ޗާގޯސް އާއި މަލިކު ހިފަނީތަ!

ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ ވާހަކަ ފަތުރަނީ ވެރިކަމާ ހެދި

ޗާގޯސް އާއި މަލިކު ހިފަނީތަ!

ފޯޅަވައްސާއި މަލިކު ދިވެހިރާއްޖޭގެ ސިޔާދަތުގެ ތެރެއަށް ގެނައުމަށް މަސައްކަތް ކުރުމަށް ރާއްޖޭގެ މަތީ މަރުހަލާ ކޯޓެއްގެ ފަނޑިޔާރަކު ގޮވާލާކަމަށް ހަވާލާދީ ރާއްޖޭގެ ނޫހަކުން ރިޕޯޓްކުރުމުން އަންތަރީސް ވެއްޖެއެވެ. ފަނޑިޔާރަކު ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނަށް އިލްތިމާސްކުރެއްވި ކަމަށް ބުނެ ރިޕޯޓްކުރާއިރު ކަމުގެ ނުރައްކާތެރި ކަމާމެދު ކުޑައިކޮށްވެސް ވިސްނާނުލައެވެ. 

ނޫހުން ހަވާލާދެނީ އާދައިގެ މީހަކާ ނޫނެވެ. މަތީ ކޯޓެއްގެ ފަނޑިޔާރަކާއެވެ. އެވަރު ވާހަކައެއް ފަނޑިޔާރަކު ދައްކަވައިފިނަމަ އެއީ ދުނިޔޭގެ ގާނޫނުތަކާއި ޒަމާނުއްސުރެ ރާއްޖެއިން ގަބޫލުކޮށްގެން ތިބި ހަމަތަކާ ހިލާފަށް ހަނގުރާމަ އިއުލާނުކުރުން ފަދަ ކަމެކެވެ. ހީއަކަށްވެސް ސަމަސާއަކަށްވެސް ދައްކަންވާނީ ދައްކަންވާ ވަރުގެ ވާހަކައެވެ. 

އަޖައިބެއް ނުވާނެހެއްޔެވެ. މައްކާއާއި މަދީނާ އަދި މަސްޖިދުލް ޢަޤުޞާއާއި އެތަންތަނުގެ ވަށައިގެންވާ ސަރަހައްދު ހިމާޔަތް ކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަން ނޭނގިގެން އުޅެނީ ކާކަށް ހެއްޔެވެ. ރާއްޖެއަކީ މައްކާއެއް މަދީނާއެއް ނޫނެވެ. ކަނޑުންވެސް ބިމުންވެސް ރާއްޖެއާއި މައްކާ މަދީނާ ގުޅިފައެއް ނެތެވެ. އިސްލާމުންގެ ބިންތައް ހިމާޔަތްކޮށް ރައްކާތެރި ކުރަން އިސްލާމް ދީނުގައި އަންގަވާފައި އޮތް ގޮތަކީ ސިޔާސީ ހަސަދައިން ފޯވެގެން ތިބި ބަޔަކު ސިޔާސީ ބޭނުމަށް ދައްކާ ޒާތުގެ ވާހަކައެއް ނޫނެވެ. މިއަދު އިސްލާމީ އުންމަތަކީ ވަކިވަކި ސިޔާދަތުތަކެއްގެ ގޮތުގައިވާ ވަކި ވަކި ގައުމުތަކަކާއި ޖަމާއަތްތަކެވެ. 

މިއަދަކީ ބާބޭރިއަނުންގެ ޒަމާނެއް ނޫނެވެ. ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކުރެވޭ ޒަމާނެއް ނޫނެވެ. ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ސިޔާދަތާއި ސަރަހައްދާ މިނިވަންކަމާ ދިފާއުކުރަން މަސައްކަތް ކުރާނެ ހަމަތަކަކާއި އުސޫލުތަކެއް އޮވެއެވެ. ރައްޔިތުން އެކަމާ މަތިކޮށްފައި ބަޔަކު ތިބެއެވެ. ބަޔަކު ހިތައް އެރީމާ ހިތައް އެރިކަމެއް ހިތައް އެރިގޮތަކަށް ކުރާކަށް އަދުގެ ދުނިޔެއަކު ފުރުސަތެއް ނެތެވެ. ބާރާއާރު ހުރެގެން ކަންކަން ވާނަމަ މިއަދު ފަލަސްތީނެއް ނުއޮތީހެވެ. ޔޫކްރެއިނެއްވެސް ނުއޮތީހެވެ. ކަޝްމީރެއްވެސް ނުއޮތީހެވެ. އަދުގެ ދުނިޔެއަކީ ގުޅި ލާ މެހިފައި އޮތްތަނެކެވެ. 

އިރެއްގައި މަލިކަކީ ދިވެހި ރާއްޖޭގެ ބަޔަކަށް ވެދާނެއެވެ. އެކަމަކު މިއަދު މަލިކަކީ ރާއްޖޭގެ ތަނެއް ނޫނެވެ. މަލިކަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ރާއްޖެއިން ގަބޫލުކުރާތާ އެތައް ސަތޭކަ އަހަރު ވެއްޖެއެވެ. އަމްދުން މަލިކު ރަށްވެހިން މަލިކަކީ ރާއްޖޭގެ ބައެއްކަމަށް ނުދެކޭއިރު ރާއްޖެއަށް މަލިކުގެ ސިޔާދަތާ މެދު ގޮތް ނިންމަން އޮތީ ކޮން ހައްގެއް ހެއްޔެވެ. 

