މާމުއި ހަނދުގެ މޫސުން ނިމެނީ މުއިއްޒު ބޮލާފޮށާ އެޅިގެން!

ބޮޑެތި ފައިސާ ވެރިންނަށް ޕާޓީ ސްލޮޓް ދައްކައިގެން އެތައް ބިލިޔަން ކަޅާކޮށްލައިފި

މާމުއި ހަނދުގެ މޫސުން ނިމެނީ މުއިއްޒު ބޮލާފޮށާ އެޅިގެން!

މާމުއި ހަނދުގެ މޫސުން (ހަނީމޫން ޕީރިއަޑް) ޑރ. މުއިއްޒު ސަރުކާރަށް ދެމަސް ވުމާއެކު ނިމިއްޖެއެވެ. ހަނީމޫން ޕީރިއަޑްގައި މުއިއްޒު ހޮއްލީ ހޮޅިއެވެ. މާމުއި ހަނދުގެ މޫސުމުގައި މުއިއްޒު ގިރަނީ ރަނބައެވެ. އިސްކުރީ ފަސަދައާއި މަކަރާ ހީލަތެވެ. ބަހަނީ ރިޝްވަތެވެ. ކުރަނީ އިސްރާފެވެ. ޖެހިފިތި ބާރުވެ ކަނޑަނީ އަވައްޓެރި ކަމުގެ ގުޅުމެވެ. ހިއްކުމުގެ ކުރިން ވިއްކަނީއެވެ.   

ވެރިކަމަށް އެރީ މަތި ލުއި ގާބިލު ސަރުކާރެއް ހިންގާށެވެ. އެކަމަކު ސިޔާސީ މަގާމު ދިނުމުގައި އެމީހެއް މިމީހެއް ކުށުގެ ރެކޯޑެއް ދަރަންޏެއް އަރަންޏެއް ނުބަލައެވެ. މީހަކަށް މަހަކު 66000.00 ރުފިޔާ ދޭ 45 ވަޒީރުން ލައިފިއެވެ. މަހަކު 42000.00 ރުފިޔާ ލިބޭ އަށްޑިހަ އެތައް ސްޓޭޓް މިނިސްޓަރުން އެބަތިއްބެވެ. މީހަކަށް 32000.00 ރުފިޔާ މަހަކުދޭ 160އަށްވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ވެސް ލައިފިއެވެ. އަދިވެސް ލަމުން ލަމުން ދަނީއެވެ.

ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރާއި ނައިބު ރައީސް ގަނޑުވަރުގައި އެކި ފެންވަރުގެ 400އެއްހާ ސިޔާސީ މުއައްޒަފުން އެބަތިއްބެވެ. ކޮންމެ މިނިސްޓްރީއެއްގައި ސިނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުން ތިބީ ހައްދެއް ނެތް މިންވަރަށެވެ. އަތޮޅުތަކުގައި އެކި ނަންނަމުގައި ތިބިހާ ސިޔާސީ މުއައްޒަފުން އިންތިހާއެވެ. އެ މީހުންގެ މުސާރައާއި އިނާޔަތް ތަކަށް މަަހަކު ވިއްސަކަށް މިލިޔަން ރުފިޔާ އެބަ ހޭދަކުރެއެވެ. ދުވަހަކު އެބުނާ 700 ސިޔާސީ މަގާމް ހަމަވާ ކަމަކަށް ނުހަދައެވެ. އުޑެއް ބުޑެއް ނޭނގޭ އެތައް ބަޔަކަށް ސިޔާސީ މަގާމު ދީގެން މުސާރަ ދިނުމަށް ދައުލަތުގެ ފައިސާ ހޭދަކުރުމުގައި ހައްދެއް ނެތެވެ. 

ޕާޓީއަށް މަޖިލީހުން މެންބަރުން ގަންނަން ފަންސާސް އެތައް މިލިޔަނެއް ހަރަދުކޮށްފިއެވެ. އެންމެ ހަތަރު މަސް ދުވަހުގެ މުހުލަތަށެވެ. ވެރިކަމުގައި ބަގުޑި ބައްދަން މަޖިލީހުގެ ގިނަ ގޮނޑިތަކެއް ނުހޯދައެއް ނުވާނެތާއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް މުއިއްޒު ހޯދަން ބޮޑެތި ފައިސާ ވެރިންނަށް ޕާޓީ ސްލޮޓް ދައްކައިގެން އެތައް ބިލިޔަން ރުފިޔާއެއް ކަޅާކޮށްލައިފިއެވެ. މާލެ ސިޓީ މޭޔަރު ކަމުގައި ހުރިއިރު މާލޭގެ އެތަން މިތަނުން އެއް ޕާކިން ސްލޮޓް އެތައް ބަޔަކަށް ވިއްކިހެން، ޕީއެންސީ މަޖިލިސް ސްލޮޓް ތަކުން ވަކި ސްލޮޓްތަކެއް ވަކި ބަޔަކަށް ހާއްސަ ކުރުމަށް ފަހު ދެން ހުރި ކޮންމެ ސްލޮޓެއް އެތައް ބަޔަކަށް ވިއްކައިފިއެވެ.

