އިންތިހާބަށް ހުރަސްއެޅި ކަމަށް ޔާމީނު އެއްބަސް ވެއްޖެ
މިއަދު އަނިޔާވެރި މާހައުލެއް ރާއްޖޭގައި ނެތްކަން ޔާމީނު ކަށަވަރު ކޮށްދޭ!
ވާހަކައެއް ދައްކާއިރު މި ދެއްކެނީ ކޮން ވާހަކައެއް ކަންވެސް ޔާމީނަކަށް ނޭގެއެވެ. ތިމާގެ އަނިޔާވެރިކަމާއި ތިމާގެ ގޮތެއް ނެތްކަން އިއްޔެވެސް އަމިއްލައަށް ޔާމީނު ރައްޔިތުންނަށް ހާމަ ކޮށްދީފިއެވެ. ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ހަރަކާތަށް ހުރަސް އަޅާ އިދިކޮޅުގެ ހަރާކާތް ނައްތާލުމަށް ބާރުގެ ބޭނުން ކުރިކަން ކަށަވަރު ކޮށްދީފިއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ވާދަވެރި އިދިކޮޅު ހަރަކާތް ހިންގުމަށް ފުރުސަތު ތައްމިނަށް ހުޅުވިފައި އޮތްކަން ވެސް ޔާމީނު ކަށަވަރު ކޮށްދީފިއެވެ. ޔާމީނު ވެރިކަމެއްގައި ވާދަވެރި ޕާޓީއަކަށް އެ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއް ވެސް ބާއްވަން ޖެހޭނީ މަރަށް ފުރާނައަށް ކަމަށް ޔާމީނު ބުނެފިއެވެ. ވާދަވެރި ޕާޓީތަކުން އިންތިހާބު ތަކުގައި ވޯޓު ދިނުމުގެ ފުރުސަތު ބަންދުކޮށް ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑު ކޮށްލި ކަމަށް އަމިއްލައަށް އޭނާ އިއުތިރާފް ވެއްޖެއެވެ.
ޕީޕީއެމްގެ ދާއިރާތަކަށް ރައީސުން އިންތިހާބު ކުރުމަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބެއް ރާއްޖޭގެ ކަންކޮޅުގައި އިއްޔެ ބާއްވައިފިއެވެ. ސަރުކާރުން އެ އިންތިހާބު ބޭއްވިޔަ ނުދޭން އެއްވެސް ކަމެއް ނުކުރެއެވެ. ހެންވޭރު ދަނޑުގައި ޓެންޓް ޖަހައިގެންނާއި ރާއްޖޭގެ ކަންކޮޅު ތަކުގައި ދައުލަތުގެ ބައެއް މުއައްސަސާވެސް މި އިންތިހާބުގައި ޕީޕީއެމުން ބޭނުންކުރިއެވެ. ސަރުކާރުން ކުޑަވެސް ހުރަހެއް އެޅި ނަމަވެސް އެހާ އޮމާން ކަމާއެކު އެކަމެއް ނުވީސް ނޫން ހެއްޔެވެ. ޕީޕީއެމްގެ އެތެރޭގެ އިންތިހާބެއް އަމާން ކަމާއެކު ބޭއްވުނީ އެ ކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނޭޅީމައެވެ. ފުލުހުން ފޮނުވައިގެން ވޯޓު ފޮށިތައް އަތު ނުލީމައެވެ. ވޯޓު ދޭން ދިޔަ އާންމު މެންބަރުން ތަޅާ ރޯނާ ނުގެންނެވީމައެވެ. ޔާމީނު ވެރިކަމުގައި ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ކުޑަވެސް ޖާގައެއް ނުދީ އަނިޔާވެރިކަން އިސް ކުރިކަން ޔާމީނުގެ ވާހަކައިން ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުވެއްޖެއެވެ.
މި ސަރުކާރުން ވާދަވެރި ސިޔާސީ ހަރަކާތް ސުލްހަވެރި ކަމާއެކު ހިންގުމަށް ފުރުސަތު ނުދޭ ނަމަ އުވަގަށާ މެޝިނަށް ވެސް ވޯޓު ނޭޅުނީހެވެ. ލަދެއް ހަޔާތެއް ހުރި ނަމަ އަނގަ ފުރާފައި ޓައްޕުތަކަށް އަޅައިގެންތޯ ނޫނީ އުވަގަށާ މެޝިނުގައިތޯ ވޯޓުކަރުދާސް މިހުރީ ކިޔާކަށް ޔާމީނަކަށް ނުކެރުނީހެވެ. އެ ކަމުން އެނގިގެން ދަނީ ޔާމީނުގެ ހުރި ޖައްބާރުކަމާއި ބާރެއް ލިބިއްޖެ ނަމަ ތަފާތު ފިކުރަށް ޖާގަ ނުދޭނެ މިންވަރެވެ. އިދިކޮޅު އެމްޑީޕީއަށް ޔާމީނު ވެރިކަމުގައި ޓައްޕުތަކާ އުވަގަށާ މެޝިނަށް ވޯޓު އަޅައިގެން އިންތިހާބު ބާއްވަން ޖެހުނީ ޔާމީނުގެ ޖައްބާރު ކަމާއި އަނިޔާވެރި ކަމުންނެވެ. ފުލުހުން ފޮނުވައިގެން އެ ދުވަހު ރައްޔިތުންނަށް އަނިޔާކޮށް ޑިމޮކްރަސީ އޮޅާލީ ތިޔަ ޔާމީނު ނޫން ހެއްޔެވެ.
އުފާވާ ކަމަކީ މިއަދު އެ ފަދަ އަނިޔާވެރި މާހައުލެއް ރާއްޖޭގައި ނެތްކަން ޔާމީނު ކަށަވަރު ކޮށްދޭތީއެވެ. ވާދަ ވެރި ސިޔާސީ ހަރަކާތަށް ކުޑަވެސް ހުރަހެއް މި ސަރުކާރުން ނާޅާކަން ޔާމީނު ޔަގީން ކޮށްދޭތީއެވެ.