ޝިއުނާމެން އިސްތިއުފާދިނީ އިންޑިއާއަށް އޮޅުވާލަން!
ދުނިޔޭގެ އެންމެން މުއިއްޒު ދޫކޮށްލުމުން ރޮއިހޭރި އާދޭސް ކުރަންއޮތީ އިންޑިއާ
އިންޑިއާގެ އުނގަށް ރާއްޖެ ވައްޓާލައިގެން ދެފައި ކައިރިނުވެގެން އުޅުނު މުއިއްޒަށް މިޖެހުނީ ކޮން ދަތުރެއް ހެއްޔެވެ. ވެރިކަން ލިބުމާއެކު ލައްކައެކޭ ހީވެގެން ތެޅެގަތް އިރު މިހާ އަވަހަށް ސޮއްސާލައިގެން އިންޑިއާ ފައިބުޑަށް ވެއްޓެން ޖެހިދާނެކަމަށް ހީނުކުރަނީތާއެވެ.
ކުރީ ސަރުކާރުގެ ވެރިންނަށް އިން ގޮނޑިން ތެދުވެވޭނީވެސް އިންޑިއާ އެންބެސެޑަރ ބުނީމާ ކަމަށް ބުނެ އިންޑިއާއިން ރާއްޖެ އަޅުވެތިކޮށްފައިވާ ކަމަށް ސިފަކޮށް މުއިއްޒު ދެއްކި ވާހަކަ ނީވޭހާ އިންޑިއާ ބީރެއް ނޫނެވެ. ބެކްޔާޑޭ، ބްލީއޭ ކިޔައިގެން އިންޑިއާއަށް މުއިއްޒު އަމިއްލަ ދުލުން ކުރިހާ ކުޑައިމީސް މުއިއްޒު ހަނދާން ނެތަސް އިންޑީއާގެ ވެރިން އެކަން ހަނދާން ހުންނާނެއެވެ. ކިތަންމެ ވަރަކަށް މަތި އޮމާން ކުރިޔަސް މުއިއްޒާ އެންމެ ކައިރީގައި ގެންގުޅުނު ޝިއުނާ އާއި މަލްސާ އަށް ޑެޕިއުޓީ މިނިސްޓަރުކަން ދީގެން އެ މީހުން ލައްވާ އިންޑިއާ ރައްޔިތުންނަށާއި ބޮޑުވަޒީރަށް ކުނިފުޅަ ނުހޮއްލާ ކަމަކަށްވެސް ނުވާނެއެވެ.
ފިޔާ، މިރުސް، ތަރުކާރީ، ބިހުގެ އިތުރަށް ކާޑު އިންޑިއާއިން އެތެރެކުރުން ހުއްޓާލުމަށް ޕާކީސްތާނާއި ތުރުކީއާއެކު މަސައްކަތް ނުކުރާ ކަމަކަށް ނުހެދޭނެއެވެ. އިންޑިއާ އިން ދިވެހިންނަށް ބޭސްކުރާ ކުރުން ނިމުމަކަށް ގެންނަން ދުބާއީ އާއި ބެންކޮކުން އާސަންދަ ލިބޭ ގޮތް ހަދަން ނޫޅޭ ކަމަކަށް ވެސް ނުވާނެއެވެ. ސަރަހައްދު ބެލެހެއްޓުމާއި އެމަޖެންސީ ހާލަތުގައި ބޭނުން ކުރަމުން އައި އިންޑިއާގެ އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭނުން ނުކޮށް މޯލްޑިވިއަން ބޯޓެއް އެއަރ އެމްބިއުލާންސަކަށް ހަދައިގެން ބަލި މީހުން އުފުލަން ނޫޅޭ ކަމަކަށް ނުވާނެއެވެ. ސަރޗް އެންޑް ރެސްކިއުއަށާއި ސަރަހައްދު ބަލަހައްޓަން ތުރުކީން ޑްރޯނު ގަނެގެން ނުގެންނަ ކަމަކަށްވެސް ނުވާނެއެވެ.
މާބޮޑު ފުދުންތެރި ކަމެއް އޮވެގެން ފައިސާ ދެއްކުމުގެ މުއްދަތު ޖެހުމުގެ މާކުރިން އިންޑިއާ އަށް ދައްކަން ހުރި ފައިސާ ދެއްކުމުގެ ނަމުގައި ދަށުނުވާން އެތައް މިލިޔަން ޑޮލަރެއް މުއިއްޒު ސަރުކާރުން ދެއްކިކަން ހަނދާނެއް ނުނެތޭނެއެވެ. ޖުމްލަކޮށް "އިންޑިއާ އައުޓް" އެއްޔަކީ އިންޑިއާ ރައްޔިތުން އެހާ ފަސޭހައިން ހަނދާން ނައްތާލާނެ ކަމެއް ނޫނެވެ.
އެއްވެސް ހައްގުން ކަމަކާނުލާ އިންޑިއާ ހަވަރަށް ދީފައި ގޮތް ހުސްވެ ދޮޅި ކެނޑޭގޮތް ވީމާ އިންޑިއާ ފައިބުޑަށް ވެއްޓި ގަންނަން ލަދު ހަޔާތް ނުގަންނަކަމެވެ. ދެންމެ ދެންމެ ނޭވާ ހޮޅިއަށް އެޅިދާނެހެން ހީވީމާ ގުޅުމުގެ އިހުލާސްތެރިކަން ދައްކަން މުނާފިގުކަން ދެއްކިޔަސް ވާނުވާ އޮޅެގެން މީހަކު ނޫޅެއެވެ. ވަޒީރެއްގެ ނައިބުން ގޮތުގައި ބައިތިއްބައިގެން މަލްސާ އާއި ޝިއުނާ ލައްވާ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާއަށް ކުޑައިމީސްކޮށް ފުރައްސާރަކޮށް ހެދުމަށް ފަހު އިންޑިއާ އާއި އެއް މޭޒުވާން ބޭނުންވުމުން އެމީހުން ބޭތިއްބީ މުސާރަދޭ ސަސްޕެންޝަނުގައިކަން އެންމެނަށް އެނގެއެވެ.
ދެއްކިހާ ބޮޑާކަމާއި މަވެތި ގޮތްގޮޑާއިހުރެ ދުނިޔޭގެ އެންމެން މުއިއްޒު ދޫކޮށްލުމުން ރޮއިހޭރި އާދޭސް ކުރުމުން ލޮލުގެ ކުޑަކޮޅުން ވެސް ބަލައިލާނެ ބަޔަކު އިންޑިއާ ނޫނީ މިއަދަކު ނެތެވެ. އުފައްދަން އުޅެނީ އިހުލާސްތެރި ގުޅުމެއްކަން ދެއްކުމަށްޓަކާ ޝިއުނާ އާއި މަލްޝާ ލައްވާ އިސްތުފާ ދެއްވައިގެން މުއިއްޒު އިންޑިއާއަށް ކުރަން އުޅޭ ދަތުރަށް ނިފާގުގެ މަގު ކޮށާލަނީކަން މުޅި އިންޑިއާ ދަންނާނެއެވެ.