ގާސިމަށް ލޫކަސް: ދިވެހިން ފަގީރަސް ދިވެހިރާއްޖެ މުއްސަނދި
ރާއްޖޭގެ ބޮޑު މަހުޖަނު ގާސިމް އިބްރާހީމް ދެކޭގޮތުގައި ރާއްޖެ ދަރަނިވެރިވަނީ ދިވެހީން ފަގީރު ކަމުންނެވެ. ރާއްޖެ ދަރަނި ވުމުގައި ސަރުކާރުގެ ކުށެއް ނެތްކަމަށް ވިސްނާދޭން ގާސިމު ދައްކަވާ ވާހަކައަށް ރައްދު ދެއްވާ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫނު ޖަލީލް ( ލޫކަސް ޖަލީލް) ވިދާޅުވަނީ ދިވެހިން ފަގީރަސް، ދިވެހި ރާއްޖެ މުއްސަނދި ކަމަށެވެ.
ހަމަ އެކަނި ޓޫރިޒަމް އާމްދަނީއަށް 30 ބިލިއަން ރުފިޔާ ލިބޭ 3 ލައްކަ މީހުންގެ ކުޑަ ގައުމެއް ފަގީރުވުމުން ލޫކަސް ސުވާލު އުފައްދަވައެވެ. އެ ސުވާލަކީ ހަމައެކަނި ލޫކަސް އުފައްދަވާ ސުވާލެއް ނޫނެވެ. ރާއްޖޭގެ ގިނަބަޔަކާއި މުޅިދުނިޔޭގައިވެސް އެސުވާލަކީ އުފެދޭ ޖަވާބު ނުލިބޭ ސުވާލެކެވެ.
ދަރަނި އިތުރުވަނީ ސަރުކާރުގެ ސަބަބުން ނޫންކަމަށް ގާސިމު ވިދާޅުވިޔަސް އެކަން އޮތީ އެހެން ނޫންކަން އެންމެ ތުއްތު ކުއްޖާއަށް ވެސް އެނގޭނެއެވެ. ރާއްޖެ ދަރަނިވެރިވާ ބައެއް ސަބަބުތައް ލޫކަސް ފާހަގަވެސް ކުރައްވައެވެ.
ލޫކަސް ފާހަގަކުރައްވާ ކަންކަމުގެ ތެރޭގައި ސިޔާސީ މަގާމު ގިނަކޮށް ސިޔާސީ އިސްރާފު ބޮޑުވުމާއި ހަމަ އެކަނި ސިޔާސީ ތާއީދު ހޯދަން ގައުމީ ތަރައްގީގެ ޕްލޭނެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގުން ހިމެނެއެވެ. ކޮންމެ މަޝްރޫއެއްގައި ސިޔާސީ ކަޓު ހިމެނުމާއި ދައުލަތަށް ލިބޭ އެއްޗެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލޭ ގެއްލުން ލޫކަސް ފާހަގަ ކުރައްވައެވެ.
ޓޫރިޒަމް ނޫން ސިނާއަތްތައް ކުރި ނޭރުވޭތީ އާއި އިމްޕޯޓް ދަށްކޮށް އެކްސްޕޯޓް މަތިނުކުރެވުމަކީ ދަރަނިވެރި ވުމުގެ ސަބަބެއް ކަމަށް ވެސް ލޫކަސް ފާހަގަ ކުރައްވައެވެ. ދަރަނި ދައްކަން ދަރަނި ނަގުމަކީވެސް ދަރަނިވެރިވުމުގެ ސަބަބެއްކަމަށް ލޫކަސް ފާހަގަ ކުރައްވައެވެ.
ބުނެވި ދިޔަ ހުރިހާ ކަމަކަން ކަމަކީވެސް ރާއްޖެ ދަރަނިވެރި ވުމުގައި ސަރުކާރުތަކުގެ ކުށްކަމަށް ލޫކަސް ވިދާޅުވެއެވެ. އެހެންނަމަވެސް ސިޔާސީ ގޭމްކުޅެގެން ދައުލަތް ނޮޅާކާލާ ގާސިމު އިބްރާހީމް ފަދަ ކަލާސީންނަކަށް ނަވެއް ބަލެއް ނުވާނެއެވެ.




