މުއިއްޒު ދެކެނީ ޔާމީނަށް ކޮށްފައިވަނީ ހަރާންހުމެއް ނޫންކަމަށް!
ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ބުނަނީ ޔާމީނު މިނިވަން ނުކުރާން
ރައީސް މުއިއްޒަކީ އާފާޑަކަށް ވައުދު ފުއްދަވާ ބޭފުޅެކެވެ. ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެން މައި ތިން ވައުދު ފަސޭހަކަމާއެކު މިހާރު ވަނީ ފުއްދަވާ ނިންމަވާފައެވެ. ކިހާ ކުޅަދާނެހެއްޔެވެ.
ރައީސް މުއިއްޒު ވެރިކަމަށް ހުވާ ކުރެއްވުމާއެކު ރައީސް ޔާމީނު ހުންނަވާނީ މިނިވަންވެ ވަޑައިގެންފައި ކަމަށް މުއިއްޒު ކުރިން ވަނީ އެތައް ފަހަރަކު ވިދާޅުވެފައެވެ. ރައީސް މުއިއްޒު ވެރިކަމަށް ހުވާ ވެސް ކުރައްވައިފިއެވެ. މުއިއްޒުގެ ވެރިކަމަށް ސާޅީސް ވަނީއެވެ. ރައީސް ޔާމީނު ހަމަ ހުންނެވީ މުއިއްޒު ވިދާޅުވި ހަރާން ހުކުން ތަންފީޒު ވޭވެއެވެ. އެކަމަކު ރައީސް ޔާމީނު މިނިވަން ކުރެއްވުމުގެ ވައުދު ފުއްދެވިއްޖެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ކިހާ ފައްކާ ހެއްޔެވެ. ރައީސް ޔާމީނަށް ހަރާން ހުކުން ކުރި ކޯޓް ރައީސް މުއިއްޒަށް މިހާރު ބަރާބަރެވެ. ރައީސް ޔާމީން މިނިވަންވުން އޮތީ ޖުޑިޝަރީގެ އަތް މަތީގައި ކަމަށް ވިދާޅުވެ ޖުޑިޝަރީގެ ބޮލަށް އެކަން ކަޑުއްވާ ލެއްވީއެވެ. ރައީސް ޔާމީނު މިނިވަން ކުރުމަކީ ސަރުކާރާ ގުޅުމެއް އޮތްކަމެއް ނޫންކަމަށް ވެނިމިއްޖެއެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ވެރިކަމަށް ވަޑައިގެން ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވިއިރު އެއީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމެއް ނޫންކަން މުއިއްޒަށް އެނގިވަޑައި ނުގަންނަވަނީތާއެވެ. ކުރީގެ ސަރުކާރުން ޝަރީއަތަށް އަތްބާނާ ނުފޫޒު ފޯރުވައިގެން ހަރާން ހުކުމެއް ކުރުވައިގެން ރައީސް ޔާމީނަށް އަނިޔާ ލިބިވަޑައިގަންނަވަމުން ދާކަން އެނގި ވަޑައިގެން ހުންނަވާ އެ އަނިޔާގައި ރައީސް ޔާމީނު ބަހައްޓަވަން ދޫކޮށްލައްވައިގެން ރައީސް މުއިއްޒު ހުންނަވަނީ ކޮން ގާނޫނީ ހަމައަކުން ހެއްޔެވެ. ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ވިދާޅުވަނީ ރައީސް ޔާމީނު މިނިވަން ނުކުރައްވަން ވެގެންނެވެ.
އެއްވެސް ރައްޔިތަކަށް ހައްގުނޫން އަނިޔާއެއް ލިބެމުން ދާކަން އެގިވަޑައިގެން ހުންނަވާ އެކަން ނުހުއްޓުވާ ހުންނަވަން ރައީސް މުއިއްޒަށް ގާނޫނު އަސާސީ ހުއްދައެއް ނުކުރެއެވެ. ރައީސް ޔާމީނަށް އަދަބު ލިބިވަޑައިގަންނަވަނީ ބޭއިންސާފުން ކަމަށްވާނަމަ އެކަން ހުއްޓުވަން ރައީސް މުއިއްޒަށް ލާޒިމެވެ. އެކަން ނުހުއްޓުވާ ޖުޑިޝަރީގެ މައްޗަށް އެކަން ދޫކޮށްލައްވައިގެން ހުންނެވުމަކީ ކުރައްވައިގެން ހުންނެވި ހުވަޔާ ހިލާފްވުމެވެ.
ރައީސް ޔާމީނު މިނިވަން ނުކުރައްވާ ރައީސް މުއިއްޒު ހުންނަވާ ހުންނެވުމަކީ ރައީސް ޔާމީނަށް ތަންފީޒު ކުރެވޭ ހުކުމަކީ ހަރާން ހުކުމެއް ނޫންކަމަށް ރައީސް މުއިއްޒު ގަބޫލުކުރެއްވުމެވެ. ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ކުރީގެ ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވައިގެން އިއްވާފައިވާ ހުކުމެއް ނަމަ ނުފޫޒު ފޯރުވަން ކުރިކަމަކާއި ފޯރުވާފައިވާ ނުފޫޒެއް ސާބިތުކޮށް ނުފޫޒުފޯރުވި ބަޔަކާ މެދު ފިޔަވަޅު އެޅުމަކީވެސް ރައީސް މުއިއްޒަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. އެކަން ނުކުރައްވާ ވޭތުވެދާ ކޮންމެ ވަގުތަކީ ހުވަޔާ ހިލާފުވެ ވަޑައިގެން ހުންނަވާ ވަގުތެކެވެ.
ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ވިދާޅުވުމަކުން ރައީސްކަމުގެ ގާނޫނީ ޒިންމާ އަދާކުރެއްވުނީ ކަމަކަށް ނުވާނެއެވެ. ވެވަޑައިގެން ވައުދު ފުއްދުނު ކަމަކަށް ވެސް ނުވާނެއެވެ. ހަމައެކަނި ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ވެވަޑައިގެން ވައުދު ނުފުއްދެވުން ވެސް ރައީސް މުއިއްޒު އަޒުލް ކުރަން ޖެހޭ ސަބަބަކަށް ފުދެއެވެ.