ޔާމީން-ނަޝީދު: ވޯޓު ކަރުދާހުގެ ކިހާ ހިސާބެއްގާ
" ޝައްކު ނުކުރައްވާ ވޯޓުކަރުދާސް ކޮޅުގައި ނަން އޮނާނެ " ކަމަށް ބުނި
" ޝައްކު ނުކުރައްވާ ވޯޓުކަރުދާސް ކޮޅުގައި ނަން އޮނާނެ " ކަމަށް ގަދަ ބަސް ބުނަމުން ދިޔަ މީހުން މިހާރު ކޮބައި ހެއްޔެވެ. ސެޕްޓެމްބަރ ނުވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅުގައި ރައީސް ޔާމީނުގެ ނަން އޮންނާނެ ކަމަށް ބަޔަކު ރައްޔިތުންނަށް ހުވަފެން ދެއްކިއެވެ. ހަމަ އެހެން ކުރީގެ ރައީސް ނަޝީދުގެ ނަންވެސް ވޯޓުކަރުދާސް ކޮޅުގައި އޮންނާނެ ކަމަށް ގޮވާ ހަޅޭލިއެވެ.
ކުރީގެ ރައީސް ޔާމީނުގެ ނަން އޮތުމާ މެދު ޝައްކު ނުކުރާން ބުނެ އަޑު އުފުލީ ގާނޫނީ ހަމަތަކުން އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ކުރީގެ ރައީސް ޔާމީނަށް ނެތްކަން އެނގި ތިބެއެވެ. ގާނޫނު އަސާސީގެ 109 މާއްދާގައި ބުނާ ޝަރުތުތައް ރައީސް ޔާމީނުގެ ކިބައިގައި ފުރިހަމަ ނުވާކަން އެނގިތިބެއެވެ. ގިނަ މީހުންނަކީ ގާނޫނީ ހަމަތަކަށް ފަރިތަ ބައެއް ނޫންކަމުން އެ މީހުން ގަބޫލު ކުރަނީ އެ ބަޔަކު ގަބޫލުކުރާ ސިޔާސީ ލީޑަރުން ދައްކާ ވާހަކައެވެ. ވަގުތުގެ ޖަޒްބާތުގައި މީހުން ޖައްސައިގެން މީހުން ވާވެއްދުމަކީ ސިޔާސީ ގިނަ ބަޔަކު ގަސްދުގައި ކުރާ ކަމެކެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަ ނުވާކަމަށް ކަނޑަ އަޅަން ދެން ޕީޕީއެމް ލީޑަރޝިޕަށް ސްޕްރީމް ކޯޓު ވަރެއް ނެތެވެ. ވޮޑުމުލާ މައްސަލައިގައި ދެ އަކުރުގެ ފަރަގަކުން ރައީސް ޔާމީނު މިނިވަން ވުމުން ސްޕްރީމް ކޯޓުން އިންސާފު ލިބެވޭ ކަމަށް ގަބޫލުކޮށް އެ ކޯޓަށް ތައުރީފް ކުރިއެވެ. ސްޕްރީމް ކޯޓަކީ ސަރުކާރުގެ ނުފޫޒެއް ނުފޯރާ މުސްތަގިއްލު ތަނެއް ކަމަށް އެ މީހުން އޭރު ބުންޏެވެ. މިއަދު އެލަވަ ބަދަލު ވެއްޖެއެވެ.
ރުހުމުގެ ލޮލަށް އައިބު ފެންނަ ކަމަށް ނުހެދިޔަސް ހަގީގަތަކީ ރައީސް ޔާމީނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ މީހެއް ނޫންކަމެވެ. ސްޕްރީމް ކޯޓުން ކޮށްދިން ކަމަކީ ރައީސް ޔާމީނުގެ ނަން ވޯޓުކަރުދާސް ކޮޅުގައި ޖެހެން ނެތްކަން ކަށަވަރުކޮށް ދިނުމެވެ.
ވޯޓުކަރުދާސް ކޮޅުގައި ނަން އޮންނާނެ ކަމަށް ޝައްކު ނުކުރާން ބުނަމުން އައި އަނެއް ނަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 2018 ގެ ވޯޓު ކަރުދާސް ކޮޅުގައި ވެސް ރައީސް ނަޝީދުގެ ނަމެއް ނެތެވެ. އޭރު ނަޝީދު އޮތީ ގާޒީއަކު ރަހީނު ކުރުމުގެ ކުށުގައި ޖަލު ހުކުމުގައެވެ. މިހާރު ރައީސް ޔާމީނަށް ހިގާފަދަ ހުކުމެއް އެ ދުވަހު ނަޝީދުގެ މައްޗަށް ހިނގީއެވެ.
ސެޕްޓެމްބަރ ނުވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅުގައި ރައީސް ނަޝީދުގެ ނަން އޮންނާނެ ކަމަށް ވަރަށް ބާރަށް ގޮވިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލި ވީއްސުރެ ސަޕޯޓަރުން ހިތްރުއްސާ ތާއީދު ހިފެހެޢްޓުމަށް ދެމުން އައި ޔަގީން ކަމަކީ ވޯޓު ކަރުދާސް ކޮޅުގައި ނަން އޮންނާނެ ކަމުގެ ޔަގީން ކަމެވެ. ރައީސް ކަމަށް ކުރިމަތިލުމަކަށް ނަޝީދަކަށް ގާނޫނީ ހުރަހެއް މިފަހަރު ނެތެވެ. ނަޝީދަށް ނެތީ ތާއީދުކޮށް ވެރިކަމަށް ގެނެސްދޭން މަސައްކަތް ކުރާނެ ބައެކެވެ.
ހަމަތެދެކެވެ. ކުރީގެ ރައީސުންނަކީ މާޒީއެވެ. އެ މީހުންގެ ނަމެއް ދެނެއް މި ގައުމަކު ނުވިކޭނެއެވެ. 2013ގައި ދެވަނަ ފުރުސަތު ރައީސް ނަޝީދަށް ދިނެވެ. އޭގެން ނަޝީދުވީ ފޭއްޔެވެ. ރައީސް ޔާމީނަށް 2018ގައި ދިން ދެވަނަ ފުރުސަތުން ޔާމީނު ވެސް ވީ ފޭއްޔެވެ. މި ފަހަރު ދެވަނަ ފުރުސަތު ރައީސް ސޯލިހަށް އެ އޮތީ ދީފައެވެ. މި ފުރުސަތު ގެއްލިއްޖެނަމަ ރައީސް ސޯލިހަށް ވެސް ވަނީ ހަމަ އެހެނެވެ.
ރައީސް ނަޝީދާ ރައީސް ޔާމީނަކީ ޓެސްޓްކޮށް ބޮޑު ތަނުން ފޭލިވެފާ ތިބި ދެމީހުންނެވެ. ދެ މީހުންމެ ދެން ރަނގަޅުވާނީ ރަށުތެރޭން ކޮންމެވެސް އެހެން ކަމަކާ އުޅުނިއްޔާއެވެ.