ޔާމީނުގެ އެންމެ އިޝާރާތަކުން މުޅި ސަރުކާރު ޑިފެންސަށް

ޔާމީނުގެ ވަފާތެރިންނަށް ސިޔާސީ ހަރަކާތް ހިންގޭނެ ޕްލެޓްފޯމެއް ގާއިމުކުރުން

ޔާމީނުގެ އެންމެ އިޝާރާތަކުން މުޅި ސަރުކާރު ޑިފެންސަށް

ޕީޕީއެމް-ޕީއެންސީގެ ލީޑަރ ރައީސް ޔާމީނާއި އެ މަނިކުފާނުގެ ވަފާތެރިން ބާކީ ކުރައްވާ ރައީސް މުއިއްޒު ދައުލަތް ހިންގަވަން ފެއްޓެވުމުން ރައީސް މުއިއްޒުގެ ސަރުކާރު ހޫނުފެނަށް ވެއްޓިއްޖެއެވެ. ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމުގެ ދޮގު ވައުދާއެކު ރައީސް ޔާމީނުގެ ފޮޓޯފުޅު ވިއްކަވައިގެން ރައީސް މުއިއްޒު ވެރިކަން ހޯއްދެވުމަށް ފަހު ވައުދާ ހިލާފުވެ ވަޑައިގަތީ ވަކިވަރަކަށް ނޫނެވެ. ރައީސް ސޯލިހު ސަރުކާރާ ދެކޮޅަށް ވިއްކި މައިގަޑު ބޮޑު ތިން ވައުދު ފުއްދަވަން އުޅުއްވާކަމުގެ ކުޑަވެސް އިޝާރާތެއް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ނުފެނުމަކީ ރައީސް ޔާމީނުގެ އެންމެ ބޮޑު ކަންބޮޑުވެ ވަޑައިގަތުމެވެ.

ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެނިގެން ދަނީ އަމިއްލަފުޅު ހައިބަތު ބޮޑުކުރެއްވުމާއި ރައީސް ޔާމީނަށް އޮތްތާއީދު ފަނޑުކޮށްލުމަށް ކުރައްވާ މަސައްކަތްޕުޅު ތަކެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަފާތެރިން ޕީޕީއެމް-ޕީއެންސީ ވެރިކަމަށް ގެނައުމަށްވީ ގުރުބާނީތަކަށް އިހުތިރާމް ނުކުރައްވާ ތަނެވެ. ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންގެ ސަފު ލޮލުކޮޅަށް އޮބަލާ ވަރަށް އޮތްއިރު މަގާމުތައް ދިނުމުގައި ރައީސް ޔާމީނު އަރިހުން ހޭވެސް އައްސަވާ ނުލައްވައެވެ. 

ޕީޕީއެމަށް ވެރިކަން ގެއްލުމުން ޕާޓީ ދޫކޮށް ހިހޫތަނުން ފަރިއްކުޅުއްވާ އުޅުއްވި ބޭބޭފުޅުން ގެންނަވާ އަތްގުޅި ނުކާވަރުގެ ބޮޑެތި މަގާމްތައް ދެއްވަނީއެވެ. އެއް އާއިލާއިން ތިން ހަތަރު މީހުނަށް ވަޒީރުން ފެންވަރުގެ މަގާމުތައް ފަތުއަޑު ކިޔާފައި ދެއްވަނީއެވެ. ޕީޕީއެމަށް ހަރާންކޯރުވި ރައީސް މުއިއްޒުގެ އާއިލީ ބޭބޭފުޅުންނާއި މާލެސިޓީ ކައުންސިލުގައި ތިއްބަވައިގެން ރައީސް ޔާމީނާ ދެކޮޅަށް ޕީޕީއެމް ތެރޭގައި ބަގާވާތްކުރި އެންމެންނަންހެން ވަޒީރުންގެ ދަރަޖައިގައި މަގާމު ދެއްވުމުގައި ރައީސް މުއިއްޒު އުޅުއްވަނީ އަތްއަނބުރާ ލައްވާފައެވެ. ދައުލަތުގެ ޢަމްދަނީއާއި ރައްޔިތުންގެ މުހުތާދުތަކަށް ބެއްލެވުމެއްނެތެވެ. 

