ޔާމީނަށް ކެންޑީޑެންސީ ދިނުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފާނެ!

ސްޕްރީމް ކޯޓުން އިސްނަގައިގެން ހުކުމް ބާތިލު ކުރުމަކީ މުސްތަހީލު ކަމެއް

ޔާމީނަށް ކެންޑީޑެންސީ ދިނުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފާނެ!

ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސުލް ޖުމްހޫރިއޔާ ކަމަށް ކުރިމަތި ލެވެނީ ވަކި ޝަރުތު ތަކެއް ހަމަވެގެންނެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާ ބުނަނީ " ރައީސުލްޖުމްހޫރިއްޔަ ކަމުގެ މަޤާމަށް އިންތިޚާބު ކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ." 109 ވަނަ މާއްދާ ބުނާ ޝަރުޠު ތަކަކީ:- 

(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.

(ށ) މުސްލިމަކުކަމުގައި ވުމާއި ، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(ނ) އުމުރުން ތިރީސް ފަސް އަހަރު ވެފައިވާ މީހަކު ކަމުގައި ވުން.

(ރ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުނ.ް.

(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާޞް ނުކޮށް ހުރި މީހަކު ކަމުގައި ނުވުން.

(ޅ) ޖިނާއީ ކުށެއް ކުރި ކަން ސާބިތުވެގެން ބާރަ މަސް ދުވަހަށްވުރެ ދިގު މްއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމ،ަ އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފް ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވުން.

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްކަމުގައި ވީ ނަމަވެސް އެ މީހަކީ އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރި ކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

ކުރީގެ ރައީސް ޔާމީނަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި އެ ބުނާ ގޮތަށް "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސް ދުވަހަށްވުރެ ދިގު މްއްދަތުގެ ޙުކުމެއް ކުރެވިފައިވާ" މީހެކެވެ. އެ ޙުކުމް ތަންފީޛު ކޮށެއް ނުނިމެއެވެ. ހުކުމް ދަނީ ތަންފީޒު ކުރެވެމުންނެވެ. ޔާމީނަށް ސާބިތު ވެފައިވާ ޖިނާއީ ކުށުގެ އަދަބު އަދި މައާފު ކޮށްދީފައި ވެސް ނުވެއެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ކުރެވޭ މީހެއްގައި ހުންނަން ޖެހޭ ކަމަށް ގާނޫނު އަސާސީގެ 109 މާއްދާ ބުނާ ޝަރުޠުތައް ފުރިހަމަވާ މީހަކަށް ޔާމީނު ނުވެއެވެ.

އިލެކްޝަނުން ޔާމީނުގެ ފޯމް ބަލައިގަތަސް މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ މީހުންގެ ލިސްޓްގައި ޔާމީނުގެ ނަން އޮންނާކަށް ފުރުސަތެއް އަދި ނެތެވެ. ޔާމީނުގެ މައްޗަށް ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ސްޕްރީމް ކޯޓަކަށް ވެސް ޔާމީނުގެ ނަން ރިޔާސީ އިންތިހާބުގެ އުންމީދުވާރަކަށް ނުހެދޭނެއެވެ. 

ޔާމީނަށް ރިޔާސީ އިންތިހާބުގައި މި ދަނޑިވަޅު ވާދަ ކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. ޔާމީނުގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފައި ޖިނާއީ ދެ ކުށަކީ ޔާމީނު މައްޗަށް ކުށް ސާބިތު ނުވާ ދެހުކުމް ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމެވެ. އިސްތިއުނާފް މަރުހަލާގައި އޮތް އެ ދެ މައްސަލާގައި ހައިކޯޓުން ހުކުމެއް ނުއިއްވާ އޮއްވާ ސްޕްރީމް ކޯޓުން އިސްނަގައިގެން އެ މައްސަލައިގެ ހުކުމް ބާތިލު ކުރުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ.

އަސްލު މައްސަލައަށް އިންސާފު ހޯދާނުދީ ވަކި މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ހޯދާދިނުމަށް ބޮޑު ޖިނާއީ ކުށްވެރިއަކީ ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅުމަކީ ސްޕްރީމް ކޯޓުން ކުރާނެ ކަމެއް ނޫނެވެ. ގާނޫނީ ހުކޫމަތު ހިނގާ ތަނެއްގައި އެއްޔަކީ ކޮށްއުޅޭ ކަންކަމެއް ނޫނެވެ. މި ހުރިހާ ކަމެއް މިހެން އޮތަސް ޔާމީނަށް ކެންޑީޑެންސީ ދިނުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފާނެ ހެއްޔެވެ.