މުއިއްޒަށް: ރުންކުރުވެ އަމިއްލައަށް އަދާވާތްތެރިން ނުއުފައްދާ!

ނިޒާމުގެ ތެރެއިން ރޭވިގެން ޓެކެމުން ރިބާ ނަގަމުން ރަލާއި އޫރުމަސް ވިއްކައިގެން ލިބޭ ފައިސާގެ ބޭނުންކުރަމުންދާ ދައުލަތެއްގެ ވެރިކަމުގައި ހުރެ މުއިއްޒު ގުރުއާނަށް ބަޔަކު ގޮންޖަހާ ވާހަކަ މިދައްކަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. ކީރިތި ގުރުއާނުގައި އޮންނަނީ ފިތުނަ ފަސާދަ އުފެއްދުމުގެ ނުބައިކަމުގެ ވާހަކަ އެކަނި ހެއްޔެވެ.
ވަގުން ވައްކަން ކުރާ ވާހަކައާއި ވެރިން ދޮގުހަދާ މަކަރުހަދާ އޮޅުވާލާ ވާހަކަ ދެއްކުމަކީ ފަސާދަ އުފެއްދުން ކަމަށް ކީރިތި ގުރުއާނުގައި އޮތީ ކޮންތަނެއްގައި ހެއްޔެވެ. މާތް ކަލާނގެ ގަންދީ ހުވާކޮށްގެން ހުރެ އޮޅުވާލަން ތިޔަ އުޅެނީ ކާކަށް ހެއްޔެވެ.
އަޅެ ބުނެބަލާށެވެ. ވަގުން ވައްކަން ކުރާވާހަކަ ދެއްކުމަކީ ފިތުނަ ފަސާދަ އުފެއްދުން ހެއްޔެވެ. ވެރިން ހުއްޓާނުލާ ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލާ ވާހަކަ ދެއްކުމަކީ ފިތުނަ ފަސާދަ އުފެއްދުން ހެއްޔެވެ.
އާރާ ބާރު ހުރީތީ ޕޯޑިއަމްތަކަށް ހުއްޓިހުރެ މުއިއްޒު ހިތް އެދޭހާ ވާހަކައެއް ހިތް އެދޭހާ ގޮތަކަށް ދައްކާ ދޮގުހަދާ އޮޅުވާލުމާއި ބިރު ދެއްކުމަކީ ސުލްހަ ގާއިމުކުރުން ހެއްޔެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ.
ގައުމީ ސަލާމަތަށް ނުރައްކާ ވަރަށް އަވަށްޓެރި ބިޔަ ބޮޑު އިންޑިއާ އާއި ޖެހިގަނެގެން މަވަރެއް ނެތިގެން އުޅުނުތަންވެސް ދުށީމެވެ. މަވެތިވެގެން ފުއްޕާފައި އުޅެއުޅެފައި ފައިބުޑަށް ވެއްޓި އެޅިހާ ބަތަކަށް ރިހަވެގެން މިހާރު އުޅޭއިރު ކުރިން ދެމި ސިޔާދަތުގެ ފަލަ ރޮނގު ފުހެވުނީ ހެއްޔެވެ.
ވެރިކަމުގެ ހިނގާދިޔަ މުއްދަތުގައި ކުރެވުނު ހުތުރު ތަޖުރިބާތަކުންވެސް ފިލާވަޅެއް ނުލިބެނީ ހެއްޔެވެ. ހެޔޮ ބަހެއް ބުނެލާ ހެޔޮ ނަސޭހަތެއް ދޭނެ މީހަކުވެސް ނެތީ ހެއްޔެވެ. ނޫނީ ހެޔޮ ނަސޭހަތެއް އަހޭވަރަށްވުރެ ގަބުވެފައި ބޯ ހަރީހެއްޔެވެ.
ވަކިވަކި މީޑިޢަތަކެއް ވުޖޫދުން ފުހެލަން ތަންފީޒުކުރި މީޑިއާ ކޮންޓްރޯލް ގާނޫނުގައި އޮތް އެއްޗެއް އެނގެނީ މުއިއްޒު އެކަންޏަކަށް ނޫނެވެ. ރާއްޖޭގެ ގިނަ ނޫސްވެރިންނާއި މީޑިޢަތަކާއި ދުނިޔޭގެ ގައުމުތަކާއި ޖަމާއަތްތަކުން މީޑިއާ ކޮންޓްރޯލު ގާނޫނު ގޯހޭ ބުނާ ބުނުމަކީ އިސްލާމް ދީނާ ދެކޮޅު ބުނުމެއް ކަމަށް ހަދައިގެން ބިރު ދައްކަން އުޅޭނެ ކަމެއްނެތެވެ.
ކޮންމެ ތާކުން ކޮންމެ ބަޔާނެއް ނެރުނަސް ފަރުވާލެއް ނެތޭ ބުނެ ގަދަބަސް ތިޔަ ބުނަނީ ކާކު ސިހޭނެ ކަމަށް ހެއްޔެވެ. ހަމަ ތެދެކެވެ. މިނިވަން ނޫސްވެރިކަމަށް ގޮންޖަހައިގެން ތިޔަ ފޮރުވަން އުޅޭހާ ވައްކަމާއި ހިންގަންއުޅޭ ގޮށްމުށުގެ ވެރިކަމަކަށް ކާމިޔާބެއް ނުލިބޭނެއެވެ.
އަޖައިބެއް ނުވާނެހެއްޔެވެ. އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކަށް މީޑިއާ ކޮންޓްރޯލް ހިނގާނެކަން އެ ގާނޫނުން ސާފުކޮށް އެނގެއެވެ. އެހެން އެކަން އޮއްވާ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ވަނީ ސޯޝަލް މީޑިއާގެ އެކައުންޓްތަކަށް މީޑިއާ ކޮންޓްރޯލް ގާނޫނު ހިގާނެކަން ރައްޔިތުންގެ މަޖިލީހުގައި ކަށަވަރުކޮށްދީފައެވެ.
ރައީސް މުއިއްޒެވެ. ބާރުބާރަށް ރުންކުރުވެފައި ތިތަހެން އަމިއްލައަށް އަދާވާތްތެރިން ނުއުފައްދާށެވެ. ވެރިކަމެއް ލިބިފައި އޮތަތީ ތިޔަ ފާޑަށް ދުނިޔޭގައި އުޅުނު ފުރަތަމަ މީހަކީ މުއިއްޒެއް ނޫނެވެ. ކިތަންމެ ވެރިބަޔަކު ތިޔަ ފާޑަށް އުޅުނެވެ. އެ ހުރިހާ އެންމެންވެސް އާހިރުގައި ނިމިގެން ދިޔައީ ނިކަން ހުތުރުކޮށްނެވެ.