ދީނުގެ ރުކުން ވިއްކައިގެން ޑރ. ޝަހީމް ފައިސާ ހޯދުން
ދީން ވިއްކައިގެން ފައިސާ ހޯދަން ޝަހީމް ހަމަ މޮޅީ
ޑރ. ޝަހީމް ހިންގަން ހަވާލުވެގެން މިއުޅެނީ އިސްލާމީ ކަންތައްތަކާ ނިކަން ރަނގަޅަށް ބެހޭ މިނިސްޓްރީއަކާއެވެ. ޝަހީމް އިސްލާމީ ކަންތައް ތަކާބެހޭ ވަރަކީ ދީން ވިއްކައިގެން ފައިސާ ހޯދުމުގައި ލަދެއް ހަޔާތެއް ނެތުމެވެ. ފިސާރި ތެދެކެވެ. އިސްލާމިކް މިނިސްޓްރީއަކީ ޗެރިޓީ ފަންޑެކެވެ. އިސްލަމިކް މިނިސްޓްރީއަކީ ވަގުފު ފަންޑެކެވެ. އިސްލަމިކް މިނިސްޓްރީއަކީ ޓްރެވަލް އެޖެސީއެކެވެ. އިސްލާމިކް މިނިސްޓްރީއަކީ ޑިވޮލޮޕްމެންޓް ބެންކެކެވެ. ވަޒީރު ކަމުގައި ޑރ. ޝަހީމްގެ މަސައްކަތަކީ އީސްލާމް ދީނުގެ ރުކުންތައް ވިއްކައިގެން ފައިސާ ހޯދައިގެން ކެއުމެވެ.
މިދައްކަނީ ސަމާސާ ވާހަކައެއް ނޫނެވެ. ދުނިޔޭގައި އެންމެ ވަރުގަދައަށް ހިނގާ އެއްކަމަކީ މެޑިކަލް މާފިއާއެވެ. އެކަމުގައި އުޅެނީ ނުފޫޒުގަދަ މެޑިކަލް ޕްރޮފިސަރުންނާއި ޑޮކްޓަރުންނެވެ. މެޑިކަލް މާފިޔާގައި ފައިސާ ހޯދުމުގެ މައިގަނޑު ވަސީލަތަކީ މީހުންގެ ސިއްހަތެވެ. ބަލިވީމާ ބޭސް ފަރުވާ ކުރުމަކީ ނުކޮށް ނުވާނެ ކަމެކެވެ. ދައުލަތްތަކުގެ އެންމެ ބޮޑު ޒިންމާއަކީ އެދައުލަތެއްގައި ހިމެނޭ މީހުންގެ ސިއްހަތު ސަލާމަތް ކުރުމެވެ. އެކަމަށްޓަކާ ކުރަންޖެހޭ ކޮންމެ ހަރަދެއް ކުރުމަކީ ދައުލަތަށާއި ކޮންމެ ފަރުދަކަށްވެސް ލާޒިމު ކަމެކެވެ. ވެރިކަން ހިންގުމުގެ ނިޒާމުގެތެރޭގައި ވަކިހިއްޕާލައިގެން ތިބެ ސިއްހީ ހިދުމަތުގެ ނާޖާއިޒު ފައިދާ ނަގައިގެން މިލިއަނަރުންނަށްވެފައި ތިބި ކިތަންމެ ބަޔަކު ދުނިޔޭގައި އެބަތިއްބެވެ. ރާއްޖޭގެ ނިޒާމުގެ ތެރޭގައިވެސް މެޑިކަލް މާފިޔާ އަށަގަނެ ބަޔަކު ފައިސާ ޖަހާ މެޝިނަކަށް ސިއްހީ ހިދުމަތް ބަދަލުވަމުން ދާތަން ވިސްނާ ބަޔަކަށް މިހާރު ފެންނާނެއެވެ.
ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ. ދީނީ އަޅުކަން ކަމަކީވެސް ބަޔަކު ފައިސާ ހޯދާ ވަސީލަތެއް ކަމަށް ހަދަން ދިމާ ކޮށްފިއްޔާ އެކަމަކީވެސް މެޑިކަލް މާފިޔާ ފަދަ ބޮޑު ޖަރީމާއަކަށް ހަދާކަށް އުނދަގުލެއް ނުވާނެއެވެ. އަމިއްލަ ވިޔަފާރި ޕާޓްނަރ ނައިބަކަށް ލައިގެން ޑރ. ޝަހީމްގެ ވިސްނުން އެހުރީ ސީދާ އެ މިސްރާބަށޭ ނުބުނާ ވަރެއްނޫނެވެ.
