11މަހުން 55.8 ބިލިޔަން ހަޖަމްކޮށްލިއިރު ކުރިކަމެއްނެތް
އިތުރު ސަޕްލިމެންޓްރީ ބަޖެޓް ބޭނުންވުމުން ގޯސްވީ ކުރީ ސަރުކާރު
މުއިއްޒަށް ވެރިކަން ލިބިގެން އަހަރުވާން ދާއިރު ހުސްވި އަހަރު ނޮވެމްބަރު މަހުގެ 17ގައި ވެރިކަން ފެށީ 6.5 މިލިޔަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ލިބިގެންނެވެ. 2023 ވަނަ އަހަރުގެ ދޮޅުމަސް ދުވަހަށް ރިކަރަންޓްގެ ހަރަދުގެ ގޮތުގައި 3.1 ބިލިޔަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފައި އޮތެވެ. ސަޕްލިމެންޓްރީ ބަޖެޓްގެ 1.8 ބިލިޔަން ރުފިޔާ ހާއްސަކޮށްފައި އޮތީ ސަބްސިޑީ ދިނުމަށެވެ. އާސަންދައަށް 1.2 ބިލިޔަން ރުފިޔާ ވެސް އޮތީ ކަނޑައަޅާފައެވެ. އެހެނިހެން ރިކަރަންޓް ހަރަދަށް 0.1 ބިލިޔަން ރުފިޔާ އޮތް އިރު ކެޕިޓަލް ހަރަދަށް 3.3 ބިލިޔަން ރުފިޔާ 2023 ގެ ސަޕްލިމެންޓްރީ ބަޖެޓްގައި އޮތެވެ.
ސަޕްލިމެންޓްރީ ބަޖެޓްގެ ގޮތުގައި 2023ގެ ފަހު ދޮޅުމަސް ދުވަހަށް 6.5 ބިލިޔަން ރުފިޔާ ލިބިގެންވެސް ވީކަމެއް ހަރާމުން ހަރާމެވެ. އާސަންދައަށް ދައްކަންޖެހޭ ފައިސާއެއް މުއިއްޒު ނުދައްކައެވެ. ސަބްސިޑީގެ ގޮތުގައި އެއްޗެއް ލިބިގެން ރައްޔިތަކަށް ލިބުނު ލުޔެއް ނެތެވެ. ބަޖެޓުން ހަރަދު ކުރާގޮތަށް ކުރީ ސަރުކާރުން ފަށާފައިވާ އެތައް މަޝްރޫއަކަށް ލޯލާރިއެއްވެސް ހަރަދެއް ނުކުރެއެވެ.
ޔަގީނުންވެސް 2023 ވަނަ އަހަރުގެ ފަހު ދޮޅުމަހަށް ފާސްކުރި ބަޖެޓް ލިބުނީ ރައީސް ސޯލިހު ސަރުކާރަކަށް ނޫނެވެ. މުއިއްޒު ސަރުކާރަށެވެ. ކުރީ ސަރުކާރުން ވާރުތަވީ އާސަންދަ ހަރަދު ތަކާއި ބަޖެޓުން ހޭދަކުރާ ގޮތަށް ހިންގާފައިވާ މަޝްރޫއުތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އެ ސަޕްލިމެންޓްރީ ބަޖެޓަށް މުއިއްޒު ހެދީ ކިހިނެއް ހެއްޔެވެ. ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރި ގޮތަށް އެ ފައިސާ ހޭދަކުރިނަމަ އަސަންދައިންނާއި ޕްރޮޖެކްޓްތައް ހިންގި މީހުނަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން އަދިވެސް އުޅޭކަށް ނުޖެހުނީހެވެ.
އަނެއްކޮޅުން ރާއްޖޭގައި އަހަރަކަށް ފާސްކުރި އެންމެ ބޮޑު ބަޖެޓެއް ފާސްކުރެވުނީ 2024 ވަނަ އަހަރަށެވެ. 49.3 ބިލިޔަން ރުފިޔާގެ ބިޔަ ބަޖެޓެކެވެ. 2023 ވަނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރެވެ. އެހެނެއް ކަމަކު ރައީސް ސޯލިހުވެރިކަމުގެ ފަހު އަހަރަށް ފާސްކޮށްފައި އޮތީ 42.8 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މުއިއްޒަށް ފުރަތަމަ އަހަރަށް ލިބުނު ބަޖެޓް 6.5 ބިލިޔަން ރުފިޔާ ކުރީ އަހަރަށް ވުރެއިތުރެވެ.
