ކޯޓު ހުކުން ހަރާން - ކަރެކްޝަން އަމުރު ހަލާލް

ޕްރޮގްރެސިވް ކޯލިޝަނަށް ޔާމީނުވީ ފެންކައްކާ ބޮއްޔަށް

ކޯޓު ހުކުން ހަރާން - ކަރެކްޝަން އަމުރު ހަލާލް

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ ރިޝްވަތު ހިފުމާއި މަނީ ލޯންޑް ކުރުމުގެ ދައުވާއެވެ. އުފުލުނު ދެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހިންގީ ދިފާއުވުމުގެ ފުރުސަތު ތައްމިނަށް ހުޅުވާލައިގެނެވެ.

ބޮޑުވެގެންވާ ދިފާއީ ވަކީލުންގެ ޓީމަކުން ޔާމީނުގެ ދިފާއުގައި ވަކާލާތު ކުރިއެވެ. އެކަށީގެންވާ ވަގުތު ދީގެން ކުރެވުނު ޝަރީއަތުގައި ދިފާއީ ވަކީލުންނަށް ޔާމީނު ދިފާއު ކޮށެއް ނުދެވުނެވެ. ޝަރީއަތް ނިމުނީ ޔާމީނުގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމަކުންނެވެ.

ހުކުންކުރި ގާޒީ ކުރި ހުކުމުގެ އަޑު ކަނޑައިގެން ނުގޮސް ގާޒީގެ އަނގައިގާ ހުކުމުގެ އެއްބުރި އޮއްވާ ޕްރޮގްރެސިވް ކޯލިޝަނުން ހުކުން ހަރާން ކުރިއެވެ. ވ. އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ ހަރާން ހުކުމެއް ކަމަށް އެންމެ ފުރަތަމަ ބުނީ ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުރި އަބްދުއްރަހީމް އަބްދުއްލާ (އަދުރޭ)އެވެ. އެ ހިސާބުން ހަރާމް ހުކުމުގެ އަޑު ވައިގާ ހިފިއެވެ. 

ޕީޕީއެމް - ޕީއެންސީ މީހުންނާއި އެ މީހުނަށް ތާއީދުކުރާ މީހުނަށް ހުކުން ހަރާންވެ ޔާމީނު ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖު ކުރަން ފެށިއެވެ. ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ހިންގި އެއް ޝިއާރަކީ ވެސް ހަރާން ހުކުމެވެ.

ކޯޓުން ކުރި ޝަރުއީ ހުކުމަކީ އަދުރޭމެންނަށް ބަލައިގަނެވުނު އެއްޗަކަށް ނުވިއެވެ. ޔާމީނު ޖަލުގައި ހުންނަ ހުރުމަކީ ވެސް ބޭއިންސާފެއް ކަމަށާއި އަނިޔާއެއް ކަމަށް އަދުރޭމެން ދެކި އެ ގޮތަށް ސަޕޯޓަރުންނަށް ގަބޫލުކޮށްދިނެވެ.

އެހެން ނަމަވެސް ޕީއެންސީ ވެރިކަމަށް އިންތިހާބު ވުމާއެކު ޔާމީނު ދޫކޮށްލަން ގޮވާލާ މަގުމަށްޗަށް ނުނިކުތުމަށް އިންތިހާބީ ރައީސް ސަޕޯޓަރުނަށް އަމުރު ކުރިއެވެ.

ރިޔާސީ އިންތިހާބު ނިމުމާއެކު ރައީސަށް ލިބިދޭ ކްލަމެންސީ އިހުތިޔާރުގެ ދަށުން ޔާމީނަށް އަދަބު ލުއިކޮށް ދެއްވާ ގެއަށް ބަދަލު ކުރެއްވިއެވެ. އޭގެފަހުން ޝަރުތު ތަކަކާއެކު ޔާމީނު ރަށު ބަންދަށް ދޫކޮށް ދެއްވިއެވެ. ރަށު ބަންދަށް ޔާމީނު ދޫކޮށް ދެއްވީ ސިޔާސީ ހަރަކާތް ތަކުގައި ބައިވެރި ނުވުމަށް ޝަރުތު ކޮށްފައެވެ.

އެހެނަސް ރަށު ބަންދުގައި ހުރެ ޔާމީނު ސިޔާސި ހަރަކާތް ހިންގާތީ ކަރެކްޝަނުން އެކަން ނުކުރުމަށް ނަސޭހަތްދި އިންޒާރު ކުރިއެވެ. ޔާމީނަށް އިންޒާރުކޮށް ސިޔާސީ ކަންކަން ނުކުރުމަށް ސަރުކާރުން އެންގި އިރު ޔާމީނަށް ކޯޓުން ކުރި ހުކުން ހަރާން ވެގެން އުޅުނު ޕްރޮގްރެސިވް ކޯލިޝަން އޮތީ ހަނެވެ. އަޅާކަހާވެސް ނުލައެވެ.

ޖަލުތަކާއި ޕެރޯލުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރި ކަމަކަށް ވެގެން އެކަމާ އެއްޗެއް ބުނުމަކީ އެކޯލިޝަނުން ކުރަންޖެހޭ ކަމަކަށް އަދުރޭއަކަށް ނުވިއެވެ. "އެ ބޭފުޅުން އެ ނެރުއްވި ބަޔާން ނެރުއްވާފައި އޮތީ ގާނޫނަކާ ހަވާލާދެއްވާފައި. އެހެންވީމަ އެޔަށް ދެން ކޮންމެހެން ޕާޓީން އެއްޗެއް ބުނުމަކީ އެހާ މުނާސަބު ކަމެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" އަދުރޭ ބުންޏެވެ

ވެރިކަމުގެ ބާރު އަތަށް އަރާގޮތް ވުމުން މީހުނަށް ވާގޮތް ދެކެބަލާށެވެ. ޔާމީނަށް ކޯޓުން ކުރި ހުކުން ހަރާންވި އަދުރޭމެނަށް ކްލަމެންސީ ގާނޫނުގެ ދަށުން ކަރެކްޝަނުން ޔާމީނަށް ކުރި އަމުރު ހަލާލުވީއެވެ.