ވަކިއަހަރެއްގެފަހުން ކައިވެނިވާ ދެމަފިރިން އެއްދާންކުރުންވެސް މަނާކޮށްފާނެ!

ވަކިއަހަރެއްގެފަހުން ކައިވެނިވާ ދެމަފިރިން އެއްދާންކުރުންވެސް މަނާކޮށްފާނެ!

ދެމަފިރިކަމުގެ ގުޅުމުންއަރާ ބަލިތަކޭ ބުނެ ވަކި އަހަރަކުން ފެށިގެން ކައިވެނިކުރާ ދެމަފިރިން އެއްދާން ކުރުންވެސް މުއިއްޒު މަނާކޮށްފާނެއެވެ. އަންހެން ކުދިންގެ ބިކުރުވެރިކަމަށްޓަކާ ވަކި އަހަރަކުން ފެށިގެން އުފަންވާ އަންހެން ކުދިން އިބްރާހީމް ޖަނަބްލައްވާ ހިތާނުކުރަން ޖެހޭގޮތަށް ނުހަދާނެ ކަމެއްވެސް ނޭގެއެވެ. މިއަހަރު އަލަށް 18 އަހަރުފުރޭ ކުއްޖަކު މުޅި ހަޔާތުގައިވެސް ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ގާނޫނީ ގޮތުން ކުށަކަށް ހެދި ބަޔަކު ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. 

18 އަހަރުނުފުރޭ ކުޑަކުއްޖަކަށް ހުއްދަނޫން ކަންކަން ގާނޫނީ ގޮތުން ހުރެއެވެ. 18 އަހަރު ފުރުމަށްފަހު ބޮޑެތި މީހުންގެ މައްޗަށް ހިނގާ ހުރިހާ ހުކުމެއް ކޮންމެ މީހަކަށް ވެސް ހިނގާނެއެވެ. ވަކި ތާރީހެއްގެ ފަހުން އުފަންވީތީ ވަކި ހައްގަކުން އެކަކުވެސް މަހުރޫމެއް ނުކުރެވޭނެއެވެ. ގާނޫނުގެ ހުކުމް ހިނގަންޖެހޭނީ އެންމެނަށް އެއްވަރަކަށެވެ. އެއްގޮތަކަށެވެ. މީހަކަށް ތަކުލީފު ލިބުމަށްފަހު އެންމެނަށް ހިނގާނީ އެއްހުކުމެކެވެ. ވަކިތަރީހެއްގެ ކުރިން އުފަން ވިޔަތީ ރައްޔިތަކަށް ހުއްދަވާކަމެއް ވަކިތާރީހެއްގެ ފަހުން އުފަންވާ މީހުނަށް މަނާކުރުކުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. ހުއްދަކަމެއް އެންމެނަށްވެސް އެއްހަމަޔަކުން ހުއްދަވާނެއެވެ. 

ވަޒީރުންގެ މަޖިލިސް އެއްވެލާފައި ހުއްދަ ކަންކަން މަނާކުރުމުގައި މުއިއްޒު ސަރުކާރުގައި ހަމައެއް ލަމައެއް ނެތެވެ. ނުރަނގަޅު އާދަތަކުން މުޖުތަމައު ސަލާމަތް ކުރަންވެސް ކުރަންވާނީ ފެން ހިފޭ ކަންކަމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅޭގޮތުން ޖެނެރޭޝަން ބޭންގެ ނަމުގައި އަޅަން ނިންމާފައިވާ ފިޔަވަޅަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. 

އެއްބަޔަކު ކުރާނެ ވަރަކަށް ދުންފަތުގެ އިސްތިއުމާލުކުރަން ގާނޫނުން ހުއްދަކޮށްފައި ވަކި އަހަރެއްގެ ފަހުން އުފަންވީތީ އަނެއް ބަޔަކަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށްވުރެ މޮޔަކަމެއް ސަރުކާރަކުން ނުކުރާނެއެވެ. ކަމެއް މަނާކުރަންޏާ ކުރަންޖެހޭނީ އެންމެންނަށެވެ. ތަކުލީފް ލިބިފައިވާ ރައްޔިތުންގެ ތެރެއިން ވަކިބަޔކަށް ކަންކަން މަނާކުރެވިގެން ނުވާނެއެވެ. 

ގާނޫނީ ގޮތުން ހާއްސަ ރައްކާތެރި ކަމެއް ދޭންޖެހޭ ކުޑަކުދިންނަށް ހާއްސަކޮށްގެން ކަންކަން މަނާކުރާހެން ތިމާކުރާ ކަންކަމަށް ޒިންމާވާންޖެހޭ ބޮޑެތި މީހުނަށް އެކިމީހުނަށް ތަފާތުކޮށް ކަންކަން މަނައެއް ނުކުރެވޭނެއެވެ. ދުންފަތް އެތެރެކުރުމާއި ވިއްކުމާ ބޭނުންކުރުން ހުއްދަ ގައުމެއްގައި މުޖުތަމައުގެ ވަކި ބަޔަކަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނައެއް ނުކުރެވޭނެއެވެ. 

ގާނޫނުތަކުން ކުރެވޭނެ ކަމަކީ ދުންފަތުގެ ބާވަތްތައް ލިބުން ދަތިކުރުމެވެ. ދުންފަތުގެ އިސްތިއުމާލުކުރެވޭ ތަންތަން މަދުކުރުމެވެ. ދުންފަތުގެ އިސްތިއުމާލުކުރަން އުފުލަންޖެހޭ ތަކުލީފް އިތުރުކުރުމެވެ. މީހުނަށް އިހުތިޔާރު ލިބިގެންވާ ކަންކަން ކުރުމުން ދުރުކުރެވޭނީ އަމިއްލަ އިހުތިޔާރުގައި ހުއްޓާލުމަށް ހިތްވަރުދީ އެހީތެރިވެގެންނެވެ. 

ހިތްވަރު ހުރިއްޔާ ރާއްޖެއަށް ދުންފަތާއި ދުންފަތުން އުފައްދާ ބާވަތްތައް އެތެރެކުރުން ހުއްޓާލަބަލާށެވެ. ދުންފަތާއި ސިނގިރެޓް އެެތެރެ ކޮށްގެން ސަރުކާރަށް ބޮޑު ޓެކްސް ހޯދަންވެސް ބޭނުމެވެ. ސިނގިރެޓްގެ އަގު ބޮޑުކޮށްގެން ލިބޭނެ ކަމަށް އުންމީދުކުރި ވަރާ ގާތަށްވެސް ޓެކްސް ފައިސާ ނުލިބުމުން މޮޔަ ބޮލަށްއަރައިގެން މުއިއްޒު އުޅެނީ ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެނެވެ.