވެ. އެ މީހުންގެ އެ ވާހަކަތާކާ ދެކޮޅަށް މުއިއްޒު ޗުއްޕުވެސް ނުބުނެއެވެ. މާލޭ މީހުނަށް ގޯތި ދިނުމާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ރޭވުންތެރި ގޮތެއްގައި ސަރުކާރުން ކެންޕޭނުތައް ކުރުވިކަމީ އޮޅުވާލެވޭނެ ހަގީގަތެއް ނޫނެވެ.
މާލެ ނޫން ރަށްރަށުން ބިން ހިއްކައިގެން ދީފައިވާ ގޯތިތައް އޯޑިޓްކޮށް ބާޒާރު އަގުން އަގުމަގުކޮށް އެ ރަށްރަށުން ގޯތި ދިނުމަކީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް ދުވަހަކު ވެސް އޮޑިޓް ރިޕޯޓެއް ނެރެފައެއް ނެތެވެ. އެކަމަކު މާލެ ސަރަހައްދުން މާލޭގެ 9000 އާއިލާއަކަށް ގޯތި ދިނުމަކީ ފޫބެއްދެން ނެތް އެތައް ބިލިޔަނުގެ ގެއްލުމެއް ދައުލަތަށް ލިބުނު ކަމެއްކަމަށް ބުނެ އޯޑިިޓްރިޕޯޓެއް ނެރުވީ ދެވަނަ ބޭނުމަކު ނޫނެވެ. މާލޭ މީހުނަށް ގޯތީ ނުދޭން ވެގެންނެވެ.
ބުނެވި ދިޔަ ހުރިހާ ކަމަކުން މާލޭ މީހުނަށް ގޯތި ދިނުމުގެ ނިޔަތް މުއިއްޒު ސަރުކާރުގައި ނެތްކަން ސާބިތެވެ. އެ ހުރިހާ ކަމެއް އެހެން ހުއްޓާ މާލޭ މީހުނަށް ކުރީ ސަރުކާރުން ލިބުނު ގޯއްޗެއް ލިބުނު ތާކުން ކުރީ ސަރުކާރުން ނިންމާފާ އޮތްގޮތަށް ދޭހިތުން ރޭނިދި ނުދިގެން މުއިއްޒު ކުއްލިއަކަށް ތެޅެގެންފިއެވެ. އަމިއްލައަށް އެދިގެން ގޯތި ލިބޭ މީހުންގެ ޖަމާއަތްތަކާ ބައްދަލުކޮށް ކުރީ ސަރުކާރުގެ ނިންމުން ހަލާލުކޮށް މިގަތީ އިހުލާސްތެރި ކަމެއް ހުރެގެން ނޫނެވެ. ގޯޓަބެޔާ އާއި ޝޭހު ހަސީނާ ދިޔަމަގުން ދާންޖެހޭތަން ފެންނާތީ ގަތްގަތް ބިރުންނެވެ.