އެމްޑީޕީ ބަޔަކަށްވެގެން ކޮންސަލްޓެންޓް ކަމެއް ނުދޭ!
ކޮންސަލްޓެންޓުން ނެގީ އިއުލާނުކޮށް ވަޒަންކޮށްގެން.
މާލޭ ސިޓީ ކައުންސިލަށް ކޮންސަލްޓެންޓުން ތަކެއް އަލަށް ނަގައިގެން ރާގު ރާގަށް ވާކަ ދެއްކޭއިރެކެވެ. އެކަމުގެ ހަގީގަތަކީ ކޮބައިތޯ ހޯދާ ބަލާލިއިރު ފެންނަން އޮތް ހަގީގަތަކީ އެކަމުގައި ސިޔާސީ ކުލައެއް ނެތުމެވެ. ވަކިބައެއްގެ މަސްލަހަތު ކުރިއަށް ނެރެފައި ނެތުމެވެ. ކޮންޓްރެކްޓް އުސޫލުން ކޮންސަލްޓެންޓްކަން ދީފައިތިބީ މޫނަށް ބަލައިގެން ނޫންކަމެވެ.
ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވެ މަސައްކަތާ ހަވާލުވީއްސުރެ ޕާޓީ ރޫހު ސިޓީ ކައުންސިލްގެ ރަސްމީ މަސައްކަތުގެ މާހައުލުގައި ގެންގުޅެފައެއް ނެތެވެ. މޭޔަރު ނޫން އެހެން ހުރިހާ ކައުންސިލަރުންނަކީ ޕީއެންސީ މެންބަރުން ކަމަށްވިޔަސް ކައުންސިލްގެ މަސައްކަތުގައި އިސްކޮށްފައިވަނީ މާލެ ސިޓީ ރައްޔިތުންގެ ލާބަޔާ މަންފާއެވެ. މާލެ ސިޓީގެ މަސްލަހަތެވެ. ގާނޫނާއި ގަވާއިދެވެ.
އާދަމް އާޒިމް މޭޔަރުކަމާއި ހަވާލުވީ ފަހުން މާލެ ސިޓީ ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން ނެގި ބަޔަކު ނެގީ އިއުލާން ކޮށްގެންނެވެ. އެކި ދުވަހު ކުރެވުނު ވަކިވަކި އިއުލާން ތަކެއް ކޮށްގެން އެދޭ މީހުން ހޯދައިގެންނެވެ. ކޮންސަލްޓެންޓަކު ނަގާ ދާއިރާއަކާއި ގުޅޭ އިލްމާއި ތަޖުރިބާއަށް ބަލައިގެން އެދުނު މީހުން ވަރަށް އިންސާފުވެރި ވަޒަން ކުރުމަކުން ވަޒަން ކުރުމަށް ފަހުގައެވެ.
ވަޒަން ކުރުމުގައި އެންމެ މަތީ ސްކޯކުރާ މީހަކީ ކޮން ޕާޓީއެއްގެ ކާކުތޯ ކޮންޓްރެކްޓް ދިނުމުގައި ނުބަލައެވެ. އިއްތިފާގުން އެމްޑީޕީ މެންބަރުން ތަކެއް ކައުންސިލްގެ ކޮންސަލްޓެންޓުނަށް ހޮވުނު ހޮވުމަކީ އެ މީހުން ނިސްބަތްވާ ޕާޓީއާއި ފިކުރުގެ ސަބަބުން ވީކަމެއް ނޫނެވެ. މާލެ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން މިވަގުތު ޕީއެންސީއަށް ނިސްބަތް ވާއިރު ޕާޓީ ފިކުރުގައި ކޮންސަލްޓެންޓުން ނެގިނަމަ އެމްޑިޕީއަށް ނިސްބަތްވާ އެކަކުވެސް ނުނެގީހެވެ. ނަސީބު ދިމާކުރި ގޮތުން އެމްޑީޕިއަށް ނިސްބަތްވާ ބަޔަކަށް ސިޓީ ކައުންސިލްގެ ކޮންސަލްޓެންޓުންނަށް ވެވުނީއެވެ.
ފަހަރެއްގައިވެސް އެއްޔަކީ މޭޔަރު އާދަމް އާޒިމް ވަކި ބަޔަކަށް މަގާމު ދިން ދިނުމެއް ނޫނެވެ. ސިޓީ ކައުންސިލްގެ އެހެން މެންބަރުން ވެސް ވަކި ފިކުރެއްގެ ވަކި ބަޔަކަށް ދޭން ވިސްނާފައި އޮތްނަމަ އެމްޑީޕީގެ މެންބަރަކަށް ކޮންސަލްޓް ކަމެއް ނުދޭނެއެވެ.
އެމްޑީޕީ ކައުންސިލަރުންގެ މަހާސިންތާގައި އާދަމް އާޒިމް އެ ވިދާޅުވީ އެ ވާހަކައެވެ. މާލެ ސިޓީ ކައުންސިލުން ވަޒީފާ ދިނުމުގައި ވަކި ޕާޓިއަކަށް ވަކި ފިކުރަކަށް ނުބަލާ ގާބިލު މީހާއަށް އިސްކަންދޭ ވާހަކައެވެ. އާދަމް އާޒިމް ވިދާޅުވީ އެހީތެރިކަން ހޯދަންޖެހޭ ބައެއްގެ އެހީތެރިކަން ހޯދައިގެން ނަމޫނާ ކައުންސިލެއްގެ ގޮތުގައި ގުޅިގެން މާލެ ސިޓީ ކައުންސިލް ހިންގަމުންދާ ވާހަކައެވެ.