ފުނަދޫ ދާއިރާގެ ސްލޮޓް އަދުރޭއަށް މިލްކުކޮށް ދިން އިރު މުއިއްޒުގެ ކޮއްކޯފުޅު ސައުދާއަށް ފ. ނިލަންދޫ ދައިރާގެ ސްލޮޓް ހާއްސަކުރީ ވާދަކޮށްފާނެހެން ހީވާ ކޮންމެ މީހަކަށް ނުއެކަށޭނަ ބޮޑު ސިޔާސީ މަގާމް ދީގެންނެވެ. މުއިއްޒުގެ ދެބެންގެ ދެދަރި ބޭބޭފުޅު ނަމިރާ ނާޒިމަށް ދިއްގަރު ދާއިރާ ދިނީ ހިބައިންނެވެ. ރެޑްވޭވް ސަލީމަށް އޭދަފުށީ ދާއިރާގެ ސްލޮޓް ދިނީ ހިތަކަށެވެ. 

ދާއިރާ ތަކުގައި ކުރިއްސުރެ ޕްރޮގްރެސިވް ކޯލިޝަންގެ ރޫހު ދިރުވާ އާލާކޮށް ޖާނާ މާލުން ގުރުބާންވި މީހުންނަށް އެއްވެސް އިހުތިރާމެއް އިސްކަމެއް މުއިއްޒު ނުދިނެވެ. ކޮންމެ ދާއރާއަކަށް އެދާއިރާގެ މީހުން ދުވަހަކު ލޯނުދެކޭ ބަޔަކު މުއިއްޒުގެ ކެންޑިޑޭޓުން ގޮތުގައި ނެރެގެން ފައިސާއަޅާ ދާއިރާތައް ގަރަނބު ކޮށްލައިފިއެވެ. ރިޝްވަތާ ފަސާދައިގެ ތެރެއަށް ދާއިރާތައް ވައްޓާލީއެވެ.

އިހަށް ކުރަން ވާކަމެއް ފަހަށް ކުރަންވާ ކަމެއް ނޭނގި ކަންނުކޮށް ނަންވުމަށް ބިލިޔަން ހަރަދު ކުރަނީއެވެ. މުއިއްޒުގެ ކަމަކީ އަމިއްލަ މަގުބޫލުކަން މީހުންގެ ތެރޭގައި ނެތުމުން ސެލްފް ޕްރަމޯޝަނަށް ހަރަދު ކުރުމެވެ. ދައުލަތުން ކުރާނެހާ ކަމެއް ކުރަމުން ދައުލަތް ދަރަނިވެރިވެފައި ވާހަކަ ދައްކަނީ ރައްޔިތުންގެ ހަމްދަރުދީ ހޯދުމަށެވެ.

އެއްޗެއް ނުފޮރުވާން ހުވާކޮށްގެން ވެރިކަން ހޯދި މުއިއްޒަށް ހައްސާސްކަން ބޮޑުވެ ހާމަކުރެވޭ އެއްޗެއް ނެތެވެ. ފެނަކައިން މުއައްޒަފުން ވަކި ނުކުރާން ވަދުވެގެން ވޯޓު ހޯދި މުއިއްޒު ވެރިކަމަށް އެރިގޮތަށް ކަނޑަނީ ފެނަކައިގެ މުއައްޒަފުންނެވެ. ރައީސް ޔާމީނު މިނިވަން ކުރުމާއި އިންޑިއާ ސިފައިން ބޭލުމާއި ގެއްލުނު ކަނޑުވީ ހިޔާލީ ފޮލާއަކަށެވެ. މާމުއި ހަނދުގެ މޫސުން ނިމިދާ ގޮތުން މުއިއްޒު ބޮލާފޮށާ އެޅޭތަން އެބަފެނެއެވެ.