އިސްލަމިކް މިނިސްޓަރުކަން ލިބުމާއެކު ހުރިހާ ހައްޖު ކޯޓާއަކީ ޝަހީމް ބޭނުންވާ ގޮތަކަށް ނޫނީ ނުދެވޭ އެއްޗަކަށް އެވަނީ ހަދާފައެވެ. ހައްޖު އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކުން ހައްޖު ކޮޓާ ހޯދުމަށް ޝަހީމުގެ އުނގުތެރެއަށް ފުންމާލަން ޖައްސައިފިއެވެ. ކޮންމެ ކޯޓާއަކަށް ވަކި ނިސްބަތަކުން ހައްޖު ކޯޕަރޭޝަނަށް ފައިސާ ނުދީ ހިލޭ ކޯޓާ ލިބުމުގެ ދޮރު ނިކަން ރަނގަޅަށް ބަންދެވެ. ހައްޖު ކޯޕަރޭޝަންގެ ސާރވިސް ޗާޖެއްގެ ގޮތުގައި ހެޔޮވަރުގެ އަދަދެއް ނުދައްކައެއްވެސް ނުވާނެތާއެވެ. އަނެއްކޮޅު ބިޑް އުސޫލުން އެންމެ ބޮޑު އަގެއްދޭ ބަޔަކަށް ކޯޓާ ދޭ އުސޫލެއް ހަދައިގެން ލައްކަ ލައްކައިން ފައިސާ ހޯދޭނެއެވެ.
ހައްޖު އުމްރާއަށް ގެންދިއުމުގެ ނަމުގައި އިސްލަކް މިނިސްޓްރީން ނިކަމެތިން އަތުން އިންސްޓޯލްމަންޓައް ފައިސާނަގައިގެން ވިޔަފާރި ކުރުމަކީ ހައްޖު އުމުރާއަކީ ބައެއްގެ ވިޔަފާރި މުދާގަނޑަކަށް ހެދުންނޫން އެހެން ކޮންކަމެއް ހެއްޔެވެ. އެކަންވެސް ރާއްޖޭގައި ތައާރަފްކުރީ ޝަހީމެވެ. އެކި އެކި މީސް މީހުން މުޅި ދިރިއުޅުމަށް ކުރިހާ މަސައްކަތުން އެއްކުރިހާ ފައިސާކޮޅު ހައްޖު ކޯޕަރޭޝަނަށް ނަގައިގެން ވޭޓް ލިސްޓުގައި ބައިތިއްބައިގެން އެފައިސާއިން ހައްޖު ކޯޕަރޭޝަނުން ފަސްހަ އަހަރު ވިޔަފާރި ކޮށްކޮށް ހުއްޓާ ހައްޖަށް ނުދެވި މަރުވެފައިވަނީވެސް ކިތަންމެ ބައެކެވެ. ނަންވާނީ އަތަމާއެވެ. ހަގީގަތުގައި ވެސް ހައްޖު އުމުރާގެ ކަންކަމުގައި އިސްލަމިކް މިނިސްޓްރީ ވަނީ ވަރުގަދަ ޓުއަރ އޮޕެރޭޓަރަކަށް ބަދަލުވެފައެވެ.
ޒަކާތު ހައުސް ހަދައިގެން ޒަކާތު ފަންޑު ހުޅުވައިގެން ޖަހަންއުޅޭ ސަކަރާތް ވަކީން ހުތުރުވާނެއެވެ. ބޭސް ފަރުވާއަށް އެހީވުމާއި ޒަރޫރީ ހާލަތް ޖެހިފައި ތިބޭ ނިކަމެތިންނަށް އެހީވުމުގެ ނަމުގައި ފައިސާ ފުނިޖަހައިގެން ކުރަން އުޅޭ ކަންތައް ބަލަން ތިބޭށެވެ. އައުގާފް ފަންޑް ހަދައިގެން ވަގުފް ބިލްޑިންގ އަޅައިގެން ފައިސާ ފުނި ޖަހާއިރު ރައްޔިތުން ޓެކުހުން އަރައި ގަނެވޭނެ ގޮތެއް ހަދައެއް ނުދޭނެއެވެ. އެހެން ކަމުން އިސްލަމިކް މިނިސްޓްރީއަކީ ވެސް ދައުލަތަށް ފައިސާ ހޯދުމަށް ރައްޔިތުންގެ ޖީބުކަނޑާ ތަނަކަށް ބަދަލުވީއެވެ.
ޑރ. ޝަހީމް ދީން ވިއްކައިގެން ފައިސާ ހޯދަން ފަށަފައިވާ މަސައްކަތުގައި ނަމާދަށް މިސްކިތައް އަރާ މީހުން ސްކޭން ކުރެވިގެން އޮޓަމެޓިކުން ކޮންމެ މީހެއްގެ އެކައުންޓުން ވަކި އަދަދަކަށް ފައިސާ ކެނޑޭ ސިސްޓަމެއް ތައާރަފް ނުކުރާނެ ކަމެއް ވެސް ނޭގެއެވެ. މުސްލިމަކަށް ވީތީ ދީން ކުރިއެރުވުމުގެ ނަމުގައި ބޮލަކުން މަހަކު ވަކި އަދަކަށް ފައިސާ ނުނަގައި ހުންނާނެއެކޭ ހިތަކަށް ނާރައެވެ. އަގެއް ދައްކައިގެން ވަގުތީ ކައިވެންޏެއް ކޮށްދީގެން ހުއްދަ ހަށިވިއްކުމުގެ ވިޔަފާރިއެއް ނުފަށާނެ ކަމެއް ނޭނގެއެވެ. ދީން ވިއްކައިގެން ފައިސާ ހޯދަން ޝަހީމް ހަމަ މާމޮޅީއެވެ.