މަލްޝާމެން ކުރީ ސަރުކާރޭ ގެރިގޮރޭ ބުޅާމަހޭ ނުކިޔާ!

3 ގައްދާރުން ލަދު ހަޔާތްނެތި ގައުމުގެ ކަންކަމަށް އެބަ އަޑުލާ

މަލްޝާމެން ކުރީ ސަރުކާރޭ ގެރިގޮރޭ ބުޅާމަހޭ ނުކިޔާ!

ލަދު ހަޔާތުގެ ކަންފުޅެއްވެސް ހަމަނެތީއެވެ. މީހުންގެ ތެރެއަށް ނިކުމެ މަލްޝާމެން އަނގަ ދިޔާކުރާތީ ގަންނަނީ ފަކުރެވެ. ހަޔާތެއްގެ އެއްބައި ހޭދަކުރީ މާލެ ސިޓީ ކައުންސިލްގައެވެ. މޭޔަރު މުއިއްޒުގެ ގަހުރަމާނެއްގެ ގޮތުގައެވެ. އޭރަކު މާލޭގައި މުޑުދާރު ބަންގާޅީން އުޅޭކަމެއް ރަމަލަށްވެސް ނާރައެވެ. ނުތާހިރު ގޮތް ގޮތަށް ކާބޯތަކެތި ހަދައިގެން ވިއްކާކަމެއްވެސް ނޭނގެއެވެ. ވާނީ އެހެންތާއެވެ. ހައްތަހާވެސް ފެންނަނީ މޭޔަރު މުއިއްޒުގެ ސޯރުފޮތިކޮޅުވިއްޔާއެވެ. 

ކުރީގެ ސަރުކާރުތަކުން ކުރި އެއްވެސް ކަމެއް މަލްޝާމެނަށް ނުފެނުމަކީ އަޖައިބެއް ނޫނެވެ. ރާއްޖޭގެ ތާރީހުގައި މީގެ ކުރީން ދުވަހަކުވެސް ކާބޯތަކެތި ބުޅާމަހުން ތައްޔާރުކުރި ވާހަކައެއް ބުނާތީވެސް ނީވެއެވެ. އެކަމެއް ކުރަން ފެށީ މިވެރިކަމުގައެވެ. ކުރީ ސަރުކާރެއްގެ ދުވަސްވަރުން ފެށިގެން ކުރަމުން އައިކަމެއް ނަމަ އެކަން ފަޅާއަރާނެތާ ކިތަންމެ ދުވަހެކެވެ.

މުއިއްޒު ވެރިކަމަށް އެރިގޮތަށް މަސްވެރިން ކިރިމަހަށް ދޭންޖެހޭ ފައިސާ ގަވައިދުން ނުދީގެން މަސްވެރިންނަށް މަހަށް ނުފުރި މުޅި ރާއްޖޭގައި މަސްތަދުވުމުން ނުވެ ނުދާނެ ހައެތި މިހިރަ ވާންފެށީއެވެ. ރާއްޖޭގެ މަސްވެރި ގިނަ އުޅަނދު ފަހަރަކީ ލައިގެންކާ އެއްޗެއް ހޯދާލުމަށް މަސްވެރިކަން ކުރާ ވަރަށް ވުރެ ބޮޑެތި، ހަރަދު ބޮޑު އުޅަދު ފަހަރެވެ. އެ ދޯނި ފަހަރުން ބާނާ މަހުގެ އަގުވައްޓާލާ މަސްވެރިކަން މުއިއްޒުގެ ވެރިކަމުގައި މިވަނީ ފުޑާލާފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި މަހަކީ ރަނަށްވުރެ ހޯދަން އުދަގޫ އަގުބޮޑު އެއްޗަކަށް ވެއްޖެއެވެ. 

މަހަށް ޖެހުނީމާ ބުޅާ މަސް އެކަންޏެއް ނޫނެވެ. ހިކަންޖާއި މީދަލާ ވެސް ކާބޯތަކެތި ތައްޔާރު ކުރަން ބޭނުން ނުކުރިއްޔާ ނަސީބެވެ. މަސްވެރިންނަށް މަހުގެ އަގު ނުދެވުނަސް ވަރިހަމަތާއެވެ. މަލްޝާމެން މަސައްކަތެއް ނުކުރުވާ ގޭގައި ބައިއްބައިގެން މަހު މުސާރަ ދޭނެ ފައިސާ ހުރެއެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ބައިވެރިޔާ އިންޑިއާއަށް ފުރައްސާރަކޮށް އިގްތިސޯދު ބޮޑުތަނުން އިނދަ ޖައްސާލަ ދިނުމުގެ އިނާމެއްގެ ގޮތުގައި ގޭގައި ބައިތިއްބައިގެން މުސާރަ ދޭ 3 ގައްދާރުން ލަދު ހަޔާތް ނެތިގެން ގައުމުގެ ކަންކަމަށް އެބަ އަޑުލައެވެ. ވާނީވެސް އެހެންތާއެވެ. މަލްޝާމެން ކުރިކަމެއް ކުރީ މުއިއްޒު ބުނިގޮތަށެވެ. ހީކުރި ގޮތަށް ސީނުކަރައިން އަޅާލިނަމަ އިންޑިއާ އާއި ދެކޮޅަށް ހަނގުރާމަ ވެސް އިއުލަނު ކުރީހެވެ.

އެންމެ ގޮތް ހުސްވެ މުއިއްޒު ސަރުކާރުން އިންޑިއާ އާއި އެކު ގާއިމުކުރާ ގުޅުމުގެ އިހުލާސްތެރިކަމެއް އޮތްނަމަ އެ 3 ގައްދާރުން މިހާރު ތިބީހީ ވަޒީފާއިން ވަކިކޮށްފައެވެ. ދައުލަތަށް 3 ގައްދާރުން ދިންގެއްލުމުގެ ބަދަލު ބުރިން ހަންނަގައިގެންވެސް ހޯދަން ދައުލަތުން އޮތީހީ ކޯޓަށް ގޮހެވެ. ގެރިގޮރޭ ކުރީ ސަރުކާރޭ ބުޅާމަހޭ ފެންފޯކެކޭ މަލްޝާމެނަކަށް ނުކިޔޭނެއެވެ.