ޖަނާބު މަޖިލިހަށް ހޮވެން ގުރުބާންކުރީ މާނިއު!
މާނިއު ވަކިކޮށް ދިޔާނާއަށް މަގާމު ދިނީ ބޯދިގާ ހެދި ޑީލްގެ ދަށުން
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ޒިންމާދާރު ކަމާއެކު އަދާކުރައްވަ ކުރައްވާ ހުންނަވަނިކޮށް ދޮންކަޅުވެސް އަންގަވާ ނުލައްވާ މާނިއު ވަކިކުރެއްވީ ކީއްވެކަން މަނިއުއަށްވެސް އެނގިވަޑައު ގަންނަ ވާނެއެވެ. މާނިއު ކަސްޓަމްސްއިން ވަކިކުރެއްވީ ކަސްޓަމްސްގެ ހިދުމަތަށް ހެޔޮ ބަދަލުތައް ނުގެންނަވައިގެނެއް ނޫނެވެ. މަގާމުގެ ޒިންމާ ރަނގަޅަށް އަދާނުކޮށްގެނެއްވެސް ނޫނެވެ.
މާނިއު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމުން ވަކިކުރެއްވީ ރައީސް މުއިއްޒުގެ ޒާތީ މަސްލަހަތެއް ދިފާއުކުރެއްވުމަށެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރަށް ވާދަކުރެއްވީ ރައީސް މުއިއްޒުގެ ޅިޔަނު އިބްރާހީމް ޖަނާބެވެ. ޖަނާބް އިބްރާހީމަކީ މެޑަމް ސާޖިދާގެ ބޭބެކަން އެންމެނަށްވެސް އެގޭތާއެވެ.
އިބްރާހީމް ޖަނާބު މަޖިލިހަށް އިންތިހާބު ކުރުމަށް ހެދި ޑީލް ތަކުގެތެރެއިން އެއް ޑީލަކީ މައްޗަށްގޮޅީ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) އިންތިހާބުގައި ވާދަ ނުކުރެއްވުމެވެ. ބޯދިގުގެ ތާއީދު ޖަނާބު ހޮވުމަށް ދެއްވުމެވެ. އޭގެ މުގާބިލުގައި ބޯދިގު ވިދާޅުވާ ބަޔަކަށް ވިދާޅުވާ ފެންވަރެއްގެ ވަޒީފާ ދިނުމާއި އެނޫންވެސް ގިނަގުނަ ކަންތައް ތަކެއް ކުރުން އޮތެވެ. ކަސްޓަމްގެ ކޮމިޝަނަރ ޖެނެރަލް ކަމުން މާނިއު ވަކިކޮށް ދިޔާނާއަށް އެ މަގާމު ދިނީ ބޯދިގާ ހެދި ޑީލްގެ ދަށުންނެވެ.
ކަސްޓަމުން ދާހިލީ ވުޒާރާއަށް ބަދަލު ކުރެއްވުމުން މާނިއު އިސްތިއުފާ ދެއްވައިފިއެވެ. ކޮންމެ ނިޔަތެއްގައި ކުރެއްވި ކަމެއް ނަމަވެސް މާނިއު އެދެއްވީ ވަރަށް ވަރު ގަދަ މެސެޖެކެވެ. ކަމިޝަނަރ ޖެނެރަލްކަމުން ޔޫސުފް މާނިއު ވަކިކުރައްވާ ދަހިލީ ވުޒާރާގެ ސްޓޭޓް މިނސްޓަރުކަމަށް މާނިއު ބަދަލުކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. ރައީސް މުއިއްޒު އެ ބަދަލުގެންނެވީ ކީއްވެގެން ކަމެއް މާނިއުއަކަށް ނާންގަވައެވެ. ރައީސް ގެންނެވި ކުއްލި އެ ބަދަލުގައި މާނިއު ކުރައްވާނެ އެއްވެސް މަސައްކަތެއް ނުދައްކަވައެވެ.
ރައީސް މުއިއްޒު ސަރުކާރުން ސިޔާސީ މަގާމުތައް ދެނީ ކުރަން ހުންނަ މަސައްކަތަށް ބަލައިގެން ސަރުކާރުގެ އެފެސެންސީ އިތުރު ކުރުމަކަށް ނޫނެވެ. ވަކި ވަކި މީހުނަށް ބޮޑެތި މުސާރަ ދިނުމުގެ ބޭނުމުގައެވެ. އެކަމުން ދައުލަތުގެ މަލީ ނިޒާމަށް ލިބޭ ގެއްލުމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތިއެވެ. މާނިއުއަކަށް އެކަމެއް ގަބޫލެއް ނުކުރެއްވެއެވެ. ހޯމަ ދުވަހު ދެއްވި ސްޓޭޓް މިނިސްޓަރުކަމުން ބުދަ ދުވަހު މާނިއު އިސްތިއުފާ ދެއްވީ އެހެންވެއެވެ.