ބަޔަކު މީހުން ދޮންކެޔޮ ގަޑެހެން ސޭޓް ކައި ހުސްކޮށްފި
އަޑުއަރުވާ އަލިއަރުވާ ބޮކިއެރުވި ވަރާ ގާތަށް ވެސް މީހަކު ނުދިޔަ
ފިސާރި ހައިބަތު ދައްކާލަނަމޭ ހިތާ މުޅި ކާނިވާ ސަރަހައްދު ފުރެންދެން ގޮނޑި އެތުރިއެވެ. ކާނިވަލުގެ ސްޓޭޖާ ގުޅުވައިގެން ކުރިމައްޗަށް ސާޅީހަކަށް ފޫޓަށް ދިގު ފާލަމެއް އަޅާ ފާލަމުކޮޅުގައި ޕޯޑިއަމް ބަހައްތަފައި ހުއްޓެވެ. ސްޓޭޖް މަތިން ހިނގާލާފާ ޕޯޑިއަމަށް ދެވޭ ގޮތަށެވެ. ސްޓޭޖް ކުރިމަތީގައި ސްޓޭޖުގެ ފުޅާމިނުގައި ގޮނޑިޖަހަން ހާއްސަކޮށް ދަގަނޑު ހޮޅިން ވަކި ކޮށްފައވާ ސަރަހައްދުގެ ބައެއް ޕޯޑިއަމް ހުރި ފާލަމަށް ނަގާފައި އޮތުމުން ދެއަރިމަތިންނާ ފަހަތުން ސްޓޭޖަށް ހައްސަކޮށްފައިވާ އޯޑީއަންސްއަށް ހާއްސަ ސަރަހައްދުގައި ޖެހުނު ވަރަކަށް ރަތްކުލައިގެ ގޮނޑި ޖަހަފާ ހުއްޓެވެ. ސްޓޭޖަށް ހާއްސަ ޗެންޗޭނުގެ ބޭރުން ދެ އަރިމަތިންނާ ފަހަތުން ކެފޭތަކުގެ ދުވާރާ ހަމަޔަށް ކުލަކުލައިން ގޮނޑި ޖަހާފައި ހުއްޓެވެ. ބާއްވަން މި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމުގެ ޖަލްސާކަން ރަނގަޅަށް އެނގޭ ވަރުވެއެވެ.
ޑެކަރޭޝަން ކިތަންމެހާވެސް ރީއްޗެވެ. ޖައްވަން ކުލައަލި ފޮނުވާ ދިދަނަގާ ބިޔަ ބެކްޑްރޮޕްގައި ޖުމްހޫރީ ލޯގޯއާއި އެކު ލީޑަރުގެ މާސިންގާ ފޮޓޯއެއް ފެންނަން ހުއްޓެވެ. އަށެއް ޖަހާ ނުވައެއް ޖަހާ ދިހައެއް ޖެހިއިރުވެސް ޖަލްސާއެއް ނުފެށެއެވެ. ޖަލްސާގެ ބައިވެރިންގެ އަދަދު ގިނަ ވާނެތީ އަންނަ މީހުން ގޮނޑި ތަކުގައި ބައިތިއްބަން ބްލޮކް ލީޑަރުންނާ އެހީތެރިން ކަނޑައަޅާ ހަރަކާތް ތެރިވަމުން ދެއެވެ. ޖަލްސާ ފެށުމުގެ ކުރިން ހަބޭސް ބޮޑުބެރު ގްރޫޕް ލަވަޔަކަށް ފަހު ލަވައެއް ކިޔަމުން ދެއެވެ.
