ސެމްބެއަށް: މުއިއްޒު ހިންގާނީ ޔާމީނުގެ ސިޔާސަތެއް ނޫން

ސަރުކާރު ހިންގުމުގެ ބާރުތައް ޔާމީނަށް ދިނުމަކީ މުއިއްޒު ކުރާނެކަމެއް ނޫން

ސެމްބެއަށް: މުއިއްޒު ހިންގާނީ ޔާމީނުގެ ސިޔާސަތެއް ނޫން

ބިޔަ ބޮޑު އިދިކޮޅު ކޯލިޝަނެއް އެބަ އޮތް ހެއްޔެވެ. ރޫޅާލަން އުޅޭނީ ބިޔަ ބޮޑު ލަޝްކަރެއް އޮތް ނަމަތާއެވެ. ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެއް ބުރުން ޕީއެންސީއަށް ކާމިޔާބު ކުރެވޭނެ ގޮތަކީ ނެތް ގޮތެކެވެ. ޕީއެންސީއަކީ މީހަކު ދަންނަ ބައެއް ނޫނެވެ. ހަމަ ގައިމުވެސް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅުގައި ޕީޕީއެމެއް ނުއޮންނާނެއެވެ.

ޕީއެންސީގެ ޓިކެޓްގައި ސަލަފުގެ ކެންޑިޑޭޓަކު ނެރެގެން ރާއްޖޭގައި ސަލަފީންގެ ވެރިކަމެއް ގެންނަން އެންމެ ބޮޑަށްް ބޭނުންފުޅު ނުވާ އެއް ބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. އަދާލަތުން އެމްޑީއޭއިން ޕީޕީއެމަށް ފުންމާލާ ރައީސް ޔާމީނުގެ އަތްޕުޅުން ޕީޕީއެމް ޖަހައިގަންނަން މުއިއްޒު ކުރިހާ މަސައްކަތް އެންމެ ރަނގަޅަށް އެނގިވަޑައި ގަންނަވަނީ ރައީސް ޔާމީނަށެވެ.

މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނު މިނިވަން ކޮށްގެން ސަރުކާރު ހިންގުމުގެ ބާރުތައް ރައީސް ޔާމީނަށް ދިނުމަކީ މުއިއްޒު ކުރާނެ ކަމެއް ނޫންކަން ޕީޕީއެމްގެ ގިނަ މެންބަރުންނަށް އެނގެއެވެ. އިންތިހާބު ބޮއިކޮޓް ކުރަން ރައީސް ޔާމީނު އެދިވަޑައިގަތީ އެ މަންޒަރު ސާފުކޮށް ފެނި ވަޑައިގަންނަވާތީއެވެ. ތަޖުރިބާގެ އަލީގައެވެ. ރައީސް ޔާމީނަށް ހެޔޮއެދޭ އެއްވެސް ދިވެއްސަކު ޕީއެންސީ ކެންޑިޑޭޓަށް މިފަހަރު ވޯޓެއް ނުދޭނެއެވެ. 

ރައީސް ޔާމީނުގެ ދިފާއުގައި ޕީޕީއެމް-ޕީއެންސީގެ ބިޔަ ބޮޑު ލަޝްކަރު ހަރަކާތްތެރި ނުކުރުވީ ރައީސް ޔާމީނު މިނިވަން ކުރުމުގެ ވިސްނުން މުއިއްޒުމެންގެ ގައިގާ ނެތުމުންނެވެ. ރައީސް ޔާމީނު ބަންދުގައި ބާއްވައިގެން ރިޔާސި ޓިކެޓް ހޯދުން ނޫން ދެވަނަ ވިސްނުމެއް މުއިއްޒުމެންގެ ނެތެވެ. ޕީޕީއެމް ދޫކޮށް ޓިކެޓް އޮތް ތަނަށް ފުންމާލައިގެންވެސް މުއިއްޒު ހުރީ ޓިކެޓް ހޯދަން ހޭކެނޑިފައެވެ.

ރައީސް ޔާމީނުގެ ދިފާއުގައި މަގަށް ނިކުމެ އުޅުނީ ފަންސާހަކަށް މީހުންނެވެ. ރައީސް ޔާމީނު މިނިވަން ކުރުމުގެ ނިޔަތް އޮތްނަމަ ސަރުކާރަށް އޮބި ނޯންނަ ވަރަށް ޕްރެޝަރ ކުރެވުނީހެވެ. އެކަމަކު ލީޑަރޝިޕްގެ ގިނަ މީހުން ތިބީ އެކަން ކުރާކަށް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ރޭވުމާ އެއްގޮތަށް އެންމެ ފަހު ވަގުތު މުއިއްޒަށް ރިޔާސީ ޓިކެޓް ލައްކޮށްލީއެވެ. އިންތިހާބު ބޮއިކޮޓް ކުރަން ރައީސް ޔާމީނު ވިދާޅުވެ ވިދާޅުވެ ހުންނަވަނި ކޮށެވެ. 

ޑރ. މުއިއްޒުގެ ވެރިކަމެއްގާ ތަންފީޒުވެގެން ދާނި ރައީސް ޔާމީންގެ ސިޔާސަތެއް މެނިފެސްޓޯ އެއް ނޫނެވެ. ރައީސް ޔާމީނަށް ވެރިކަމުގެ ތެރޭގައި ބަސް ނުކިޔޭނެ ހުރިހާ ގޮތެއް ހެދުމަކީ މުއިއްޒުގެ މުޅި އެޖެންޑާއެވެ. މުއިއްޒު ހިންގާނީ ބާބުލްއަވާލީގެ ސިޔާސަތެވެ. ރައީސް ޔާމީނާއި ޕީޕީއެމްގެ ސިޔާސަތެއް ނޫނެވެ.