އައު ގަވަރުނަރު ފައިސާ ޗާޕްކުރާނީ ކޮންހަމައެއް އަޅައިގެން!
ދެމުން އައި އެއްވެސް ސަބްސިޑީއެއް އުންޏެއް ނުކުރޭ
އައު ގަވަރުނަރު ފައިސާ ޗާޕްކުރާނީ ކޮން ހަމައެއް އަޅައިގެންހެއްޔެވެ. ކުރީ ސަރުކާރުން ފައިސާ ޗާޕްކުރުމާއި ޗާޕްކުރި ފައިސާ އިގްތިސާދުގެ ތެރޭގައި ދައުރުކުރުމުގައި ގެންގުޅުނު ހަމަތަކެއް ހުއްޓެވެ. ފައިސާ ޗާޕްކުރުމަށް މަޖިލީހުގެ ރުހުން ދިނުމުގައިވެސް ހިފެހެއްޓި ހަމަތަކެއް ހުއްޓެވެ.
- ނިމިދިޔަ ސަރުކާރުން ބޭނުންވެގެން އެމްއެމްއޭ އިން ފައިސާ ޗާޕް ކުރީ ދުނިޔެއަށް ދިމާވި ކޮވިޑްގެ ވަބާއިން ދުނިޔޭގެ އިގްތިސާދަށް އައި ތޫފާނުގައި ރާއްޖެއަށް ކުރާއަސަރު ކުޑަކުރުމަށެވެ. ބޯޑަރު 2 ފަހަރު ބަންދު ކުރަންޖެހުމާއި ރާއްޖެއަށް ލިބެމުންދިޔަ އާމްދަނީ އެތައް ގުނައެއް ދަށްވެ އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ރާއްޖެ އާއްމު ރައްޔިތުންނަަށް އުފުލަންޖެހުނު އިގްތިސާދީ ތަކްލީފް ވީހާވެސް ކުޑަ ކުރުމުގެ ބޭނުމުގައެވެ.
- ފައިސާ ޗާޕް ކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެމްއޭއިން ވަކި މިންވަރެއްގައި ހިފަހައްޓާ އަދި ވަކި މުއްދަތެއްގައި ހުއްޓާލުމަށް ޝަރުތުކޮށްގެނެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅު ވަމުން ދިޔަ ވަރަކަށް އެމްއެމްއިން ނަގާފައިވާ ފައިސާ އެމްއެމްއޭއަށް ހަވާލު ކުރަމުން އޭރު ގޮސްފައިވެއެވެ.
- އިހަށްދުވަހު ގަވަރު ނަރުކަމުން ވަކިކުރި އަލީ ހާޝިމް މަޖިލީހަށް މައުލޫމާތު ދެއްވި ގޮތުގައި ނިމިދިޔަ ސަރުކާރުން ޗާޕްކުރުވި ފައިސާގެ %80 ވަނީ ހިފަހައްޓާފައެވެ. އިގްތިސާދުގައި ދައުރުކުރުމަށް ނެރުނީ އެންމެ %20 އެވެ.
- ރާއްޖެއަށް ލިބެމުންދިޔަ އާމްދަނީ އެތައް ގުނައެއް ދަށަށް ދަށްވެގެން ދިޔަސް އެމްއެމްއޭއިން ޗަޕްކޮށް އިގްތިސާދަށް ނެރުނު %20 ގެ ސަބަބުން ދައުލަތުން ދިން އެއްވެސް ހިދުމަތަކަށް މާބޮޑު ބުރެލެއް ހުއްޓުމެއް ނާދެއެވެ.
- ކައުންސިލްތަކާއި ކުންފުނިތައް ހިމެނޭގޮތަށް އާއްމު ފަރާތަތަކާއި ދައުލަތުން މުސާރަދޭ ހުރިހާ ދާއިރާއަށް އުނިކަމެއް ނެތި މުސާރަ ދެވުނެވެ. ހަމައެއާއިއެކު ވަކި އަދަދަކުން މަތިން ބޭސިކް މުސާރަ ލިބޭ މީހުންގެ މުސާރައިން ކުޑަ މިންވަރެއް އުނިކޮށް އިގްތިސޯދު އެއް ހަމައެއްގައި ހިފެހެއްޓިއެވެ.
- ސަރުކާރާއި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން މުވައްޒަފުން ކަނޑާފައެއްނުވެއެވެ. ބޭނުންވާ ތަންތަނަށް ބޭނުންވާ މިންވަރަށް މުވައްޒަފުން އިތުރު ކުރަމުން ގޮސްފައިވެއެވެ. މިހާރުގެ ސަރުކާރުގެ ވަރަށް ގިނަ ސިޔާސީ މުވައްޒަފުންނަކީ އޭރުގައި ކޮންމެވެސް ނަމެއްގައި ދައުލަތުން މުސާރަ ލިބުނު ބައެކެވެ.
- ރައްޔިތުންނަށް ދެމުން އައި އެއްވެސް ސަބްސިޑީއެއް އުންޏެއް ނުކުރެއެވެ. ހިދުމަތުގެ އަގެއް ބޮޑެއް ނުކުރެއެވެ.
- ދައުލަތުގެ ފަރާތުން އާއްމުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރު ކޮށްދީފައިވެއެވެ. ކުދި އަދި މެދުފަންތީގެ ލޯނު ފޯރުކޮށްދީފައިވެއެވެ.
- ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުމްރާނީ ތަރައްގީ އާއި އަސާސީ ހިދުމަތް ދިނުމުގެ އެތައްސަތޭކަ ޕްރޮޖެކްޓްތައް ހިންގަމުން ގެންގޮސްފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކާއި ހިލާފަށް އާއްމު ރައްޔިތުން ބިކާރީ ވެގެނެއް ނުދެއެވެ. އަތްފޯރާ ފަށުގައި ދަތިކަމެއްނެތި ބޭނުން އެއްޗެއް ގަންނަން ލިބެން ހުއްޓެވެ. ކާބޯތަކެއްޗަކަށް ބޭސް ފަރުވާއަކަށް ހުރަހެއް ނޭޅެއެވެ. އެހެން ކަމުން މުޅި ދުނިޔޭން އެންމެ ރަގަޅަށް ކޮވިޑް19 މެނޭޖްކުރި މަދު ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. އެހެނެކޭ ކިޔާ މިސަރުކާރުން ފައިސާ ޗާޕް ކުރާނީ ކޮން ހަމައެއް އަޅުވައިގެން ހެއްޔެވެ.