50 ބިލިޔަން ރުފިޔާއާއި ގާތްކުރާ ބިޔަ ބަޖެޓެއް މުއިއްޒަށް މިއަހަރަށް ލިބުނު އިރު ބަޖެޓުން ހޭދަކޮށްގެން ހިންގަން ފެށި މަޝްރޫއެއް ނެތެވެ. އާސަންދަ އޮތީ ހުދުފުށްވެފައެވެ. ކަރަންޓާއި ފެނުގެ ހިދުމަތަށް ކުރަންޖެހު ހޭދަ ރައްޔިތު މީހާއަށް ދެގުނައަށްވުރެ މައްޗެވެ. ރަށްރަށުގައި ފަށާފައިވާ މަސައްކަތްތައް ހުރީ ހުއްޓިފައެވެ. ސަރުކާރުން ކުރުވާ މަސައްކަތަށް ފައިސާ ނުލިބިގެން މަސައްކަތްތެރިން ބަނގުރޫޓް ވެއްޖެއެވެ. އާސަންދައިން ފައިސާ ނުލިބިެން ބޭސްފިހާރަތާކާއި ކްލިނިކްތަކާއި ހޮސްޕިޓަލްތައް އޮތީ ނޭވާ ހޮޅިއަށް އެޅެފައެވެ. ފައިސާ ނުދައްކާތީ އިންޑިއާގެ އެތައް ހޮސްޕީޓަލަކުން އާސަންދަ ހިދުމަތް ކަނޑާލައިފިއެވެ. މިހެން ކިޔާފައި ނުކިޔާނެ ވަކިކަމެއް ނެތެވެ.
މިއަހަރަށް ފާސްކުރި ބިޔަ ބޮޑު ބަޖެޓުން ނުވެގެން މިއަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ޖެހެނީ ކިއްވެ ހެއްޔެވެ. ވެރިކަމަށް އެރީއްސުރެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ އެންމެ މަޝްރޫއެއްވެސް އަދި ނުފަށައެވެ. ކުރީ ސަރުކާރުން ފަށާފައި ހުރި މަދު ދެތިންކަމެއް ނިންމާ ރެބަން ކެނޑުން ނޫންކަމެއް އަދި ނުކުރެއެވެ. ކުރީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް އޮތީ ހުއްޓި ތަންހަރު ވެފައެވެ. ރައްޔިތަކަށް ފަސޭހަ ރަހުމަތެއްގައި އާސަންދައެއް ނުލިބެއެވެ. މަސްވެރިން ކިރާ މަސްކޮޅަށްވެސް މުޒާހަރާ ނުކޮށް ފައިސާއެއް ނުދެވެއެވެ. ސަރުކާރުން ހޯދާ ހިދުމަތަކަށް ފައިސާއެއް ނުދެވެއެވެ. ރާއްޖޭން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ގަވައިދުން ފައިސާ ދައްކައެއް ނުދެވެއެވެ.
އެންމެ ރަގަޅެވެ. ކުރީ އަހަރުގެ ބޮޑު ސެޕްލިމެންޓްރީ ބަޖެތާއި މިއަހަރަށް ލިބުނު ބޮޑު ބިޔަ ބަޖެޓަށް މުއިއްޒު ތިޔަ ހެދީ ކިހިނެއް ހެއްޔެވެ. ފެންފޮދަކާވެސް ނުލާ ބަޖެޓް ކައި ހުސްކޮށްލީހެއްޔެވެ. ރައްޔިތުންނަށް ލުޔެއް ފަސޭހައެއް ލިއްބައިނުދީ ހައްދަވައިގެން ކުރި ކަމެއްނެތި ފަންސާހަކަށް ބިލިޔަން ރުފިޔާގެ ބަޖެޓް ކާލާ ނަޖިހަށް ހަދާލީހެއްޔެވެ.
އައުވާނުނަށް ބަހައިގެން ދައުލަތް ކޮށާކަމުން މިއަހަރުވެސް ސަޕްލިމެންޓްރީ ފާސްކުރުން ހަލާލުކުރަން ފޯކަސް ބަދަލުކުރަން މޮޅު ވާހަކަ ދެއްކިޔަސް އެކަމެއް ނުވާނެއެވެ. ކުރީ ސަރުކާރުގެ އިސްތައްޓޭ ނުކިޔާވެސް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރެވޭނެއެވެ. ކުރީ ސަރުކާރުން ބަޖެޓް މިސްމެނޭޖު ކުރިއްޔޭ ޝަރީއަތް ކުރާނަމޭ ނުކިޔާ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށް ނުދޭވަރަށް ސަރުކާރާ މަޖިލީހާ ގުޅުން މިހާރު ގޯސްވީ ހެއްޔެ. ބޮޑު ބަޖެޓެއް ލިބި ކަމެއް ނުވި މީހަކަށް ސަޕްލިމެންޓްރީ ބަޖެޓެއް ދީގެންވެސް އައުވާނުންނަށް ދައުލަތް ދަވާލައިގެން ކެއުން ނޫނީ ކުރެވޭނެ ކަމެއް ހަރާމެވެ. އެއްވެސް ކަމެއް ނުކޮށްދީ 11 މަހުން 55.8 ބިލިޔަން ރުފިޔާ ހަޖަމް ކޮށްލީ ފެންފޮދަކާވެސް ނުލައެވެ.