ޕީޕީއެމްގެ ދެނައިބު ރައީސުންނަށް ވަޒީރުކަން ދެއްވައިގެން ޕީޕީއެމްވެސް ރައީސް މުއިއްޒު ހިސޯރު ކުރެއްވީއެވެ. އެންމެފަހުން ރައީސް ޔާމީނަށް ކެތް ނުކުރެއްވިގެން ޕީޕީއެމް ހިންގަން ވަގުތީ ކޮމެޓީއެއް އުފެއްދެވުމަކީ ދެފަރާތުގައި ރޯވެފައިވާ އަލިފާންގަނޑުގެ ހުޅުފަޅައިގެން ދާން ދިމާވި ސަބަބެވެ. ދެނަކާ ދެނެއްނެތެވެ. ރައީސް މުއިއްޒުގެ ދެ ޕަޕެޓުން ކަމުގައިވާ ޕީޕީއެމްގެ ދެނައިބު ރައީސުން ގާނޫނީ ހައިސިއްޔަތު ބޭނުން ކުރައްވާ އެހަރަކާތް ހުއްޓުވާ އިސްކޮށް ހުންނެވި ރައީސް ޔާމީނުގެ ލޯޔަލިސްޓު މަލީހު ޖަމާލު ސަސްޕެންޑް ކުރެއްވީއެވެ.

ރައީސް ޔާމީނަކީ މިވަގުތު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށް ވުމުން ސިދާކޮށް ސިޔާސީ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަކީ ކުރެއްވޭނެ ކަމެއްނޫނެވެ. އެކަމުގައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވޭނެ މާބޮޑުކަމެއް ނުއޮންނާނެތީ ޕީޕީއެމް ދޫކޮށްލައްވަން ނިންމެވީއެވެ. ހަމަ އެއާއިއެކު ރައީސް ޔާމީނުގެ ވަފާތެރިންނަށް ސިޔާސީ ހަރަކާތް ހިންގޭނެ ޕްލެޓްފޯމެއް ގާއިމު ކުރައްވަން ނިންމެވީއެވެ. 

ރައީސް ޔާމީނުގެ ވަފާތެރިންނަށް ސިޔާސީ މަސައްކަތް ކުރާނެ ޕްލެޓް ފޯމެއް ހައްދަވާ ދެއްވަން މަސައްކަތް ކުރެއްވުމަކާ ސަރުކާރަކާ ކީކީހެއްޔެވެ. އެކަމަކު ސަރުކާރު މޭގަނޑު ނެގިނެގިފާ ޖެހެން ފަށައިފިއެވެ. ގޮތް ހުސްވެ ހަކަތަ ހުސްވެއްޖެ ކަހަލައެވެ. ވަޒީރު ބޭބޭފުޅުންނާއި ސިޔާސީ މަގާމުތަކަށް އައްޔަނު ކުރައްވާފައި ތިބިހާ މީހުން ރައީސް މުއިއްޒާއެކު ގަދަޔަށް ތިއްބެވި ވާހަކަ މާސް މީޑިއާއި ސޯސަލް މީޑިއާގައި ރާގު ރާގަށް ދައްކަވާނީ ގައިމު ކަމެއް ވެގެންތާއެވެ. ޕީޕީއެމް- ޕީއެންސީ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވަން ވިސްނަވާ ބޭފުޅުންވެސް ހީވަނީ އެހެން ކަމެއް ހެންނެވެ. 

ރައީސް މުއިއްޒަށް ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތްކަމުންނާއި މަޖިލީހުގައިވެސް ސަރުކާރަށް ވާގިދޭނޭ ބަޔަކުނެތުމުން ހެލޭ ދަތެކޭ ރައީސް މުއިއްޒުގެ ސަރުކާރެކޭ މާބޮޑު ތަފާތެއް ނުއޮންނާނެތާއެވެ. ރައީސް ޔަމީނުގެ ކުޑަކުޑަ އެންމެ އިޝާރާތަކުން މުޅި ސަރުކާރު ކޮޅުމަގަށް އެރީތާއެވެ. ބޯޅަ ކޮއްޓާލުމަށް ފަހު ކުރިއަށް އެންމެ ޕާހެއްވެސް ނުދީ މުޅި ސަރުކާރު އެކުގައި ޑިފެންސަށް ފޭބީތާއެވެ.