މުއިއްޒުގެ ވިސްނުމަކީ ރަށްތަކެއް ފަޅުކޮށް ވިއްކާލުން!

ދައުލަތް ދަވާލުންނޫން ވިސްނުމެއް މުއިއްޒުގެ ނެތް

މުއިއްޒުގެ ވިސްނުމަކީ ރަށްތަކެއް ފަޅުކޮށް ވިއްކާލުން!

ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމަކަށް މުއިއްޒަށްވީ ކުދިކުދި އާބާދީ ރަށް ރަށުގައި އުޅޭތީއެވެ. މީހުން އުޅޭ ރަށް ރަށަށް ސަރުކާރުން އަޅާލަން ޖެހޭތީއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުން ރާއްޖެއަށް ނުރައްކަލެއް އޮތްކަމަކަށް މުއިއްޒަށް ކުރިއަކުން ނުވެއެވެ.

ވެރިކަމަށް އިންތިހާބު ވެގެން އަލްޖަޒީރާއަށް ދިން ބަސްދީގަތުމުގައި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގުޅޭގޮތުން ދުނިޔޭގެ ސައިންސިސްޓުނަށް މުއިއްޒު އެ ދުވަހު ކުރީ މަލާމާތެވެ. އެކަމަކު ވެރިކަމަށްއަރާ ބޭރުގެއެހީ ހޯދަންވީމާ ކަނޑުގެ ލޮނުގަނޑުވެސް އުފުލޭކަމަށް ވެއްޖެއެވެ. މޫސުމަށް އަންނަ ބަދަލުން ރާއްޖެއަކީ ނާޒުކު ގައުމަކަށްވެސް ވެއްޖެއެވެ. 

މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ސަރުކާރުން ހަރަދު ކުރަން ޖެހޭތީ ގިނަ ރަށްތަކެއްގައި މީހުން ދިރިއުޅުމަކީ ބޮޑުކަމަކަށް މުއިއްޒަށް ވެއްޖެއެވެ. އާބާދީ ކުދި ރަށްރަށުގައި މީހުން ދިރިއުޅުމަކީ ނާޒުކު ކަމަކަށް މުއިއްޒަށް ވަނީވެސް ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމު ކުރަންޖެހޭތީއެވެ. ކަރަންޓާއި ބޯފެން ރައްޔިތުންނަށް ހޯދާދޭން ޖެހޭތީއެވެ. ފަޅާއި ބަނދަރު ހަދާދީ ގޮނޑުދޮށް ގިރުން ހުއްޓުވަން ޖެހޭތީއެވެ. މަގުހަދާދީ ފެންހިންދުން ހުއްޓުވަން ޖެހޭތީއެވެ. ސިއްހީ މަރުކަޒާއި ސްކޫލާއި މިސްކިތް އަޅައިގެން އެތަންތަނުން ރައްޔިތުންނަށް ހިދުމަތް ދޭންޖެހޭތީއެވެ. ކުޅޭދަނޑުތަކާއި އެހެނިހެން އާއްމު ހިދުމަތްތައް ގާއިމުކޮށްދީ ދަމަހައްޓަން ޖެހޭތީއެވެ. 

ދުނިޔޭގެ ގިނަ ގައުމުތަކާ ހިލާފަށް ރާއްޖޭގެ ހާއްސަކަމަކީ ތަފާތު ކަމަކީ ރީތި ކުދިކުދި ރަށްތަކެއްގައި ތޮއްޖެހުމެންނެތި އަމާންކަމާއި އޮމާންކަމާއެކު އެރަށެއްގެ ތޮބީއަތާއި އެއްގޮތަށް ދިރިއުޅޭ ރައްޔިތެއް އޮތުމެވެ. ރަށުފެންވަރުގައި ތައުލީމާއި ސިއްހަތާއި އަސާސީ ހިދުމަތްތައް ލިބިގެން ރައްޔިތުން އުޅުމެވެ. ރައްޔިތުންގެ މައްޗަށް ބަސްކިޔާ ރައްޔިޔުންގެވެރިން އެމީހުން އަމިއްލައަށް ކަނޑައަޅައިގެން މައިސަރުކާރުގެ މަދަދާއި އެހީތެރިކަމުގައި އުފާވެރި ދިރިއުޅުމެއް އުޅޭއުޅުމެވެ. ރާއްޖޭން ރާއްޖެވަންތަކަން ނައްތާލަންއުޅޭ އެއްވެސް ސަރުކާރަކަށް ރައްޔިތުންގެ ރުހުމެއް ނޯވެއެވެ.

މުއިއްޒު ބޭނުންވަނީ ގިނަ ރަށްތަކެއް ފަޅުކޮށް އާބާދީ ތޮއްޖައްސާ އިތުރު މާލެ ތަކެއް އުފައްދާށެވެ. އެންމެން އެއްތަން ކޮށްގެން ރައްޔިތުން ގަނަ ތަޅުވާށެވެ. މަތިމައްޗަށް އިމާރާތްކޮށްގެން ބޯހިޔާވަހިކަމުގެ ޑިމާންޑް އިތުރުކޮށްގެން ފްލެޓްތަކުގައި ފުނިޖައްސާށެވެ. ގިނަ ރަށްތަކެއް ފަޅުކޮށްގެން ބޮޑުއަގުގައި ވިއްކައިގެން ފައިސާ ހޯދާ ދައުލަތް ދަވާލުން ނޫން އެއްވެސް ވިސްނުމެއް މުއިއްޒުގެ ސިކުނޑީގައި ނެތެވެ.

ރާއްޖޭގެ ރައްޔިތުން އެމީހުން އުފަންރަށުގައި ބައިތިއްބައިގެން ރާއްޖެ ތަރަައްގީ ކުރަން ނޭނގެންޏާ ވެރިކަމުގައި ބަގުޑި ބައްދައިގެން މުއިއްޒެއްކަމަކު ހުންނާނެ ކަމެއް ނެތެވެ. ވެރިކަމަށް އަރާ ތިޔަހުރީ އެރަށްރަށުގައި ކުރަން ބޭނުންވާ ކަންކަން ކުރާނެ ކަމަށް ވައުދުވެގެން އެރަށްރަށުގެ މީހުންގެވެސް ވޯޓު ހޯދައިގެންނެވެ. އެމީހުން ވޯޓުދިނީ ވެރިކަން ލިބުމުން ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރާކަށް ނޫނެވެ.