ސްޓިކާރ ނުޖަހާ ޖީބުކަނަޑަން ފައްކާ އުކުޅެއް!
ވަޒީރު އިހުސާނުގެ ޕީއާރު ސްޓަންޓެއް!
ކާކު ކުރަނީ ކީއްކަން ނޭނގޭހާ މީހުން ގަޅިއެއް ނޫނެވެ. މީހުންގެ މަގުބޫލުކަން ހޯދަން އަމިއްލަ މޮޅު ވާހަކަ އަމިއްލައަށް ދެއްކާ މީހަކަށްވުރެ ގަޅި މީހަކު ނޫޅޭނެއެވެ. 2028 ހުވަފެންނުން ފެންނަވަރުން ހަދާނެ ނުހަދާނެއެއް ނޭނގިގެން އާއްމުންގެ މަގުބޫލުކަން ހޯދަން ކުރާ ކަންކަމުން ގޮއްވާލެވެނީ އަމިއްލަ އަތަށްކަން ނޭނގޭ ވަރަށް ހުވަފެން ބަލަން ފެށީތާއެވެ.
މަގަށް ފުލުހުން ނެރެގެން މަގު އަމާން ކުރުމުގެ ނަމުގައި އުޅަނދުތައް ޓޯކުރުމަކީ ކުރެވޭ މާގަދަ ކަމެއް ނޫނެވެ. ކަން ގަދަކަމަކަށް ނުވަނީ ޓޯ ކުރުމުގައި ގެންގުޅޭ ނިޔަތުގެ ގޯސްކަމުންނެވެ. ވަކި މީހަކަށް މޫނަކަށް ނުބަލާ ޓޯ ކުރުމުގެ ވާހަކަ ދައްކާއިރު ޖަހަނީ ކޮން ސަކަރާތެއްކަން މާލެއާއި ހުޅުމާލެތެރޭގައި އުޅޭ އެންމެނަށްވެސް އެނގޭނެއެވެ.
ހުރި ގޮތްކުޑަކަން ދެކޭށެވެ. ފުލުހުން ލައްވާ ޓޯ ކުރުވަނީ ޕާކު ކުރާނެ ތަނެއް ނެތިގެން ވަގުތީ ބޭނުމެއްގައި ޒޯނުން ބޭރުގައި ޕާކްކޮށްލާ ދުވެދުވެ އޮންނަ ކާރާ ޕިކަޕެވެ. އެތައް ޒަމާނެއް ވަންދެން މަގުމައްޗަށް އެއްލައިލާފާ އޮންނަ އުޅަދެއް ޓޯ ކުރާނީ ހާލަކުން ފަހަރެއްގައެވެ. އެތައް ދުވަހެއް ވަންދެން މަގުމައްޗަށް އެއްލައިލަފާ އޮންނަ އުޅަނދެއް ޓޯކޮށްގެން ލިބޭނެ ފައިސާއެއް ނޯންނާތީ އެ ފާޑުގެ އުޅަދުފަހަރު ފުލުހުން ލައްވާ ޓޯ ކުރުވައެއް ނޫޅެއެވެ. ފުރޮޅުތައް ނެއްޓި ބިއްލޫރިތައް ތެޅި ކުނިބުންޏާއި ވެޔޮ އަރާފުރެފައި އޮންނަ އުޅަދެއް ޓޯ ކޮށްގެން ޖުރުމަނާ ދައްކައިގެން އުޅަނދު ނެރޭކަން މީހަކު ނުދާނެތާއެވެ.
ދުވެ ދުވެ އޮންނަ އެތައް އުޅަދެއް ޓޯކޮށްލެވިއްޖެއްޔާ ޖޫރިމަނާގެ ގޮތުގައި ކޮންމެ ދުވަހަކު ހާސް ހާހުން ރުފިޔާ ލިބޭނެއެވެ. އާމްދަނީ ހޯދަން ގެންގުޅޭ އުޅަދު ޓޯކުރުވައިގެން ބަލާކަށް އެއްވެސް މީހަކު ނުހުނާނެއެވެ. ދައްކަން ޖެހޭ އެއްޗެއް ދައްކައިގެން ނެރެގެން އާމްދަނީ ހޯދަން މަސައްކަތް ކުރާނެއެވެ. ހަމައެހެން ބޮޑު އަގުދީގެން އަމިއްލަ ބޭނުމުގައި ގަނެގެން ގެނެސް ގެންގުޅޭ ވެހިކަލްވެސް ޓޯޔަރޑް ބާއްވައިގެން މީހުނެއް ނުތިބޭނެއެވެ. ދައްކަންޖެހޭ އެއްޗެއް ދައްކައިގެން ނެރޭނެއެވެ. ސްޓިކާރ ނުޖަހާ ޖީބުކަނަޑަން މިއަށްވުރެ ވަކީން ފައްކާ އުކުޅެއް ނޯންނާނެއެވެ.
މާލޭގެ މަގުތައް ޕާކިންގއަށް ވިއްކާ ހުސްކޮށް ލާރިގަނޑު ޖީބަށް ޖަހަލައިގެން ވެރިކަމަށް އަރާހުރި މުއިއްޒު ބުންޏެވެ. ޕާކް ކުރާނެ ތަން ނުދައްކާ ސްޓީކަރ ނުޖަހާނަމެވެ. އެހެން ބުނެފާ ސްޓިކަރ ނުޖަހާ ޓޯ ކޮށްގެން ޖީބުކަނޑަން އިހުސާނާ ހަވާލު ކުރުމުން އިހުސާނު ހުރީ ވާނުވާގައެވެ.
ރައްޔިތުންގެ ތެރޭގައި މާ މަގުބޫލު ވަޒީރަކަށް ވެގެން އިއްޔެ ޖެއްސި ޕީއާރު ސްޓަންޓް ގޮވީއަތަށެވެ. ހެޕީމާރކެޓް ވެހިކަލެއް ޓޯކުރުވާފައި ފޮޓޯ ނަގާ އެކްސްގައި ޕޯސްޓުކޮށް ވަކި މީހަކަށް ނުބަލާ ގާނޫނު ތަންފީޒު ކުރަނީއޭ އަލީ އިހުސާން ބުމުން އަންނަނީ ހިންޏެވެ. ބަފައިބެ ކުންފުނީ ވެހިކަލެއް މަގުމަތީ ޕާކްކުރުވާ އަމިއްލަ ޖީބުން ފައިސާ ދީގެން ޓޯ ކުރުވާ ފޮޓޯ ނަގުވާފައި ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްގެން ޖީވަން ހެދުނަކަސް އެންމެނަކު ކުރުނީހެއް ނުކުރާނެއެވެ.