ކޮންޕްރަމައިޒްވެފައި ތިބެގެން އިދިކޮޅު ސިޔާސީ ހަރަކާތެއް ނުހިންގޭނެ

ކޮންޕްރަމައިޒްވެފައި ތިބެގެން އިދިކޮޅު ސިޔާސީ ހަރަކާތެއް ނުހިންގޭނެ

ވާދަވެރި އިދިކޮޅު ހަރަކާތް ހިންގުމަކަށް ސަރުކާރުން ޖާގައެއް ނުދޭނެއެވެ. މަގުމަތީ ހަރަކާތާއި ބޮޑެތި ރެލީތައް ބޭއްވިޔަ ނުދޭން ކުރެވެން އޮތްހާ ކަމެއް ކުރާނެއެވެ. އަމްދުން މަޖިލީހާއި ސަރުކާރު ހިތަކަށް ލިބިފައި އޮންނަ ބަޔަކު އެކި ފާޑުފާޑުގެ ހަމަ އަޅުވައިގެން ވާދަވެރި އިދިކޮޅު ހަރަކާތް ހުއްޓުވަން މަސައްކަތް ކުރާނެއެވެ.

ގާނޫނު އަސާސީ ތަސްދީގު ކުރުމަށް ގޮވާލާ ރަށްރަށުން މީހުން މާލެ އެރިޔަނުދޭން އޭރުއޮތް މައުމޫނު ސަރުކާރުން މަސައްކަތްކުރިއެވެ. އެކަމުގައި އިސްވެ އުޅުނު އެކަކީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނަމިރާ ނާޒިމެވެ. އޭރު އޭނާއަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރއެވެ. އެފަހަރު މީހުން މާލެ އެރުން ހުއްޓުވުމަށް ފައިސާއާއި ބާރުގެ ބޭނުން އިންތިހާއަށް ކުރިއެވެ. ކުރިއާލާ އިންޒާރުތައް ދިނުމާއި ދަތުރުކުރަން ނިންމާފައި އޮތް އުޅަދުތަކުގެ ވެރިންނަށް ރިޝްވަތު ދިނުމާއި ރަށުން ފުރިޔަ ނުދޭން ކުރެވުނުހާ ކަމެއް ކުރިއެވެ. އެހެންވީއިރު މީހާރު ކޮއްކޮގެ ވެރިކަމުގެ ދިފާއުގައި ޖީވަންގެ ވިސްނުމުން ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެއެވެ.

ހަތިޔާރާއެކު ސިފައިންނާއި ފުލުހުން ކަނޑުމައްޗަށް ނިކުމެ އުޅަނދު ފަހަރު ހުއްޓުވާ އަނބުރާ ފޮނުވާލިއެވެ. އެ ހުރިހާ ފިއްތުމާއެކުވެސް ރާއްޖޭގެ އެކި ހިސާބުން މީހުން މާލެ އަންނަން ކަށީގެ މަދަށް މަސައްކަތް ކުރިއެވެ. އައްޑު އަތޮޅުން ފުރައިގެން މާލެއައި "ނަމޫނާ ދޯނި" ފައްތާ ނުލާ ސަލާމަތްވީ ކިރިޔާއެވެ. ޓެރެރިސްޓުންގެ ބަޔަކަށްވެސް އެވަރު ނުކުރާނެއެވެ. އެހެނެއް ކަމަކު އެމީހުންގެ ހިތްވަރެއް ނޭލެއެވެ. ނަމޫނާ ދޯނީގައި ބަޔަކު މާލެއައެވެ. ދީފާނެ އަނިޔާއަކަށް ކޮށްފާނެ ބަންދަކަށް އެމީހުން ނުބަލައެވެ. 

އެއްވެ އުޅުމުގެ މިނިވަންކަމަކީ ކުރިން  އެންގުމަކާނުލާ އެއްވެއުޅުމަަށް ދީފައި އޮންނަ އަސާސީ ހައްގެކެވެ. އެހެން ކަމުން ވާދަވެރި އިދިކޮޅު ސިޔާސީ ހަރަކާތް ހިންގުމަށް އެއިރަކު އޮންނަ ސަރުކާރަކުން ޖާގަ ދޭނެކަމަށް ދެކިގެން ހުއްދަދީ ޖާގަ ދެންދެން ތިބެގެން އިދިކޮޅު ސިޔާސީ ހަރަކާތެއް ނުހިންގޭނެއެވެ. ގެއްލިދާނެ ވަޒީފާއަކަށް ކޮށްފާނެ ބަންދަކަށް ލިބިދާނެ އަނިޔާއަކަށް ބަލައިގެން އިދިކޮޅު ސިޔާސީ ހަރަކާތެއް ނުހިންގޭނެއެވެ. 

ގޮށްމުށުގެ ވެރިކަމެއް ހިނގާއިރު ފޮނުވާލާ ސިޓީއަކުން ހުށަހަޅާ ޝަކުވާއަކުން ޖައްސާ މައްސަލައަކުން ބާއްވާ ނޫސް ކޮންފަރެންސަކުން ވާދަވެރި ސިޔާސީ ހަރަކާތެއް ނުހިންގޭނެއެވެ. ބޭނުންވާހާ ގޮތަކަށް ގާނޫނުތަކާއި އުސޫލުތައް ބަދަލުކޮށްގެން ގާނޫނު ހިންގުމުގެ ނަމުގައި ކުރާކަންކަމާ ދެކޮޅަށް ތެދުވެ އަޑުއުފުލަން ސަރުކާރުން ޖާގަ ދޭނެކަމަށް ހީނުކުރާށެވެ.

ހަމަ ތެދެކެވެ. މަޖިލިސް މުއިއްޒު ޖީބަށް ޖަހާލި ދުވަހަކީ އިދިކޮޅު ހަރަކާތުން މަގުމަތި ފުރާލަން ޖެހޭދުވަހެކެވެ. ސްޕްރީމް ކޯޓް ވާގިނައްތާލި ދުވަަހާއި ބީލަމަށް ނުލާ 2.7 މިލޔަން ބަހާލި ދުވަހުވެސް އިދިކޮޅު ސިޔާސީ ވެރިން ތިބެންޖެހޭނީ ޗިސްކޮށްލިޔަސް ފިސްކޮށްލިޔަސް ހެޔޮކަމަށް ނިކުމެ އަޑު އުފުލާށެވެ. ކޮންޕްރަމައިޒް ވެފައިތިބެގެން އިދިކޮޅު ސިޔާސީ ހަރަކާތެއް ނުހިންގޭނެއެވެ.