ސްކޫކް ޑިފޯލްޓްވާ ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ!
ކުރިއަށް އޮތް 24 ދުވަހުގެ ތެރޭގައި 25 މިލިޔަން ޑޮލަރ ނުދެއްކިއްޖެނަމަ ރާއްޖެ ޑީފޯލްޓް ވާނެ!!
ރާއްޖޭގެ އުފެއްދުންތެރި ކަމަށްވުރެ ހަރަދު ބޮޑުވެ ދަރަނިވެރިވެ ގޮތް ހުސްވަމުން ދާތަން ބަލަން ތިބި ދުނިޔޭގެ އެޖެންސީތަކާއި މާލީ އިދާރާތަކުގެ ފޯކަސް ރާއްޖެއަށް މިހާރު ވަނީ ހުއްޓިފައެވެ. ވިޔަފާރިއާއި މާލީ ކަންކަމާ ބެހޭ ޖާނަލްތަކުގައި ކަންބޮޑުވުމާއެކު ރާއްޖޭގެ ހާލަތުގެ ވާހަކަ އެބަދެކެވެއެވެ. ދުނިޔޭގެ ނަންހިގާ ނޫސްތަކުގެ ފަލަ ސުރުހީއަށް މި ދުވަސްވަރު ރާއްޖޭގެ ނަން އަރަނީ ދުނިޔޭގެ އެންމެ މަތީފެންވަރުގެ ފަތުރުވެރި މަންޒިލުގެ ރީތި ކަމުގެ ވާހަކައަކުން ނޫނެވެ. ދުނިޔޭގެ އެންމެ މަތީފެންވަރުގެ ފަތުރުވެރި މަންޒިލު ބަނގުރޫޓްވުމާ ދިމާއަށް ދިއުމުގެ ކަންބޮޑުވުން މުޅި ދުނިޔޭގައި އެބައޮތެވެ.
ރާއްޖޭގެ އިގްތިސާދީ ކަންކަމާއި މާލީ ކަންކަމަށް އަވަސް އިސްލާހީ ބަދަލުތަކެއް ނުގެނެސްފިނަމަ ރާއްޖެ ބަނގުރޫޓް ވެދާނެ ކަމުގެ ބިރުވެރި ރަނގަބީލު ދުނިޔޭން އަޅަނީ އެހެންވެގެންނެވެ. ދުނިޔޭގެ ކަންބޮޑުވުން ރާއްޖެއާއި މެދު އޮތީ ވަކި ބަޔަކު ވެރިކަމުގައި އޮތުމަކުން ނުވަތަ ވަކިބަޔަކު ވެރިކަމުގައި ނެތުމަކުން ނޫނެވެ.
މުޅި ދުނިޔޭގައިވެސް އެންމެ އަވަހަށް ޑިފޯލްޓް ވުމުގެ ބިރު އޮތީ އިސްލާމީ މާލީ ނިޒާމްގެ ތެރެއިން ރާއްޖެއަށް ލިބިފައިވާ ސްކޫކެވެ. ދުނިޔޭގެ ތާރީހުގައި އަދި އެއްވެސް ބައެއްގެ ސްކޫކެއް ޑީފޯލްޓެއް ނުވެއެވެ. އެކަމަކު ރާއްޖޭގެ ސްކޫކް އަންނަ މަހު ޑިފޯލްޓް ވުމުގެ ބިރު މުޅިދުނިޔެ އެބަގަނެއެވެ. ރާއްޖޭން ދައްކަން ޖެހި ގަވައިދުން ނުދެއްކިފައިވާ 500 މިލިޔަން ޑޮލަރު އެބަ އޮތެވެ. އޭގެތެރެއިން މަދުވެގެން 25 މިލިޔަން ޑޮލަރ އަންނަ އޮކްޓޫބަރ 08 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހެއެވެ. ކުރިއަށް އޮތް 24 ދުވަހުގެ ތެރޭގައި 25 މިލިޔަން ޑޮލަރ ނުދެއްކިއްޖެނަމަ ރާއްޖެ ޑީފޯލްޓް ވާނެއެވެ.
ދުނިޔޭގެ މާލީ ޖާނަލްތައް ބުނާ ގޮތުން ސްކޫކް ޑިފޯލްޓް ވެއްޖެނަމަ ވެދާނެ ގޮތެއް އަންދާޒާ ކޮށްލުމަށް ފަސޭހައެއް ނޫނެވެ. އެހެނީ ދުނިޔޭގައި ސްކޫކެއް ޑީފޯލްޓްވާ މިއީ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ މާލީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖެއަށް މިކަމުން އަރައިގަތުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ޑރ. މުއިއްޒު ސަރުކާރުގެ އަމަލުތައް ހުރިގޮތުން ރާއްޖެ މިދަތިކަމުން އަރައިގަތުމަށް ޗައިނާއާއި އިންޑިއާ އާއި ސައޫދީއަރަބިޔާ ފަދަ ގައުމުތަކުން އެހީތެރި ވެދޭނެ ކަމުގެ ކޮޅުމަތި ފެންނަކަމަކަށް ނުވެއެވެ.
ދުނިޔޭގައި ސްކޫކެއް ޑީފޯލްޓްވާ މިއީ ފުރަތަމަ ފަހަރު ކަމުން ކަމާބެހޭ އިދާރާތަކުން ކުރަނީ އަންދާޒާ ތަކެކެވެ. ޔަގީނުން ވެސް އެނގޭކަމަކީ ސްކޫކެއް ޑީފޯލްޓް ވެއްޖެނަމަ ރާއްޖޭގެ މާލީ ނިޒާމަށް ދުނިޔޭގެ ބާޒާރުގެ އިތުބާރު ގެއްލޭނެކަމެވެ. ރާއްޖޭގެ މަލީ ނިޒާމަށް އިތުބާރު ގެއްލި އެކި ގައުމުތަކުގެ ވިޔާފަރިތަކުން ކްރެޑިޓަށް ގެންނަމުން އައި މުދާ ގެނައުމަށް ނިމުން އަންނާނެއެވެ. ވިޔަފާރިތަކުން މުދާ ހުސްވުމާއި ތެޔޮ ގަންނަން ނުލިބުމާއި ކާބޯތަކެއްޗަށް ޖެހުމާއި ތެޔޮ ނުލިބިގެން ކަރަންޓް ކެނޑުން ފަދަ އެތައް ކަމެއް ކުރިމަތިވާނެ ކަމަށް ކަމާބެހޭ މާހިރުން އަންދާޒާ ކުރެއެވެ.