ގަވައިދުތައް ނުހަދާ ސާޖިދާ ލައްވާ ފުޅާކުރަނީ ދިމްޔާތު ވިޔަފާރި!

ގަވައިދުތައް ނުހަދާ ސާޖިދާ ލައްވާ ފުޅާކުރަނީ ދިމްޔާތު ވިޔަފާރި!

މުއިއްޒު ވެރިކަމަށް އައުމަށް ފަހުވެސް ފަސްޓް ލޭޑީއަށް ވުމަކުން ފުޑު އެންޑް ޑްރަގް އޮތޯރިޓީއާ ދުރަށް ދާކަށް ސާޖިދާ ވެސް ބޭނުމެއް ނުވިއެވެ. ގާނޫނާއި ހިލާފް ނޯޕޭ ލީވެއް ހޯދައިގެން ސަރުކާރުން އިނާޔަތް ލިބޭގޮތަށް ކޮންޓްރެކްޓް އުސޫލުން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މައްޗަށް ސާޖިދާ ސަވާރުކޮށްފައި އެބައިންދަނީ ވަޒީފާދެކެ ސާޖިދާ ވާ ލޯތްބަކުން ނޫނެވެ. 

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެރިކަމުގައި ސާޖިދާ ބަހައްޓައިގެން މުއިއްޒު މައިގަނޑު ކުރަމުން އަންނަނީ ދެކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެއްކަމަކީ މެޑިކަލް މާފިޔާ ފުޅާކޮށް ރާއްޖެއަށް އެތެރެކުރެވޭ ބޭހަކީ މުއިއްޒަށް ބައިއަޅާގޮތަށް އެތެރެކުރެވޭ އެއްޗަކަށް ހެދުމެވެ. ދެވަނަ ކަމަކީ ރާއްޖޭގެ ރަށްރަށުން އައިޖީއެމްއެޗަށް އަންނަ ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކުން ދިމްޔާތު ސްޓޭ ގެސްޓްހައުސް އަބަދުވެސް ފުރާލާފައި ބޭއްވުމެވެ. ދެ ގޮތުންވެސް މުއިއްޒުގެ ދެމަފިރިންނަށް ބޭނުންވަނީ ބޯކޮށް ފައިސާ ވަދެވަދެ ހުރުމެވެ. 

މުއިއްޒު ވެރިކަމަށް އައުމުގެ ކުރީން އާއްމުކޮށް ބޭނުންވާ ބޭސްތައް ފަސޭހަކަމާއެކު ރާއްޖޭން ލިބެން ހުރެއެވެ. އާސަންދައިން ނުލިބޭ ބޭސްތައް ވެސް ބާޒާރުން ގަންނަން ލިބޭކަށް އޭރަކު ދައްޗެއް ނޫނެވެ. މުއިއްޒަށް ބައިއަޅައިގެން ބޭސް އެތެރެކުރަން ޖެހުނު ހިސާބުން ބޭހަށް މިއޮތީ ޖެހެފައެވެ. މިހާރަކު ސާޖިދާއަށް ބައި ނާޅާ ފަސޭހަ ރަހުމަތެއްގައި ފުޑް އެންޑް ޑްރަގު އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ބޭހެއް ނުގެނެވޭ ކަމަށް ބޭސް އެތެރެކުރާ މީހުން ކިޔައެވެ.

އަނެއްކޮޅުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 20 ގަވާއިދުގެ ތެރެއިން 16 ގަވައިދެއް ދެ އަހަރުވެގެން ދިޔައިރުވެސް ނުހަދައެވެ. އެކަން އެހެން އޮތްއިރު ރަށްރަށުގެ ގިނަ ދަނޑުބިންތަކާއި ފެންފަށަލަ ވަނީ ކެމިކަލް ބޭސް ބޭނުންކުރުމުގެ ސަބަބުން ވިހަވެފައެވެ. ގަވާއިދު ތައް ނުހަދާ ރައްކާތެރިކަން ކަށަވަރުކޮށް ނުދެވުމުގެ ސަބަބުން މާރުކޭޓުގައި ވިއްކާ ފައްކޭލާ އެނޫންވެސް ތަރުކާރީއާއި މޭވާގެ ބާވަތްތައް ވިހަ ކެމިކަލް ބޭނުންކޮށްގެން ގަދަކަމުން ދޮންކޮށްގެން ވިއްކުމެއް ނުހުއްޓުވެއެވެ.  ކެންސަރުބައްޔާއި ލޭމައްޗަށް ދިއުމާއި ސްޓްރޯކާއި ހާތްއެޓެކް ފަދަ ނުރައްކާތެރި ބަލިތައް ގިނަވެ އާންމު ސިއްހަތައް ވަނީ ނުރައްކާވެފައެވެ. 

ޒާތް ޒާތުގެ ބަލިމީހުން ގިނަވީ ވަރަކަށް ރަށްރަށުން މާލެ އައިސް އައިޖީއެމްއެޗަށް ދައްކަން މާލޭގައި މަޑުކުރަން މަޖުބޫރުވެއެވެ. އައިޖީއެމްއެޗްގެ ކިއު ދިގުވެ އެޕޮއިންޓްމަންޓު ލަސްވީވަރަކަށް މަންފާ ކުރަނީ ދިމްޔާތު ސްޓޭ ގެސްޓު ހައުސަށެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވެ ބަލިމީހުން ގިނަވެ އެޕޮއިންޓްމަންޓްގެ ކިޔުދިގުވީ ވަރަކަށް ރަނގަޅުވަނީ ދިމްޔާތު ސްޓޭ ގެސްްޓް ހައުސްގެ މާކެޓެވެ. ގަވައިދުތައް ނުހަދާ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ސާޖިދާ ސަވާރުވެ އެ އިންނަނީ އެހެން ކޮންކަމަކާ ހެއްޔެވެ.