ނުގުޅިގެން ނޫޅޭތި! ހޮވުނީ ބުނިއެއްޗެއް ދީގެން!
މެންބަރު ހޮވަން ވޯޓްލާން ޑިގްރީއަކަށް އިލްމުވެރިކަމަކަށް ދޫހެލުމަކަށް ނަޒާހަތްތެރިކަމަކަށް ނުބަލާ
ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަނީ ރައްޔިތުންގެ ބާރު ތަމްސީލު ކުރުމަށެވެ. ރައްޔިތުންގެ ހެވާ ލާބައަށް ހަދަންޖެހޭ ގާނޫނުތައް ހަދާ އުވާލަންޖެހޭ ގާނޫނުތައް އުވާލާ އިސްލާހު ކުރަންޖެހޭ ގާނޫނުތައް އިސްލާހު ކުރުމަށެވެ. ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށެވެ. އަހަރީ ބަޖެޓް ފާސްކޮށް ދައުލަތް ހަމަމަގުން ހިންގުމަށް މަގު ދެއްކުމަށެވެ.
އެހެނެއް ކަމަކު މަޖިލީހުގެ މެންބަރު ފޯނު ނުނަގައިގެން ދާއިރާ މީހުން އުޅެއެވެ. ރައްޔިތުންގެ ހާލު ބަލަން އަބަދު ގުޅަގުޅާ ނުހުންނާތީ ރުޅި އާދެއެވެ. ކަމާ ކަންފަށަށް ދާއިރާއަށް މެންބަރު ނުދާތީ ޝަކުވާ ކުރެއެވެ. ދައިރާއަށް ޕްރޮޖެކްޓްތައް ނުގެންދާތީ ހިތްހަމައެއް ނުޖެހެއެވެ. ބޭރަށްދާން އާސަންދަ ހޯދާނުދީގެން ރުޅިއާދެއެވެ. ކަމެއް ޖެހޭ އިރަށް ގުޅާލާފައި ބުނާ އަދަދަށް ފައިސާ ނުދީގެން ތުންދަމައެވެ.
ވާނީ އެހެންތާއެވެ. މަޖިލީހުގެ މެންބަރުން ހޮވާ ގާނޫނީ ބޭނުމަށްވުރެ މަޖިލިސް މެންބަރުގެ ބޭނުން ދާއިރާއަށް ބޮޑެވެ. ވިހަން ތަންމައްޗަށް އަރާ އޮންނަ މީހާގެ ފޫޅުމަޔަކީ ގިނަ ފަހަރަށް ދާއިރާގެ މެންބަރެވެ. ދާއިރާގެ ވެލްފެއަރ އޮފިސަރަކީ ވެސް މެންބަރެވެ. ދާއިރާގެ ހުރިހާ ރަށަކާއި ހުރިހާ ރައްޔިތުންގެ މުހުތާދެއްގެ ޒިންމާއަކީ މެންބަރުގެ ޒިންމާއެކެވެ. ގޭފުރާޅުން ވާރޭވެހުނަސް ދާއިރާގެ މީހަކަށް ހެޔޮވަރުގެ ހުންވަރިއެއް އަޔަސް އެކަމާ އުޅެން ހުރީ މެންބަރެވެ. މެންބަރުކަން ލިބުމާއެކު މެންބަރު ބަދަލު ވަނީ ދާއިރާގެ ކޮންމެ މީހެއްގެ ގޮވާން ދަނޑުގައި ގެންގުޅޭ ގެރިގާޑިޔަލަށެވެ. ނޫނީ ކިރުފެލާ ގެރިއަށެވެ.
އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އިލްމުވެރި ބަޔަކަށް ވާންޖެހެއެވެ. ދަށްވެގެން ޑިގްރީއެއް ނެތިއެއް ކަމަކު ނުދެއެވެ. ކުށެއް ބުށެއްގެ ކުލަވެސް އަރާލާފައި ދުވަހަކު އޮވެގެން ނުވެއެވެ. ފިސާރި ދޫހެލޭން ޖެހެއެވެ. ދާއިރާއަށް އުފަން ދާއިރާގެ ރައްޔިތަކަށް ވެސް ނުވެއެއް ކަމަކުނުދެއެވެ. ނަޒާހަތްތެރި ގާނޫނީ މާހިރަކަށް ނުވެވެސް ކަމަކު ނުދެއެވެ. މީހެއްގެ މީހަކަށް އަމްދުން ވެގެން ނުވެއެވެ. ޑްރަގް އެޑިކްޓަކަށް ޑްރަގް ލޯޑަކަށް ވެގެން ނުވެއެވެ. އަމްދުން ދީނަށް ލޯބިކުރާ ދީނީ މީހަކަށްވުން ލާޒިމެވެ.