އަނެއްކޮޅުން ޗާގޯހަކީ ރާއްޖޭގެ ބައެއްކަން އެނގޭ އިތުބާރު ހުރި އެއްވެސް ހެއްކެއް ނެތެވެ. ރާއްޖޭގެ ރަސްކަން ކުރެއްވި ރަސްކަލެއްގެ ފަތްކޮޅެއް ކަމަށް ބެލެވޭ އެއްޗަކާއި އިހުގެ ދެތިން ނޫހެއްގައި ލިޔެފައިއޮތް ޖުމްލައަކުން ޗާގޯހަކީ ރާއްޖޭގެ ބަޔަކަށް ވަންޏާ ދުވަސް ކޮޅަކުން އިންޑިއާގެ ތިރިވަނަންތަޕޫރަމަކީވެސް ރާއްޖޭގެ ބައެއްކަމަށް ވެދާނެއެވެ. އެތަނަށް ދިވެހިން އައިސްގޮސް ދިރިއުޅޭތާ އެތައް ދުވަހެކެވެ. އެތާނގައި ދިވެހިންގެ ގޮތްގަނޑު މާބޮޑަށް އެބަހުއްޓެވެ. 

އަމްދުން މުސްލިމުންގެ ބިމަކަށް ވެގެން ޗާގޯސް ހޯދަން ގޮވާލެވޭއިރު އެތާނގެ ރަށްވެހިންގެ ގޮތުގައި ތިއްބާ ބޭލި ޗާގޯސިއަނުންގެ ތެރޭގައި އެންމެ މުސްލިމަކު ނެތް އިރު ޗާގޯސްއަކީ މުސްލިމުންގެ ބިމެކޭ ބުނެވެންވީ ކީއްވެ ހެއްޔެވެ. ޗާގޯސިއަނުންނަށް ރާއްޖެއަކީ އޮންނަ ތަނެއްކަންވެސް އެނގުނީ ގޫގުލުންނެވެ. ރާއްޖެއާއި އެއް ސީބެޑެއް ހިއްސާ ކުރާހާ ތަނަކީ ރާއްޖެ ކަމަށް ވަންޏާ ޕާކިސްތާނާއި ނޭޕާލާއި ބަނގަލާދޭސް ވެސް ވާނީ އިންޑިއާއަށް ތާއެވެ. އެމީހުން ހިއްސާ ކުރަނީ އެއް ބައްރެކެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ކުއްލިޔަކަށް ޗާގޯސް ދިވެހި ބިމަށްވެ މަލިކު ހިފަން ހަނގުރާމަ އިއުލާނުކުރާ ހިސާބަށް ދިވެހިން ބޮލު ރޮދި ކެނޑުނީ ކޮން އިރަކު ހެއްޔެވެ. މައްކާ މަދީނާއާއި އެއްވަރަށް ޗާގޯސް މުގައްދަސްވެ ދީނީ ވާޖިބަކަށް އެތަން ހިފުން ދިވެހިންނަށް ވެއްޖެކަހަލައެވެ. ދުނިޔޭގެ ހަމަލަމައިން ނެއްޓި އަމިއްލަ އެދުމަށް ކަމެއް ކުރެވޭވަރުގެ އާރެއް ބާރެއް ނެތި ސަރަހައްދީ ހަޖެހުން ނަގާލަން ގޮވާލުމަކީ އަމިއްލައަށް ނުރައްކަލުގެ ތެރެއަށް ވެއްޓި ގަތުމެވެ. ފަހަރެއްގައިވެސް އެއީ ގައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތް ކުރުމެއް ނޫނެވެ. ސުލްހަ މަސަލަސް ކަމާ ދެކޮޅަށް އަޑުއުފުލުމަކީ މުސްލިމުންގެ ގޮތެއް ވެސް ނޫނެވެ. 

ދިވެހި ދައުލަތުގެ ސިޔާދަތުގެ ތެރެއަށް ޗާގޯހާއި މަލިކު ވެއްދުމަކީ ދިވެހިންނާއި ދިވެހި އަސްކަރިއްޔާގެ މައްޗަށް ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ލާޒިމުވާ ބޮޑު ވާޖިބެއް ކަމަށް ބުނާ ފަނޑިޔާރަކަސް އިލްމުވެރިއަކަސް އެހުރީ ސިޔާސީ ފިތުނައިން ފޯވެ ދެބަން ދިހާރުވެފައެވެ. ރިޔާސީ އިންތިހާބުގެ މަސްތުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ ވާހަކަ ފަތުރާ ގައުމު ހަލަބޮލި ކުރުމަކީ ސިޔާސީ ކަމެއް ނޫނެވެ. ފިތުނައާއި ދެކޮޅުވެރި ކަމެވެ.