މުއިއްޒަށް: ޒަމާނީ ޓެކްނޯލޮޖީއާއެކު އުދުހެނީ ހަމަ އިންޑިއާ ސިފައިން!

ސަރުކާރުން ދިވެހިން ސިފަކުރަނީ ހުސްގަޔާއުޅޭ ރިޔަލުދޯނި ދުއްވާ ބައެއް ގޮތަށް

މުއިއްޒަށް: ޒަމާނީ ޓެކްނޯލޮޖީއާއެކު އުދުހެނީ ހަމަ އިންޑިއާ ސިފައިން!

ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭ ވަރަށް މުއިއްޒު ބޮލުރޮދި ކެނޑިފައި ހުއްޓަސް އެންމެނަކު ތިބީކީ ވާނުވާއަކު ނޫނެވެ. ގައުމީ ދުވަހު ރައީސްގެ ދުލުން އިވެންނުވާ ޒާތުގެ ވާހަކަ އިވުނީމާ ކުރީގެ ފާރުތަކުގައި ދިލަގަދަ ވާނެކަމެއް މުއިއްޒަކަށް ނޭގެއެވެ. ތޮއްޑޫ މީހަކު ދިން ބޮޑުކަރައެއް ބެލުމެއްނެތި ފަޅާލެވޭއިރު އޮއްބުރާ މުޅިތަން ހަޑިވެދާނެކަމެއް ވެސް އެނގެނީއެއް ނޫނެވެ. 

ބުނަން ހެއްޔެވެ. ކުރިއަކުވެސް މިހާރަކުވެސް ރާއްޖޭގައި ގާއިމުވެގެން ބޭރުގެ ސިފައިން ނެތްކަން މުޅި ދުނިޔެއަށް ވެސް ވަނީ ކަށަވަރުވެފައެވެ. ދިވެހިންނަށް އެކަން މާ ރަނގަޅަށް އޮތީ ސާފުވެފައެވެ. ބޭރުގެ ސިފައިންނޭ ކިޔައިގެން މުއިއްޒު އަނގަ ނުހުޅުވާށެވެ. 

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އަނެއްކާވެސް ރާއްޖޭގައި ގާއިމުވެގެން ތިބި ބޭރު ސިފައިންނޭ ކިޔައިގެން އަނގަ ތަޅައިގެންފިއެވެ. " ރާއްޖޭގައި ގާއިމުވެ ތިބި ބޭރުގެ ސިފައިން ފޮނުވާލާ، ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓެކްނޯލޮޖީއާއެކު އުޅަނދުތައް އުދުހެމުން އެދަނީ" ކަމަށް ބުނެ އަނެއްކާ މަވެތި ވާން ފެށީއެވެ. 

ރާއްޖެ ބަލަހައްޓަން ނޫނަސް ރާއްޖޭގައި މިހާރުވެސް ބޭރުގެ ސިފައިން އެބަތިއްބެވެ. ސެނަހިޔާ ހޮސްޕިޓަލްގައި މިހާރުވެސް ޔުނީފޯމް އެޅި އިންޑިއާ ސިފައިން އެތިބީއެވެ. ރާއްޖޭގެ ސަރަހައްދު ބަލަހައްޓާށާއި ކުއްލިހާލަތުގައި ބޭނުން ކުރުމަށް އެއޮތީ ކުރިންވެސް އޮތް އިންޑިއާގެ މިލިޓަރީ ދެހެލްކޮޕްޓަރާއި ޑޯނިއާ ބޯޓެވެ. އެ އުޅަދުތައް ދުއްވާ ބެލެހެއްޓުމުގައި އުޅެނީ ކުރިންވެސް ތިބި ވަރަށް އިންޑީއާ މީހުންނެވެ. އެ އުޅަނދުތައް ބޭނުންކޮށްގެން ޔުނީފޯމް އެޅި އިންޑިއާ ސިފައިން ކުރިހާ ކަމެއް މިހާރު ތިބި ޔުނީފޯމް ނާޅާ ސިފައިން ވެސް ކުރެއެވެ. އިންޑިއާ ސިފައިން ބާލަނިއްޔޭ ކިޔައިގެން އޭރު އެނބުރީ ބޮޑު ގޭސް ގަނޑެކެވެ. އެކަމުގެ ސަބަބުން ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރާބުވެ އިތުބާރު ކެނޑުން ނޫން ކަމެއް ނުވެއެވެ. 

އިންޑިއާއަށް ގޮތް ދައްކަން 500 މިލިޔަން ޑޮލަރު ހޭދަކޮށްގެން ތުރުކީން ގަނެގެން ގެނައި ކުޅޭކުޅޭ ޑްރޯން ތެޔޮލާ އުރަލައްވާފައި އޮތީ ފޮރުވާފައެވެ. ބޭނުމެއް ނުހިފޭ ޑްރޯން ފޮރުވާފައި ބާއްވައިގެން ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓެކްނޯލޮޖީއާއެކު އުޅަނދުތައް އުދުހެމުން ދަނީއޭ ބުނީމާ މުޅި ދުނިޔޭން ވެސް ކުރަނީ މަލާމާތެވެ. މުއިއްޒު އެނބުނާ ޒަމާނީ ޓެކްނޯލޮޖީއާއެކު އުދުހެނީ ބޭރުކުރަން އުޅެ ބޭރުނުކުރެވުނު އިންޑިއާގެ މިލިޓަރީ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓެވެ. އިންޑިއާއިން ރަގަނޅު އެއްޗެއް ބޯން ނުދީ ތިބޭކަން ރަގަޅެވެ. 

ގައުމިއްޔަތުގެ ނަމުގައި މަޅީގައި ޖައްސައިގެން މީހުން ވާވައްދަން އުޅުނަސް އެންމެންނަކީ ހިނގާ ގޮތާ ކުރާކަންކަން ނޭނގޭހާ ހަނދާން ބަލި ބައެއްނޫނެވެ. މި ޒަމާނަކީ މައުލޫމާތާއި ޓެކްނޮލޮޖީގެ ޒަމާނެވެ. މުންޑެއް އަނދެގެން ހުސްގަޔާ ބޮލުގައި ފޮށާއޮޅައިގެން ރިޔަލު ދޯނީގައި އުޅޭބައެއް ކަމަށް ދިވެހިން ސިފަކޮށް ދީގެން ގެންދާން އުޅޭ ގައުމިއްޔަތާ ދިމާއަށް ދާކަށް އަދުގެ ދިވެހިން ތައްޔާރެއް ނޫނެވެ.