ދެބޯގެރި ދުއްވައިގެން ދައުލަތް ދަވާލަންނޫޅެ ގެއަށްކަނޑާލާ
ރައީސް ދައްކަވަނީ ބިޔަ ބޮޑެތި ޕްރޮޖެކްޓް ތަކުގެ ވާހަކަ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދައްކަވާ ވާހަކަފުޅު ތަކުން ގައިން ހީބިހި ނަގައެވެ. މާދަމާވެސް ކައިބޮއެގެން އުޅެވެނެއެކޭ ހިއެއްވެއެވެ. ދައުލަތަށް ލިބެންޖެހި ނުލިބިވާ 15 ބިލިޔަން ނުލިބި ސަލާމަތް ވާނެ އެހެން އެއްވެސް ގޮތެއް އޮތްކަމަށް ނާޒިމު ދެކި ވަޑައެއް ނުގަންނަވައެވެ. އެހާވަރަށް ދައުލަތް ބަނގުރޫޓް ވެފައިވަކަމަށް ސިފައެބަ ކުރެއެވެ.
ގައުމުގެ ހާލަތު އެހާދަށަށް ވެއްޓިފައި އޮތްނަމަ ރައީސް މުއިއްޒު އެކުރައްވަނީ ކޮންހާ އިސްރާފެއް ހެއްޔެވެ. އެ ދައްކަވަނީ ކޮންހާ ވާހަކަފުޅު ތަކެއް ހެއްޔެވެ. ރިޔާސީ ކެންޕެން ވައުދުތައް ހުރި ގޮތައް ހުރީ ނުފުއްދަވައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކުރައްވާ ވެވަޑައިގެން ވައުދުތައްވެސް އެހުރީ ފުނި ޖެހިފައެވެ.
ފައިސާ ނެތް ވާހަކަ ދައްކަމުން މުލިއާގެ މަރާމާތަށް 3.6 މިލިޔަން ރުފިޔާ ހަރަދުކޮށްފިއެވެ. ހިލާލީގެ މަރާމާތަށް 5.5 މިލިޔަނެވެ. މުރައިދޫ ގަނޑުވަރަށް ހަރަދުވާނެ ވަރެއްވެސް ނޭނގެއެވެ. ސިޔާސީ މަގާމު މީހުނަށް ދިނުމުގައި މަދެއް ސުމާރެއް ނޫނެވެ. އެހެން ކަމަށް ވަންޏާ ނާޒިމް މިދައްކަވާ ވާހަކައާއި ރައީސްގެ އަމަލުފުޅާއި ވާހަކަފުޅު އެބަ ދިމާވޭހެއްޔެވެ.
ރައީސް ދައްކަވަނީ ބިޔަ ބޮޑެތި ޕްރޮޖެކްޓް ތަކުގެ ވާހަކައެވެ. އެކަމަކު ރަސްމާލެ އޮތީ ނޭވާ ހޮޅީގައެވެ. ތިނަދޫ ފަޅުގައި އަޅާ އެއަރޕޯޓްގެ އަޑެއް ނީވެއެވެ. އައްޑޫ ބުރިޖުވެސް އޮތީއެވެ. މާލެ-ފުނަދޫ-ހުޅުލެ މިނީ ރޭލްއާއި މޯލް އަންނަނީގައެވެ. ސީޕްލޭން ޓާރމިނަލް ވެސް އޮތީއެވެ. މާލޭ ޕޯޓް ބޮޑު ވެގެންދާގޮތް އޮތީ ހިތައް އަރުވަލުމެވެ. އަނެއްކާ ގުޅިފަޅާ ޔޫޓީއެފް ބްރިޖް ފަށަނީއެވެ. އިހަވަންދިއްޕޮޅު ބަންކަރިން ހިދުމަތް އަންނަ މަހުން ފަށަނީއެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުން ފަށާ ނުނިމިހުރި މަޝްރޫއުތައް އޮތް ހާލެއް ނޭނގެއެވެ.
އިންޑިއާގެ ލޯނުތަކުން ބައެއް ރިފައިނޭންސް ކޮށްދޭން ނިމިއްޖެ ކަމަށްވެއެވެ. ޗައިނާއިން ފެހި ސިގްނަލް އެހެރީ ދައްކަ ދައްކައެވެ. އިގްތިސޯދުގައި ނާޒިމް ވިދާޅުވާ ޒާތުގެ ގޮތް ހުސްވުމެއް އޮންނަމަ ރައީސް މުއިއްޒު ރައްޔިތުންނަށް އެދެއްވަނީ ކޮން ޔަގީން ކަމެއްހެއްޔެވެ.
ނާޒިމު އެ މޭރުމުން ވާހަކަ ދައްކަވަނީ އާއްމު ރައްޔިތުން އަތުން ދައުލަތަށް އެކި ނަން ނަމުގައި ފައިސާ ނެގުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. ޓެކްސް ބޮޑުކުރުމާއި އެނޫން ނަންނަމުގައި ފައިސާ ނެގުމަކީ އެވާހަކަތައް އެހެން ދެއްކެވުމުގެ މައިގަނޑު ސަބަބެވެ. ސަބްސިޑީތައް ކަނޑާލުމަށް ދައްކާ ހުއްޖަތަކަށް އެކަން ހަދަނީއެވެ. އާސަންދައާއި ހިލޭ ޑިގްރީ ހުއްޓާލުމަށް ނުވަތަ ހަނިކޮށްލުމަށް ޖަހާ ޗައްކަރަކަށް ހިތިބޭސް ދިނުން ހަދަނީއެވެ.
ބައިއަޅައިގެން ދައުލަތް ދަވާލަން ރައްޔިތުންނަށް ހިތިބޭސް ބޯންދޭން އުޅޭނެކަމެއް ނެތެވެ. އިގްތިސާދީ ހާލަތަށް ލޮޅުން އަރާނަމަ ރައީސް މުއިއްޒުގެ އަމަލާއި ވާހަކަ ހުންނާނީ ނާޒިމާ އެއްޓްރެކްގައެވެ. ދެބޯގެރި ދުއްވައިގެން ދައުލަތް ދަވާލަން ނޫޅެ މުއިއްޒެއް ކަމަކު ގެއަށް ކަނޑާލާށެވެ. ރައްޔިތުންގެ ކަންކަން ރައްޔިތުން ހަމަމަގަށް އަޅުވާނެއެވެ.