މުއިއްޒާ ދެކޮޅަށް މުޅި ޖުޑިޝަރީ ނިކުތުމުގެ ވަގުތު ޖެހިއްޖެ!

މުއިއްޒާ ދެކޮޅަށް މުޅި ޖުޑިޝަރީ ނިކުތުމުގެ ވަގުތު ޖެހިއްޖެ!
ފައިލް ފޮޓޯ: ގާނޫނީ ވަކީލުންތަކެއް އިހުތިޖާޖުގައި

މުއިއްޒުގެ ނުބައި ނުލަފާކަން ހައްދު ފަހަނައަޅާ ދަނީއެވެ. ރައްޔިތުންގެ ބާރު ކަނޑުވާލާ މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ރައްޔިތުންގެ މަޖިލިސް ހަދައިފިއެވެ. މިނިވަން ހުރިހާ މުއައްސަސާއެއްގެ ކޮންޓްރޯލް މުއިއްޒު އަތަށް ނަގައިފިއެވެ. ފަނޑިޔާރުންނަކީ މުއިއްޒުގެ ޕަޕެޓުންނަށް ވާކަށް ގިނަ ދުވަހެއް ނެތެވެ. ބަލަބަލާ ތިއްބާ މުޅި ގައުމަކީ މުއިއްޒުގެ މިލްކަކަށް ހަދާ އެހުރެ ނިންމަނީއެވެ. 

މުއިއްޒުގެ ނުބައިނުލަފާކަމުން މިހާރު އެ ދިމާކުރީ ފަނޑިޔާރުންނާއެވެ. ރައްޔިތުންގެ މަޖިލީހާއިގުޅޭ ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓުގައި ހިނގަހިނގާ އޮއްވާ ސްޕްރީމް ކޯޓްގެ ބެންޗް ހަތަކުން ފަހަކަށް ކުޑަކުރަން އެ ދިމާކުރީއެވެ. މުއިއްޒުގެ ޕަޕެޓް މަޖިލިހުން ލަހެއްނުވެ އެކަންކޮށް ނިންމާނެއެވެ. 

ފަނޑިޔާރުންނަކީ އުމުރަށް މަގާމަށް އައްޔަނުކޮށްފައި ތިބޭ ބައެކެވެ. އުސޫލެއްގެ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިވާނީ ރިޓަޔަރ ކުރުމުގެ އުމުރު ހަމަވުމުންނެވެ. ފަނޑިޔާރެއްގެ މަގާމާ ނުބައްދަލު ކުށެއް ކުރުމުންވެސް ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފުޅާދާއިރާއެއްގައި ތަހުގީގު ހިންގާ ވަކިކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. ފަނޑިޔާރުންނަކީ އެހާ ފަސޭހައިން ނުކުޅެވޭނެ ބަޔަކަށް ހަދާފައި ތިބެނީ ނަމަކަށް ނޫނެވެ. 

ގާނޫނަށް ގެންނަ ބަދަލަަކުން ވަކި ފަނޑިޔާރުން ތަކެއްގެ މަގާމު ގެއްލުވާލުމަކީ ޖައްބާރުކަމުގެ އިންތިހާއެވެ. މިފަހަރު ސްޕްރީމް ކޯޓުން ދެ ފަނޑިޔާރުންނެވެ. ދެން ކޮންމެވެސް އެހެން ކޯޓަކުން އެހެން ފަނޑިޔާރުން ތަކެކެވެ. މުއިއްޒުގެ ބޭނުމަކީ ފަނޑިޔާރުގެއަކީ ވެސް މުއިއްޒުގެ މުށުތެރޭގައި މުއިއްޒު އެޅިހާބަތަކަށް ރިހަވާ ބަޔަކު ތިބޭ ތަނަކަށް ހެދުމެވެ. 

މުއިއްޒު ހަދާނެ އެއްޗެއް ހަދައިގެން ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުންގެ ބާރު ކަނޑުވާލާ މުއިއްޒުގެ މިލްކަކަށް ރާއްޖެ ހަދަން ދީގެން ތިބެވޭކަށް ނެތެވެ. ދެން ކިއްކުރާނީހޭ ބުނެ ގޮތް ހުސްވެފައި ތިބެގެން ވާކަށް ނެތެވެ. މުއިއްޒަށް އަޅުދާސް ނުވާކޮންމެ މީހަކީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހުންނަން ޖެހޭނެ މީހަކަށް ވާން ދޫކޮށްލައިގެން ތިބެންވީހެއްޔެވެ. 

ރައްޔިތުންގެ ބާރު ކަނޑުވާލާ މުއިއްޒަށް ކަންފަހިކޮށްދޭ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ހަމަމަގަށް އަޅުވަން ދާއިރާގެ ރައްޔިތުންވެސް ނިކުންނަން މަޖުބޫރު ވެއްޖެއެވެ. ދާއިރާގެ މެންބަރާ ގުޅުން ހުރި މީހުން މެދުވެރިކޮށާއި ދާއިރާގެ ރައްޔިތުން ނިކުމެ ދާއިރާގެ މެންބަރަށް ރައްޔިތުންގެ ބާރު އަންގާދޭން ޖެހިއްޖެއެވެ. 

އަނެއްކޮޅުން ފަނޑިޔާރުގެ އަޅުވެތިކުރުމަށް މުއިއްޒު ކުރާ މަސައްކަތް ހުއްޓުވުމަށް ފަނޑިޔާރުން ތެދުވުމުގެ ވަގުތު މިވަނީ ޖެހިފައެވެ. ވެރިކަމުގައި ހުންނަ މީހަކު ބޭނުންވާހާ ގޮތަކަށް ފަނޑިޔާރުންނާއި ފަނޑިޔާރުގެއާ ކުޅުން ހުއްޓުވުމަށެވެ. މުއިއްޒު ޖުޑިޝަރީއާއި ކުޅޭކުޅުން ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ފަނޑިޔާރުންނާއި ޖުޑިޝަރީގެ ހުރިހާ މުއައްޒަފުންނާއި ގާނޫނީ ފަންނުގެ އެންމެންގެ މަދަނީ ބަސް ނޭހުމަކަށް ނިކުތުމުގެ ވަގުތު ޖެހިއްޖެއެވެ. ވަގުތު ނަގާލައިފިނަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމާއި ތަކުލީފާއި އަނިޔާއާއި ކުރިމަތި ނުވެއެއް ނުދާނެއެވެ.