ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލެވޭ އަޑު ގަދަވަނީ
އިންޑިއާގައި އާއްމުން ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެންޕޭނަކަށް ތައްޔާރުވާކަމުގެ ކޮޅުމަތި ފެނޭ
އިދިކޮޅު ޕާޓީގެ ގޮތުގައި ތިބެ ރޫލިންގ ޕާޓީއާއި ދެކޮޅަށް ދައްކާ ވާހަކައެއް ގޮތުގައި އިންޑިއާ އާއި ދެކޮޅުވެރި ވާހަކަ ޕީޕީއެމް-ޕީއެންސީ އިން ދެއްކިޔަސް އެކަމަކީ މާބޮޑު މައްސަލައެއް ކަމަކަށް އޭރަކު އިންޑިއާ އަކުން ނުދެކެއެވެ. ރާއްޖޭގެ ސިޔާސަތަކީ އެއީ ނޫންކަން އޭރު އިންޑިއާއިން ގަބޫލު ކުރެއެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަށް އެކަން ހަޖަމު ކުރާކަށް އޭރަކު އުނދަގުލެއް ނޫނެވެ.
ވެރިކަމަށް ޕީއެންސީ - ޕީޕީއެމް އައުމަށް ފަހުވެސް އިންޑިއާއަށް ފުރައްސާރަ ކުރުމެއް އެމީހުން ނުހުއްޓައެވެ. ރައީސް ޑރ. މުއިއްޒު ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ގިނަ ބަޔަކު ހުއްޓާނުލާ ކޮންމެ ދުވަހަކު އިންޑިއާއަށް ފުރައްސާރަ ކުރާ ކުރުން ސީރިއަސް މައްސަލައެއް ގޮތުގައި އިންޑިއާއިން ނަގައިފިއެވެ. ރައީސް މުއިއްޒުގެ ވަޒީރުންގެ ނައިބުންނާއި ވެރިކަން ހިންގާ ޕާޓީގެ އިސްސަފުގައި އުޅޭ އެތައް ބަޔަކު އިންޑިއާއާއި ދެކޮޅަށް އުފުލަމުންދާ އަޑަކީ ދިވެހި ސަރުކާރުގެ ސިޔާސަތު ނޫން ކަމަކަށް މިހާރަކު އިންޑިއާއަކުން ނުދެކެއެވެ.
ވެރިކަމުގެ ހުވާކުރި ފަހުން ރައީސް މުއިއްޒު ވެސް އިންޑިއާ އާއި ދެކޮޅަށް އެކި ފަހަރު ދައްކަވާފައިހުރި ވާހަކަ ތަކުން ދިވެހި ރާއްޖެއާއި މެދު އިންޑިއާގެ ހިތް ހެވެއް ނޫނެވެ. ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިންޑިއާގެ އާއްމު ރައްޔިތުންނާ ހަމައަށް ތިލަވެ އެއް ރޫހެއްގައި ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެންޕޭނަކަށް ތައްޔާރު ވަމުން ދާކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ.
އިންޑިއާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް ދަތިކޮށް އިންޑިއިން ބޭރުވާވަރު ކޮށްލުމުގެ އަމާޒު ހިފައިގެން މަސައްކަތްތަކެއް ކުރުމަށް ރޭވެމުންދާ ކަމަށްވެއެވެ. ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދާ ދިވެހިންނަށް ދަތިކުރުމާއި ކުރިން ދިވެހިންނަށް އިންޑިއާގައި އޮންނަ ލުއިތައް މުޅިން ކަޑާލުމަށް ވިސްނަމުން ދާކަމަށް ވެއެވެ.
ރާއްޖެ އަންނަ އިންޑިއާ ޓުރިސްޓުންނަށް ލަކުޑިދީބުގެ ގޮނޑުދޮށްތައް ހާއްސަކޮށް، ހާއްސަ ޓޫރިޒަމް ޒޯނަކަށް ލަކުޑިދީބު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ރާއްޖެއަށް އިންޑިއާ އިން ގެންނަ އަސާސީ މުދާ ލިބުމުގައި ދީފައި އޮންނަ ހުރިހާ ލުއިތަކެއް ދިނުން ހުއްޓާލާ ރަސްމީކޮށް އިއުލާނު ނުކޮށް ދަތިކުރުމުގެ ފިޔަވަޅު ތަކެއް އެޅުމަށް ވިސްނަމުން ދާކަމަށް ވެއެވެ.
ރާއްޖެއަކީ ބަޖެޓް ސަޕޯޓްގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ހިލޭ އެހީއާއި ލޯނު އެހީ ދެމުން އަންނަ އެންމެ އެކުވެރި ގައުމެވެ. ލޯނުތައް ރިސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ދަނީ ކުރެވޭތޯ ބަލަމުންނެވެ. އެހެނެއް ކަމަކު ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެކަމަކީވެސް އެހާ ފަސޭހައިން މިހާރަކު ކޮށްދެވެން އޮތް ކަމަކަށް ނުވެއެވެ.
ރާއްޖެއަށް ދިމާވި ދަތި އުނދަގޫ ހުރިހާ ވަގުތެއްގައި އެންމެ އަވަހަށް އެންމެ ރަނގަޅަށް އެހީތެރިކަން ފޯރުކޮށްދެމުން އައިސްފައި ވަނީވެސް އިންޑިއާއިންނެވެ. 88 ނޮވެމްބަރ 3 ގެ އުދުވާނާއި ސްނާމީ އާއި މާލެ ފެނަށް ޖެހުމުންނާއި ކޮވިޑްގެ ހާލަތުގައި އިންޑިއާއިން ވެދިން އެހީތެރިކަމަކީ ދިވެހިން ބަލައިގަތް ކަންކަން ކަމަކަށް މިއަދަކު އިންޑިއާ އަކުން ނުދެކެއެވެ.
ރާއްޖޭގެ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަމަލުކުރާ ގޮތުން ރާއްޖޭގެ ބޯމައްޗަށް ނަގާ ވިލާގަނޑުގެ ބޮޑުކަމާއެވެ. ސޯޝަލް މީޑިއާގައި އިންޑިއާ އައުޓް ކެންޕޭން ފުޅާ ދާއިރާއެއްގައި ހިންގަނީ މިދުއަމް ސައުދު ކިޔާ ދިވެއްސެއް ކަމަށް މައުލޫމާތު ލިބެއެވެ. މިދުއަމް ސައުދަކީ ޗައިނާ-މޯލްޑިވްސް ޕްރެންޑްޝިޕް ޖަމުއިއްޔާގެ އިސް މަސްއޫލު ވެރިއެއް ކަމަށްވެއެވެ. އޭނާ އިންޑިއާ އާއި ދެކޮޅަށް ކުރާ ކެންޕޭނަކީ ޗައިނާގެ މަސްލަހަތުގައި ކުރާ ކަމެއްކަމަށް ބުނެއުޅެއެވެ. ކޮންމެ ހެނެއް ވިޔަސް ކަމަކީ އެކަމުގެ ނުރައްކާތެރިކަން ރާއްޖެއަށް އިންތިހާއަށް ބޮޑުކަމެކެވެ.