ދެ ދޯކޭބާޒުން ގުޅުމަށްޓަކާ ޔާމީނު ޖަލަށް!
ޔާމީނު ވިީއްލިފައި ހުރެއްޖެނަމަ ބޮޑުފަޅިވަރެއް ޕީއެންސީ ސަރުކާރުން ވަކިވާނެ
ދޯކޭބާޒުންނަކީ ހިޔާލާ ފިކުރުގެ ގޮތުން އެއްވިސްނުމެއްގެ ބައެކެވެ. ބޭނުންވާ ކަމެއް ހާސިލު ކުރުމަށް ކޮށްފާ ނުކުރާނެ އެއްވެސް ކަމެއް ނުއޮންނަ ބައެކެވެ. އެއްކަމެއް ހާސިލުކުރުމަށްޓަކާ ތަފާތު ދެވިސްނުމުގެ ދެ ދޯކޭބާޒުން ކަމަށް ވިޔަސް އެމީހުންގެ މަގުސަދު ހާސިލުކުރުމަށްޓަކާ އެއްގަލަށް އަރާކަށް ޖެހެލުމެއް ނުވެއެވެ. މުއިއްޒާއި ނަޝީދަކީ ރާއްޖޭގައި ދޯކޭބާޒުންގެ އެންމެ އެންމެ އައުލާ ދެމިސާލެވެ.
ނަޝީދަކީ ވެރިކަމަށްޓަކާ އަމިއްލަ ޕާޓީއާއި އެންމެ ގާތް އެކުވެރިޔާއަށް ދޯކާދީ އަމިއްލަ ޕާޓީ ރޫޅާލާ ޕާޓީގައި އޮތް ވެރިކަން ވައްޓާލި މީހާއެވެ. ދައުލަތް ހިންގުމުގެ ބާރު ހިތުހުރި ގޮތަކަށް ނުލިބުމުންނެވެ. މުއިއްޒަކީ ވެރިކަމަށްޓަކާ ޕާޓީލީޑަރަށް ދޯކާދީ ރިޔާސީ ޓިކެޓް ފޭރިގަނެގެން ވެރިކަން ހޯދި މީހާއެވެ. ޕާޓީ ލީޑަރގެ ލެގަސީއާއި ވިޝަން ވިއްކައިގެންނެވެ. ޕާޓީ ލީޑަރަށް އޮތް ހަމްދަރުދީއާއި ފޮޓޯއާއި ހުސްގޮނޑީގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ.
ބާރަށްޓަކާ ނުކުރާނެ އެއްކަމެއް މި ދެމިހުންގެ ނުއޮންނާނެއެވެ. ސިޔާސީ ގޮތުން ތަފާތު ދެ ފަލްސަފާއެއްގެ ދެ މީހުން ކަމަށްވިޔަސް ވަގުތާ ހާލަތަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. މުއިއްޒަށް މިވަގުތު ބޭނުންވަނީ ފައިސާއެވެ. ނަޝީދަށް ބޭނުންވަނީ ދައުލަތް ހިންގުމަށް ފުރުސަތު ލިބެން އޮތްގޮތެއް ހޯދުމެވެ.
މުއިއްޒާއި ނަޝީދުގެ ގުޅުމުގެ ތެރެއިން ނަޝީދު އެންމެ ފުރަތަމަ ބޭނުންވަނީ ނިޒާމީ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. ބަރުލަމާނީ ނިޒާމުން ދައުލަތް ހިންގުމަށް މަގު ހޯދުމެވެ. އޭގެ މުގާބިލުގައި މުއިއްޒަށް ނަޝީދު ކޮށްދޭން ޖެހޭކަމަކީ ބައިނަލްއަގުވާމީ އިދާރާތަކުން ފައިސާ ހޯދާދިނުމެވެ. ހަމަ އެއާއެކު ނަޝީދުގެ އައުވާނުންގެ ބަޔަކަށް ސަރުކާރުން ޖާގަ ދިނުމަކީވެސް އެއްބަސް ވުމުގެ ބައެކެވެ.
ޕީޕީއެމް-ޕީއެންސީ ފިކުރަކީ ނަޝީދާ ދެކޮޅުފިކުރެވެ. ޕީޕީއެމް-ޕީއެންސީ ފިކުރުގެ ތެރެއަށް ނަޝީދުގެ އައުވަނުންގެ ބަޔަކުވަދެ ގަދަކުރުމަކީ ޕީޕީއެމް-ޕީއެންސީ ގިނަ ބަޔަކަށް ހަޖަމުކުރެވޭ ކަމަކަށް ނުވާނެއެވެ. އެހެން އެކަން ކޮށްފިނަމަ ސަރުކާރަށް ބޮޑު ލޮޅުމެއް އަރާނެއެވެ. ބައެއް މިހުން މުއިއްޒާ ވަތްކަނޑަލާ ޔާމީނުގެ ފަހަތަށް އަރާނެއެވެ.
ނަޝީދާއި ޑިމޮކްރެޓްސް މުއިއްޒާ ގުޅޭއިރު ޔާމީނު ވިީއްލިފައި ހުރެއްޖެނަމަ ބޮޑުފަޅިވަރެއް ޕީއެންސީ ސަރުކާރުން ވަކިވެގެން ޔާމީނު ގާތަށް ލައްގާނެއެވެ. ޔާމީނުނެތި ޖަމިލްގެ ފަހަތަށް އެކަކުވެސް ނުދާނެކަން މުއިއްޒަށް އެނގެއެވެ. ނަޝީދާ މުއިއްޒު ގުޅުމުން ބައިގަނޑަށް ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކާ ޔާމީނު ޖަލަށް ގެންދިޔުމުގެ މުހިންމުކަން މުއިއްޒަށް ވަރަށް ބޮޑެވެ. ޔާމީނު ބަންދު ކުރުމުގެ ތަރުތީބުތައް މިހާރު އެދަނީ ހަމަޖެހެމުންނެވެ.