ހިނގާ ގަލަމެއް، ހެލޭދުލެއް ނުހުއްޓުވޭނެ
މުއިއްޒުގެ އަގުވެއްޓެންޏާ އަގުވެއްޓެނީ މީހަކު އަގުވައްޓައިގެނެއް ނޫން
ރައީސް މުއިއްޒު ކިތަންމެ ބާރަށް ތިމަންނާ ދޮގެއް ނުހަދަމޭ ބުންޏަސް މުއިއްޒު އިންތިހާ ދަރަޖައަށް ދޮގު ހަދާކަމީ ހަގީގަތެކެވެ. އޮޅުވާލުމާ އުނބަށް ޖެހުމަކީ މުއިއްޒުގެ އާދައެވެ. އެއް ވާހަކައެއް ދެފަހަރު ދެ ގޮތަށް މުއިއްޒު ދައްކަނީ މަދެއް ސުމާރެއް ކޮށްނޫނެވެ. އެއްވެސް ކަމެއް ދޮގުކުރުމަކީ އެކަމަކީ ތެދަކަށް ނުވުމުގެ ހުއްޖަތެއް ނޫނެވެ. ކުށްކުރާ މީހުން ކުށަށް އިއުތިރާފު ނުވުމަކީ ކުށް ނުކުރުމެއް ނޫނެވެ. ކުށެއްކޮށްފައި ކުށަށް އިއުތިރާފް ވާނީ މަދު މީހެކެވެ. ދިމާލަށް ފެންނަން ހުންނަ ކަންކަމުގައިވެސް ދޮގު ހެދުމާ ދޮގު ކުރުމަކީ އާއްމުކަމެކެވެ.
އެންމެންގެ ކުރިމަތީގައި ފާޅުގައި މުއިއްޒު ކުރާ ކަންކަމުގެ ވާހަކަ ދައްކާ މީހުންނާއި ނޫސްވެރިންނާއި ނޫސްތައް ވަރުގެ ނުބައި ބަޔަކު މުއިއްޒަށާއި މުއިއްޒުގެ އައުވާނުންނަކަށް ނެތެވެ. ދައްކާ މީހުން އެވާހަކަތައް ދައްކާތީ އަގުވެއްޓޭތީ މޭނުބައިކޮށްގެން ތަފާތު ހިޔާލުގެ ނޫސްވެރިކަން ނައްތާލުމަށް މަރުފަލިޖަހާނީ މޮޔަކަމުންނެވެ.
ރައީސް މުއިއްޒުގެ އަގުވައްޓަނީ ރައީސް މުއިއްޒު އަމިއްލައަށެވެ. މުއިއްޒު އަމިއްލައަށް ކުރާކަންކަމާއި ދައްކާ ވާހަކއިންނެވެ. ބަޔަކު ކިޔަސް ނުކިޔަސް މުއިއްޒުގެ އަގު މުއިއްޒު ވަނީ ވައްޓާލާފައެވެ. މުއިއްޒު ހަދާ ދޮގުންނާއި ޖަހާ އުނބަށް ޖެހުމުން މުއިއްޒުގެ އަގު ވައްޓާލުމަށް އެހެން މީހަކު ކުރާނެކަމެއް ހަގީގަތުގައި ނެތެވެ.
ނޫހަކުން ބުންޏަސް ނުބުންޏަސް މުއިއްޒު ރާއްޖޭގައި ތިބިކަމަށް ބުނި ދެހާހަށްވުރެ ގިނަ އންޑިއާ ސިފައިން މުއިއްޒަކަށް ނުދެއްކުނެވެ. ހާމަކުރަންބުނި 100 އެއްބަސްވުން ހާމައެއް ނުކުރެވުނެވެ. ފޮނުވާލާނެކަމަށް ބުނި އިންޑިއާގެ ދެހެލްކޮޕްޓަރާއި ޑޯނިއާބޯޓު ފޮނުވައެއް ނުލެވުނެވެ. އިންޑިއާގެ އަސްކަރީ މީހުން ނުލާ އިންޑިއާގެ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ދުއްވަން ދިވެހިންނާ ހަވާލެއް ނުކުރެވުނެވެ.
ޗާގޯހާއި ގެއްލުނު ކަަމަށް ބުނި ކަނޑެއް ހޯދައެއް ނުދެވުނެވެ. ރައީސް ޔާމީނު މިނިވަންކުރުމަށް ކުރިކަމެއް ހަރާމެވެ. އަށް މަހުން ހިއްކާ ނިންމަން ބުނި ރަސްމާލެ އޮތީ ފެނުއަޑީގައެވެ. ކުރީ ސަރުކާރުން ދީފައިވާ ގޯތިތަކާ ފްލެޓްތައް ހަވާލެއް ނުކުރެވުނެވެ. ރަށްރަށުގައި ފަށާފައިވާ މަސްކަތްތައް ނުހުއްޓާ ކުރިއަކަށް ނުގެންދެވުނެވެ. 48 ގަޑިއުރު ތެރޭގައި މަސްވެރިންނަށް ޑޮލަރުން ދޭންބުނި އަގެއް ނުދެވުނެވެ. ވަޒީފާއިން ވަކިނުކުރާން ބުނި މުއައްޒަފުން ވަކިކޮށްފިއެވެ. މިހެން ގޮސް ކިޔާފައި ނުކިޔާނެ ކަމެއް ނެތެވެ.
އެވާހަކަ ބަޔަކު ދައްކައިގެން އަގުވެއްޓެންޏާ އަގުވެއްޓެނީ މީހަކު އަގުވައްޓައިގެނެއް ނޫނެވެ. ވައްޓާ އަގެއް ވައްޓަނީ މުއިއްޒު އަމިއްލައަށެވެ. ރީޝްވަތު ދީގެން މެންބަރުން ޕާޓީ ބަދަލުކުރުވާ މެންބަރުން ހޮވަން އާއްމުނަށް ރިޝްވަތު ދީގެން ހޮވި މެންބަރުންނަށް ކޮންމެ މަހަކު ރިޝްވަތަށް ފައިސާ ދެންޏާ އެ ވާހަކަ ދޮގު ކުރިއަސް މީހުން ނުދައްކައެއް ނުތިބޭނެއެވެ.
ހެއްދެވިހާ ގޯހެއް ހަދަމުން މަތިމައްޗަށް ދޮގުހަދަމުން އޮޅުވާލަން ޕްރޮޕަގެންޑާ ފެތުރިޔަސް ތަފާތު ފިކުރުގެ މީހުން ހަގީގަތް ހާމަ ކުރާނެއެވެ. މުއިއްޒަށް ފާޑުކިޔާ ނޫސްވެރިންނާއި ނޫސްތަކަށް ފިޔަވަޅު އަޅަން ކިތަންމެ ވައްވަކެއް ޖެއްސިޔަސް ތަފާތު ފިކުރު މަރައެއް ނުލެވޭނެއެވެ. ނޫސްތައް ބޭން ކުރެވިދާނެއެވެ. ނޫސްވެރިން ހައްޔަރުކޮށް މަރާވެސް ލެވިދާނެއެވެ. އެހެނެކޭ ކިޔާ ހިނގާ ގަލަމެއް ހެލޭދުލެއް ނުހުއްޓުވޭނެއެވެ.