އެމްޑީޕީ ވެރިކަމުގައި އޮތަސް ނެތަސް ހިސާން!؟
އިސްސަފުގައި އަންހެނުންނަށް ހަރާކަތްތެރި ވެވޭނެކަން ހިސާނު ސާބިތު ކޮށްދޭ
އެމްޑީޕީގެ ރައީސް ޝާހިދުގެ ނޯމިނޭޝަނަކީ އޮނަރަބަލް ހިސާން ހުސޭނެވެ. ކުޅަދާނަ ގާނޫނީ ވަކީލެކެވެ. ވަރުގަދަ ޕާލަމެންޓޭރިއަނެކެވެ. ދެގޮތެއް ނުވެ އެމްޑީޕީގެ ހިދުމަތުގައި ދެމިހުރި ކަނބަލެކެވެ. ގްރާސްރޫޓް އެކްޓިވިޒަމުގައި ވެސް ހިސާނު ހުންނަނީ އެންމެ ކުރީގައެވެ. ހިސާން ހުސޭނުގެ ބޭނުންތެރިކަން ކުޑަވެގެންދާ އެއްވެސް ހާލަތެއް އެމްޑީޕީއަކަށް ނާދެއެވެ. އެމްޑީޕީ ވެރިކަމުގައި އޮތަސް ނެތަސް ހިސާނުގެ ބޭނުންތެރި ކަމެއް ނުކެނޑެއެވެ. ހިސާނުގެ ހިދުމަތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެމްޑީޕީގެ ނައިބު ރައީސް ކަމުގެ ހޮވުން ކިތަންމެހާވެސް ފުރިހަމައެވެ.
ވެރިކަމުގައި އެމްޑީޕީ ނެތިއްޔާ ހިސާބުގެ މަސައްކަތް ދެގުނަވެއެވެ. ޕާޓީއާއި ލީޑަރުންނާއި އެކްޓިވިސްޓުންގެ ދިފާއުގައި ރޭނިދި ނުނިދައެވެ. ރައީސް ނަޝީދުން ފެށިގެން އެންމެ އާދައިގެ އެކްޓިވިސްޓާ ހަމައަށްވެސް ހިސާނުގެ ގާނޫނީ ފަރުވާ ލިބެއެވެ. ސިޔާސީ ހަރަކާތުގެ ތެރެއިން އެމްޑީޕީގެ ކޮންމެ މީހަކަށްމެ ބޭނުންވާ ގާނޫނީ އެހީތެރިކަން ދިނުމުގައި އެމްޑީޕީގެ އިސްވަކީލަކީ ހިސާނެވެ.
ވެރިކަމުގައި އެމްޑީޕީ އޮންނައިރު ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ އެއްތަނބުގެ ގޮތުގައި އަބަދުވެސް ހިސާނު ހުރެއެވެ. ރައްޔިތުންގެ މަޖިލިހުން ބޭރިގައި ހުއްޓަސް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުއްޓަސް ޕާލަމެންޓްރީ ގްރޫޕަށް ހިސާނުގެ ގާނޫނީ އިރުޝާދު ލިބިލިބި ހުރެއެވެ. އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާ އެއްވެސް ގާނޫނީ ބިލެއް ހިސާނުގެ ބައިވެރިވުންނެތި ހުށަހެޅިފައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
19ވަނަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި އެންމެ އިސް ދައުރެއް އަދާކުރި އެއް މެންބަރަކީ ހިސާނެވެ. ޖުޑިޝަލް ސާރވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ޝަރުއީ ނިޒާމަށް އިސްލާހީ ބޮޑެތި ބަދަލުތައް ގެނައުމުގައި ހިސާނުގެ ދައުރު ބޮޑެވެ. ނަޒާހަތްތެރި ފަނޑިޔާރުގެއެއް ހޮދާ ދިނުމަށް ކުރި ބުރަ އުނދަގޫ މަސައްކަތްތަކުން ހިސާނުގެ ނަމަކީ ޝަރުއީ ނިޒާމުން ފުހެލެވޭނެ ނަމެއް ނޫނެވެ.
އަންހެނުން ބާރުވެރިކުރުވުމާއި އިސްސަފުގައި އަންހެނުންނަށް ހަރާކަތްތެރިވެވޭނެ ކަން ސާބިތު ކޮށްދިނުމުގައި ހިސާނަކީ ނަމޫނާއެކެވެ. މާރިޔާ ދީދީއަށް ފަހު އެމްޑީޕީގެ އެންމެ އުހުން ޖާގަހޯދި ފުރަތަމަ ކަނބަލަކަށް ހިސާނު ވެގެން ދިޔަ ދިޔުމަކީ ކަނބަލުންނަށް ވަރުގަދަ ނަމޫނާއެކެވެ.
ހިސާނުގެ ނައިބު ރައީސް ކަމުގައި އެމްޑީޕީ ބޮޑެތި ކާމިޔާބީތައް ހޯދާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ. އެމްޑީޕީ އަލުން ތަރުތީބުވެގެން އެންމެ ބޮޑު ވަރުގަދަ އިކޮޅު ޕާޓީގެ ގޮތުގައި މިއީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ވަގުތެކެވެ. މިދަނޑިވަޅުގައި ވަރުގަދަ ގާނޫނީ މާހިރަކު އެމްޑީޕީގެ ނައިބު ރައީސް ކަމުގައި ލިބުމަކީ ވަރަށް ބޮޑު ނަސީބެކެވެ. ދުނިޔޭގެ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނީ ނިޒާމާއި އެމްޑީޕީއަށް ފަރިތަ ހިސާން ހުސައިން އެމްޑީޕީގެ ނައިބު ރައީސްކަމަށް އިސްކުރި އިސްކުރުމަކީ އެމްޑީޕީ ގައުމީ މަޖިލީހުން ނިންމި އެންމެ ކާމިޔާބު އެއްނިންމުމެވެ. އުސްތާޒާ ހިސާން ހުސޭނަށް މަރުހަބާ ފަށްފަށް ކުރަމެވެ.