ގޯއްޗާއި ފްލެޓް މައްސަލަ: މަތިމައްޗަށް ދޮގާ އޮޅުވާލުން
ގެއްލުމުގެ ބަދަލު ދައުލަތުން ދައްކަން ޖެހޭނެ
މަޖްލިސް ކޮމެޓީއަށް ހައުސިން މިނިސްޓަރ ދޮގު މައުލޫމާތުދީ ދޮގުހަދާ މައްސަލަ ބަލަން އެބަޖެހޭ ކަމަށް ގިނަ ބަޔަކު އެބަބުނެއެވެ. ކުރީ ސަރުކާރުންކޮށް މަގުފަހިކޮށްދީފައި ހުރި ކަންކަން ވެސް ވައުދުވިގޮތާ އެއްގޮތަށް މުއިއްޒު ސަރުކާރުން ކުރާތަނެއް ނުފެނެއެވެ. ފެންނަނީ ނުކޮށް ވާންއޮތް ގޮތެއް ހޯދައިގެން ނުކޮށް ތިބުމަށެވެ.
ސަރުކާރުން ކުރިންނިންމާފައި ހުންނަ ކަންކަން ބާތިލުކޮށް ނުކުރާ ކަމަކަށް ހެދުމަކީ ފަހުން އަންނަ ސަރުކާރަކަށް އޮތް ހައްގެއް ނޫނެވެ. ސަރުކާރަކުން ނިންމާ ގެޒެޓްކޮށްފައި އޮތް ކަމެއް ބަދަލު ކުރެވޭނީ އެކަމެއްގައި އޮތް ގާނޫނާ ހިލާފްކަމެއް ސާބިތުކޮށް ޝަރުއީ ހުކުމަކުންނެވެ.
ކުރީ ސަރުކާރުން ގޯއްޗާ ފްލެޓްދޭން ކަނޑައަޅާ ނިންމާ ގެޒެޓްކޮށްފައި ވަނިކޮށް އެއިގެ ތެރެއިން ވަކިބަޔަކު އެ ހައްގުން މަހުރޫމެއް ނުކުރެވޭނެއެވެ. މުޅި ޕްރޮސަސް ހުއްޓައެއްވެސް ނުލެވޭނެއެވެ. ރިޔާސީ ކެންޕޭން ތެރޭގައި މުއިއްޒު ދެއްކި ވާހަކަތައް ރައްޔިތުންގެ ކަންފަތުގައި ފިލާ ނުގޮސް ހަރުލާފާ އެބަހުއްޓެވެ.
ފުލެޓާއި ގޯތި ދިނުމުގައި ގާނޫނާ ހިލާފް ކަމެއް ހިގާފައިވާނަމަ އެކަން ބަލާ ތަހުގީގްކޮށް ޝަރީއަތަށް ސާބިތުވި މިންވަރަކަށް ނޫނީ އެއްވެސް ބަދަލެއް އައު ސަރުކާރަކަށް ނުގެނެވޭނެއެވެ. ގެންނަ ނަމަ އެކުރެވެނީ ދައުލަތުގެ ނަމުގައި ކުރާ ގާނޫނީ ކުށެކެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ދައުލަތުން ދައްކަން ޖެހޭނެއެވެ. އެކަންކުރި ބަޔަކު ކުށްވެރިވެސް ވާނެއެވެ.
އޭސީސީން ބުނާއެއްޗަކަށް ބުރަވެ ޝަރީއަތެއް ކުރުމެއްނެތި ރައްޔިތުންނާ ސީދާ ގުޅުންހުރި ސަރުކާރުގެ ނިންމުންތައް ބަދަލުކުރުމުގެ ބާރެއް ހައިދަރަކަށް މުއިއްޒަކަށް ރައްޔިތުން ނުދެއެވެ.