ކަން މިހެން އޮތްއިރު މަޖިލީހަށް މެންބަރު ހޮވުމަށް ވޯޓާ ޖެހުމުން އެއްކަލަ ޑިގްރީ އަކަށް އިލްމުވެރި ކަމަކަށް ނުބަލައެވެ. ދޫހެލުމަކަށް ނަޒާހަތްތެރި ކަމަކަށް ނުބަލައެވެ. ދީންވެރި ކަމަކަށް ގާނޫނީ މީހަކަށް ނުބަލައެވެ. ރަށުމީހަކަށް ދާއިރާ މީހަކަށް ނުބަލައެވެ.
ޑްރަގް އެޑިކްޓަކަސް ޑްރަގް ލޯޑަކަސް ވަރިހަމައެވެ. ރޭޕިސްޓަކަސް ގެންގްލީޑަރަކަސް ފަރުވާލެއް ނެތެވެ. އޮޅިގެން ދުވަހަކު ހުޅަނގު ފަރާތަށް ގުދުވެ ނުލިޔަސް ވަރިހަމައެވެ. ކުރިން ދާއިރާއަށް ކަމެއް ކޮށްދީފައި ނެތަސްހެވެވެ. ދުވަހަކު ލޯ ނުދެކޭ މީހެއްގެ މީހަކަސްހެވެވެ. ދާއިރާގެ މެންބަރުކަމުގެ ގޮނޑިއަށް ހޮވޭނީ އިންތިހާބާ ދިމާކޮށް އެންމެ ގިނަ ކަންތައް ކޮށްދޭ މީހެކެވެ. ވޯޓު ގަންނަން އެންމެ ގިނަ ފައިސާއާއި ތަކެތި ދޭމީހެކެވެ. ވޯޓު ހޯދަން އެންމެ ގިނަ ވަޒީފާ ހޯދާދޭ މީހެކެވެ.
ވޯޓު ވިއްކައިގެން މެންބަރު ކަމަށް ހޮވި މީހާ ފޯނު ނުނަގައިގެން ދާއިރާ މީހުން އުޅޭނެ ކަމެއްނެތެވެ. ރައްޔިތުންގެ ހާލު ބަލަން ނުގުޅާތީ ރުޅި އަންނާނެކަމެއް ނެތެވެ. ދާއިރާއަށް މެންބަރު ނުދާތީ ޝަކުވާ ކުރާނެ ކަމެއްނެތެވެ. ދައިރާގައި ޕްރޮޖެކްޓްތައް ނުހިނގާތީ ހިތްހަމަ ނުޖެހޭނެ ކަމެއްނެތެވެ. ބޭރަށްދާން އާސަންދަ ހޯދާނުދީގެން ރުޅިއަންނާނެ ކަމެއް ނެތެވެ. ކަމެއް ޖެހިގެން ގުޅާލާފައި ބުނާ އަދަދަށް ފައިސާ ނުދީގެން ތުންދަމާނެ ކަމެއް ނެތެވެ. ވަކި ގޮތަކަށް ވޯޓުދީ ގާނޫނުތައް އޮޅާލާތީ ކަންބޮޑުވާނެ ކަމެއްނެތެވެ. މަޖިލީހުގެ ތަޅުމުގައި އައުގުރާނަ ގޮވާ ބަނޑު މުސާރައަށް ބެއްދިޔަސް ފާޑު ކިޔާނެ ކަމެއްނެތެވެ. އެމީހުން މަޖިލީހަށް ވަދެ އެތިބީ ބުނި އެއްޗެއް ދީގެންނެވެ. ގޮނޑި ގަނެގެންނެވެ.