ދުނިޔޭގެ ޕޯޑިއަމަށް އަލަށް އެރުނީތީ މުއިއްޒުގެ ދުނިޔެރަން!

އިޒްރޭލް ޕާސްޕޯޓް ބޭންނުކޮށް އެހެން މީހުނަށް ގޮތްކިޔުން ބަލައިނުގަނެވޭ!

ދުނިޔޭގެ ޕޯޑިއަމަށް އަލަށް އެރުނީތީ މުއިއްޒުގެ ދުނިޔެރަން!

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް އަދުރޭއެވެ. ތިޔަހާ ވަރަށް މުއިއްޒަށް ހުޝާމަދު ނުކޮށް މުއިއްޒު ހަމަ މަގަށް އަޅުވާދޭށެވެ. މުއިއްޒު ކުރާހާ ކަންކަމާއި ދައްކާހާ ވާހަކައިން ހުރިހާ ދެރައެއް ލިބެނީ އަދުރޭމެން ތިޔަ ވިދާޅުވާ "ދިވެހީން" ނަށެވެ. ހަމަ ތެދެކެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ވެރިންނަކީ މުއިއްޒު ކަހަލަ މޮޔައިނެއް ނޫނެވެ. ސައިޒަށްވުރެ އަނގަ ބޮޑުވެގެން އެންމެނަކު ނޫޅެއެވެ. ތިމާ މެންނަށް ކުރެވެން އޮތް ކުޑަކުޑަ ކަމެއް ކޮށްލަން ނުކެރިހުރެ އެހެން މީހުން ކުރަންވީ ކަންކަން ކިޔައިދޭން މުއިއްޒަކީ ދުނިޔޭގައި ކާކުހެއްޔެވެ. 

ދުނިޔޭގެ އެންމެ އުސް ޕޯޑިއަމުން ފުރަތަމަ ފަހަރަށް ޖާގަ ލިބުނީތީ މުއިއްޒުގެ ދުނިޔެ ރަންވިޔަކަސް އެންމެނަކު އެހެނެއް ނުވާނެއެވެ. ރާއްޖޭގެ ވެރިކަން ހޯދަން ރާއްޖޭގެ ރައްޔިތުންގެ ބޮލަށް އިންޑިއާ އައުޓް ޗިޕް ޖެހިހެން ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ބޮލަށް މުއިއްޒަށް ޖެހޭނެ ޗިޕެއް ނުއޮންނާނެއެވެ. ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ކުރިމަތީގައި އެއްޗެއް ބުނާއިރު އެ ކަމަކުން ކޮށްފާނެ އަސަރަކަށް ދުނިޔޭގެ ގައުމުތަކުގެ ވެރިން ވިސްނާނެއެވެ. ކިތަންމެ ބޭނުންވިޔަސް ބުނާން ނުޖެހޭ ވާހަކަ ނުބުނެ ތިބެނީ ގައުމުތަކުގެ ހާލަތާ މެދު ވިސްނާފައެވެ. ހުވަފެނުންވެސް ނުދެކޭ އުސްތަނަކަށް އަލަށް އެރުނީމާ އެންމެނަކު މުއިއްޒުހެން މޮޔައެއް ނުވާނެއެވެ.

ބުނަން ހެއްޔެވެ. އިޒްރޭލުގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުކަން ނޭނގޭ ކުޑަކުއްޖަކުވެސް ނޫޅެއެވެ. އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ނުތެދުވެވިފައި އެތިބެނީ ބޭނުން ނުވެގެނެއް ނޫނެވެ. އަމިއްލަ ގައުމުގެ ރައްޔިތުން ނުރައްކަލަށް ވައްޓާލަން ބޭނުން ނުވާތީއެވެ. މިނިކާވަގެއްގެ ކުރި މައްޗަށް ހުސްއަތާ ނުދާން ވެގެންނެވެ.  

