މުއިއްޒުގެ އިހުމާލަށް ޒިންމާވާންޖެހެނީ ދޮންފަނު ރައްޔިތުން!

މުއިއްޒުގެ އިހުމާލަށް ޒިންމާވާންޖެހެނީ ދޮންފަނު ރައްޔިތުން!

ދޮންފަނު ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދެއްވުމަށް ދޮންފަނު ބިންހިއްކުމަކީ ރައީސް މުއިއްޒު ވެވަޑައިގެންފައިވާ އަމިއްލަފުޅު ރިޔާސީ ވައުދެކެވެ. އަމިއްލަފުޅަށް ވެވަޑައިގެން ވައުދު ފުއްދެވުމުގެ ގޮތުން ދޮންފަނަށް ވަޑައިގެން ބިންހިއްކުމަށް އެމްޓީސީސީއާއެކު ރައްޔިތުންގެ ކުރިމަތީ ސޮއިކުރުވީވެސް ރައީސް މުއިއްޒެވެ. އެއްޔަކީ ދޮންފަނު ރައްޔިތުން ކުރިކަމެއް ނޫނެވެ. 

ދޮންފަނު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ އަކީ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ ބޮޑު މައްސަލައެއް ކަމުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާދިނުމަށް ހުރިހާ ސަރުކާރެއްގައިވެސް ދޮންފަނުން އެދެމުން ދިޔައެވެ. ދޮންފަނު ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަމުގެ ހައްލެވެ. ބިންހިއްކުމުގެ ވިސްނުމަކީ ސަރުކާރުން އުފަންކުރުވާ ދޮންފަނު ރައްޔިތުނަށް ހޯދާދޭން ނިންމާފައިވާ ހައްލެވެ. 

ދޮންފަނުގެ ބިންހިއްކަން ރައީސް މުއިއްޒު ވައުދުވެ ވަޑައިގެން ކޮންޓްރެކްޓްގައި ސޮއިކުރުވިއިރު އެ ސަރަހައްދަކީ ޔުނައިޓެޑް ނޭޝަން އެޑިއުކޭޝަން އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން އިން ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ސަރަހައްދެއްކަން ރައީސުލްޖުމްހޫރިއްޔާ އަށާއި އެންވަޔަރަމަންޓް މިނިސްޓަރަށް ނޭނގުމަކީ ދޮންފަނު ރައްޔިތުންގެ މައްސަލައެއް ނޫނެވެ. ދޮންފަނު ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަމުގެ ހައްލެވެ. ބިން ހިއްކުމަށް އަޑު އުފުލަމުންދަނީ ސަރުކާރުން ދޮންފަނު ރައްޔިތުންގެ ބޯހިޔަވާހިކަމަށް އޮތް ހައްލަކީ ބިން ހިއްކުން ކަމަށް ކަނޑައަޅާފައި އޮތުމުންނެވެ. 

ބަޔޮސްފިޔަރ ރިޒާވް ހިމެނޭ ސަރަހައްދުން ދޮންފަނު ބިންހިއްކުމުގެ އެއްބަސްވުވުމުގައި ސޮއި ކުރިއިރު ތިމާވެއްޓާއި ޓޫރިޒަމާބެހޭ ވަޒީރު ވެސް އެރަސްމިއްޔާތުގައި އިންނެވީ ދެއަތުން ހަންދާވަރަށް އަތް ޖައްސަވާށެވެ. ދޮންފަނު ބިންހިއްކުމުގެ މަސައްކަތާ އެކު އެ ސަރަހައްދުގެ ގުދުރަތީ ވެއްޓަށް ކުރާނެ އަސަރު ބަޔާންކުރާ (އީއައިއޭ ރިޕޯޓް) ހަދަންޖެހޭކަން އެ ބޭފުޅުންނަށް ނޭނގުނުކަމީ އެ ބޭފުޅުންގެ ގަމާރުކަން ނޫން ދެން ކޮންކަމެއްތޯ ދޮންފަނު ރައްޔިތުން ސުވާލު އުފައްދައެވެ. 

ސިޔާސީ އެދުންވެރިކަން ބޮޑުކަމުން ރައީސުލްޖުމްހޫރިއްޔާއަށް އާޖުފާޖު ނޭނގުނީ ކަމަށް ފަހަރުގައި ވެދާނެއެވެ. އެހެން ނަމަވެސް އެވަރުގެ ކަމެއް ސަރުކާރުން ރާވާ ހިންގިއިރު ކަމާގުޅޭ އެންމެހާ މިނިސްޓްރީތަކާއި އެފަދަ ދެވަނަ އެއްނެތް (އީޕީއޭ) ވެސް އޮތީ ލޮލަށް މިރުސްއެޅިފައި ހެއްޔެވެ. ތިމާވެށި ރައްކާތެރިކުރުމަށް އަޑުއުފުލާ ބަޔަކު ނިކުމެ ހަރުތާކު ޖައްސަންދެން މިހާ ދުވަސްވެގެން ދިޔައިރު ހަމަ ބުނާނެ އެއްޗެއް، ބުނި އެއްޗެއް ނެތި އީޕީއޭއާއި ސަރުކާރު އޮތީ ހޭނެތިފައި ހެއްޔެވެ.

ދޮންފަނު ބިންހިއްކަން ރައީސް އިއުލާނު ކުރެއްވީކީ އިއްޔެއަކު މިއަދަކު ނޫނެވެ. މިހާދުވަސް ވެގެންދިޔައިރު ކަހާތަން ހިރުވާނުލާ އޮތް ސަރުކާރަށް ޕްރެޝަރ ބޮޑުވެ ގޮތްހުސްވެގެން ދޮންފަނު ބިންހިއްކުން ހުއްޓުވުން ދޮންފަނު ރައްޔިތުންގެ ބޮލަށް ކަނޑާލައިގެން ރައްޔިތުންނާ މާކައިރިން ވެރިކަންކުރާ މީހަކަށް މުއިއްޒު ހެދެން އުޅުނަސް ދޮންފަނު ރައްޔިތުން ތިބީ މުއިއްޒު އެޅިހާބަތަކަށް ރިހަވެގެނެއްނޫނެވެ.