ސްޓޭޖުން ގޮވާ މީހަކު މެދުނުކެނޑި މީހުން ވަދެ އިށީނުމަށް ގޮވަމުން ދިޔައެވެ. ސިޓިން އެރޭންޖްމަންޓް ހުންނާނެ ގޮތާއި އިށީންނަށް ވާގޮތް ކިޔާދެމުން ދިޔައެވެ. އެތަން ބަލަން ހުރި އިރު ހީވަނީ އެ އޮތް ބޮޑު ކާނިވާ ސަރަހައްދުގައި ތިނޯހެއްގެ ތުޑު ޖައްސާލަންވެސް ތަންކޮޅެއް ނުލިބޭނެ ކަމަށެވެ. އެ ވަރަށް އޮތީ ގޮނޑި ޖަހާފައެވެ. ގޮވާ މީހާ ގޮވާގޮތުން ހީވަނީ ކަނިވާ ސަރަހައްދަށް ވަންނަން ހުރި ކެޑުންތައް ފުރި ބާރުވެގެން ތޮއްޖެހި ޖަމްރާއަށް ހިލަ އުކަން ބަޔަކު ގޮސް ތަށިވެ ނޭވާ ނުލެވޭ ވަރަށް ފިތިބާރު ވެގެން އުޅޭ ހެނެވެ.
ސަހަރޯއެވެ. އަޑުއަރުވާ އަލިއަރުވާ ބޮކިއެރުވި ވަރާ ގާތަށް ވެސް މީހަކު ނުދިޔައެވެ. ސްޓޭޖަށް ހާއްސަ ކޮށްފައި އޮންނަ ޗެންޗޭނުޖެހި ސަރަހައްދުން ވެސް އެތައް ގޮނޑިއެއް ހުހެވެ. އަރިމަތިން މަދު މީހުން ކޮޅެއް ތިއްބެވެ. ބޮޑުބެރުޖަހާ ނަށާ ހެދިއިރުވެސް އެތަން ބަލައިލަން މީހަކު ނައެވެ. ޖެހިހާ ގޮނޑިތައް ނަގާ މަދު މީސްކޮޅަކާއެކު ބޮޑުސޭޓް ޖުމްހޫރީ ރިޔާސީ ޓިކެޓާ ހަވާލުވީއިރު ނިކަން ރަނގަޅަށް ސޭޓަށް ސައިޒް ފެންނާނެއެވެ. އެތަން މިތަނުން ޓިކެޓް ދީ ހުންނާނެ ތަން ދީގެން ގެނައި މީހުނެއްވެސް ޖަލްސާއަކަށް ނައެވެ. މާލޭގެ ގްރޫޕްތަކަށް ދޭންބުނި ފައިސާ ނުލިބިގެން އެމީހުނެއްވެސް ނައެވެ.
ހަމަތެދެކެވެ. ބޮޑު ސޭޓް ޅޮސް އުދޯއްޔަށް ލައިގެން ބަޔަކު މީހުން ދޮންކެޔޮ ގަޑެއް ކައި ހުސްކުރާހެން ސޭޓް ހުސްކޮށް އަވަދިކޮށްފިއެވެ. ކުރާ ހޭދައާއި ގާތަށްވެސް ނަތީޖާއެއް ނުފެނެއެވެ.
އެންމެ އަސަރު ގަދަ ޖަލްސާވެސް ސޭޓަށް ވެގެން މި ދިޔައީ ޖަމަލު ފޮޑިއަކަށެވެ. ސޭޓާ މެދު މީހުން ދެކޭ ގޮތާއި ކައިރީގައި ތިބެ ހުވަފެން ދައްކައިގެން ޖީބުފުރާން އުޅޭ މީހުންގެ ހަގީގީ ސިފަ ލޮލަށް ނުފެންނަނީ އަނދިރި ކަމަކުން ނޫނެވެ. ހިތުގެ ލޯ ކަނުވެފައި ވާތީއެވެ. ޓިކެޓް އޮތް ރިޔާސީ ކެންޑިޑޭޓަކަށް ވެވިއްޖެއެވެ. ގަދަ ދޭއްގެ ހިޔަނިވެސް ފެންނާނެ ފާޑެއް ނުޖަހައެވެ. ދެވަނަ ބުރެއް އޮވެ ބޯކިބަލުން ފޮއްޗެއް ހޯދޭ ކަހަލަ ހެއްޔެވެ.