ފަލަސްތީނު ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ އެކަކުވެސް ގަދަބަސް ބުނެގެން ހާސިލުވާނެ އެއްވެސް އެއްޗެއް ނުއޮންނާނެކަން އެންމެނަށް އެނގެއެވެ. ބުއްދި އިސްކޮށް އިޒްރޭލުގެ ވަރަ ކޮށާލަން ކުރަން ހުރި ކަންކަން ކުރާނީ ހަޅޭފަޅޭ ޖަހާ އަޑުގަދަ ކޮށްގެނެއް ނޫނެވެ. ހިކުމަތްތެރި ކަމާއެކުގައެވެ. ފަލަސްތީނުގެ ދިފާއުގައި މަސައްކަތް ކުރާކަމަށް ހެދެން ވެގެން ޕަބްލިކް ސްޓަންޓް ޖެއްސިޔަސް އެކަމުން ފަލަސްތީނު ރައްޔިތުންނަށް ލިބޭ ތަސައްލީއެއް ނޯވެއެވެ. ގިނަ ފަހަރަށް އެކަމުން ލިބެނީ އިތުރު އަނިޔާއެވެ. ރާއްޖޭގައި ޖެހެނީ ހުންޏެވެ. 

ބަވަނަވެތިކަން ބޮޑު މިޒަމާނުގައި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ނުރައްކަލަށް ހުށަހޮޅި ގަތުމަކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވެއެވެ. ގައުމުތަކުގެ ރައްޔިތުންނަށް ފިއްތުންތަކާއި ދަތިތައް އަންނަނީ ބަޑިއާއި ބޮނމުގެ ސިފައިގައި ނޫންކަން ގައުމުތަކުގެ ވެރިންނަށް އެނގެއެވެ. އެ ވަރުވެސް ނޭގިގެން އުޅެނީ މުއިއްޒަށް އެކަންޏަށެވެ. އެނގުނަސް މާ ކެރޭ މީހެއްކަން ދައްކަން އަނގަދިޔާކޮށް ގަންނައިރު ގައުމާ ރައްޔިތުން ތިބި ހާލަތަށް ގަމާރުކަމުން ވިސްނާ ނުލައެވެ.  

ފަލަސްތީނުގައި އިޒްރޭލުން ހިންގަނީ ނަސްލު ނައްތާލުމުގެ ގަތުލުއާއްމެއް ކަންނޭގެނީ ކާކަށް ހެއްޔެވެ. އެކަން ހުއްޓުވަން ދުނިޔޭގެ ކޯޓާއި އަލިފުދާލަށް އެއްކަމެއް ނުވެގެން އުޅޭ ސަބަބު ނައްތާލުމަކީ މުއިއްޒު ކަހަލަ މީހަކު ބުނެގެން ވާކަށް އޮތްކަމެއް ނޫނެވެ. ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދަން ބޮޑެތި ވާހަކަ ދެއްކި ދާނެއެވެ. މުއިއްޒުގެ ވާހަކައިގެ އިހުލާސްތެރިކަމެއް އޮތްނަމަ އިޒްރޭލަށް ނަފާލިބޭ އެއްވެސް ވިޔަފާރިއެއް ރާއްޖެއަކު ނުހިނގީހެވެ. އިޒްރޭލު ޕާސްޕޯޓް ހޯލްޑަރުނަށް ރާއްޖޭގެ ބޯޑަރުން އެތެރެއެއް ނުވެވޭނެއެވެ. އެކި ބަހަނާގައި ޕާސްޕޯޓް ބޭންކުރުން ލަސްކޮށް ފަސްކޮށްގެނެއް ނުހުރީހެވެ. ރާއްޖެއަށް އެތެރެވާ އިޒރޭލު މީހުން އެތެރެވުން ހުއްޓުވުން ލަސްވެއްޖެ ކަމަށް ރާއްޖޭގެ އިސްލާމިކް ވަޒީރަށް ގަބޫލު ކުރެވުނީހެވެ.