ނަޝީދުގެ ސިޔާސީ މަރުބަލި
ނަޝީދު ވެރިކަމެއް ބޭނުމެއް ނޫން.
ކަމެއް ނުކުރާނެ ކަމަށް ކެނެރީގޭ ނަޝީދު ގަދަ ބަސް ބުނެފިތަ! އެކަމެއް ލަހެއް ނުވެ ކުރާނެއެވެ. އެނާގެ ސިޔާސީ ހަޔާތުން ފެންނަނީ އަބަދުވެސް އެ ސިފައެވެ. އެމްޑީޕީގެ ވެރިކަމެއްގައި ދުވަހެއްގައިވެސް ރާއްޖޭގެ ވެރިކަން ނުކުރާނަމޭ ބުނި މީހާ އެ ހުންނަނީ ވެރިކަމައިގެން ބަނޑުކެނޑިފައެވެ. އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ފުރަތަމަ ފަހަރު ޕްރައިމަރީ ހިލައިލައިގެން ޕާޓީ ޓިކެޓް ހޯދީ ވެރިކަން ކުރަން ބޭނުން ނުވާ މީހާއެވެ. 2013 ވަނަ އަހަރު ގެ ރިޔާސީޓިކެޓް އަތުލީ ޕްރައިމަރީ އަކާނުލައެވެ. 2018 ގެ ރިޔާސީ ކެންޑިޑޭޓަކަށް ކުފޫ ހަމަ ނުވާއިރުވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ މައްޗަށް ސަވާރުވެގެން އޮތީ ވެރިކަން ބޭނުން ނުވާތީއެވެ. ކިހާ ބަހާ އަމަލު ދިމާވޭ ހެއްޔެވެ. އާނއެކެވެ. ނަޝީދު ވެރިކަމެއް ބޭނުމެއް ނޫނެވެ.
2018 ގައި ރައީސް ސޯލިހުގެ ވެރިކަން ފެށުމާއެކު މިނިވަން ކޮށްދިނުމުން ގައުމަށް އައިގޮތަށް އައިސް ބުނީ ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓާ ނަގަހައްޓާ އެއްބާރުލުން ދީގެން ގުޅިގެން ކުރިއަށް ދާނެ ކަމަށެވެ. ވެރިކަން ކުރާ ކޯލިޝަނާއެކު ކުރިއަށް ދިއުމުގައި އިސްވެ ހުންނާނެކަމަށެވެ. ކަންކުރީ ދިމާ އިދިކޮޅަށެވެ. ކޯލިޝަން ޕާޓްނަރުން ވެރިކަމުން ބޭރު ނުކޮށްގެން އުޅެންފެށީ ފަޔަށް ހިނިއަރައިގެން އުޅޭބީދައިންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ކޯލިޝަން އެއްބަސްވުމުގެ އެއް ބައި ވާކޮށްލިއެވެ. 2018ގައި އެމްޑީޕީ ކޯލިޝަން ވެރިކަމަށް ގެންނަން މަސައްކަތްކޮށްދީން އުކާލި 12 މެންބަރުންނަށް ކެހިދިނެވެ. އެކަމަކު ނަޝީދު ބާރެއް ވެރިކަމެއް ބޭނުމެއް ނޫނެވެ.
މިއަދު އެ ދައްކާ ޗަރުކޭ ދައްކަން ސިޔާސީ ފޫޅު ނުވެއްޓޭ ކުޑަކުއްޖަކާ ވާދަކޮށް މާލޭގެ ގޮނޑިއެއް ހަނި އަގުލަބިއްޔަތަކުން ހޯދައިގެން މަޖިލީހަށް ވަނެވެ. މަޖިލިސްގެ ރިޔާސަތު ބޭނުމެއް ނޫނޭ ބުނެ ނިކަން ރަގަޅަށް ދެ ފެކްޝަން ހައްދައިގެން މަޖިލީހުގެ ރައީސްކަމުގެ ގޮނޑިއަށް އަސްލަމާއި އަފީފު ލައްވާ ތަޅުވާ ފަހު ވަގުތު މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ހަކި ހިއްޕާލިއެވެ. އީވާއާއި ވެސް އެކުގައެވެ. އެކަމަކު ނަޝީދު ވެރިކަމެއް ބޭނުމެއްނޫނެވެ.
ދެނަކާ ދެނެއްނެތެވެ. އެއްކަލަ ނުކުރާން ބުނި މަޖިލިސްގެ ރައީސްކަން ހިތުހުރި ގޮތަކަށް ނަޝީދު އެހުރެ ކުރަނީއެވެ. ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓާ ނަގަހައްޓާ އެއްބާރުލުން ދީގެން ގުޅިގެން ކުރިއަށް ދާން ބުނި ނަޝީދު ވީ ރައީސް ސޯލިހުގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ސުންޕާއަށެވެ. އިދިކޮޅަށްވުރެ އިދިކޮޅުވެ ނާޅުވާ ވަގު ބަދުނާމެއް ނުދައްކާ ދޮގު ވާހަކައެއް ނުފަތުރާ ފިތުނައެއް ނެތެވެ. ޕާޓީ ހަރުފަތަކަށް ބޭނުންކޮށްގެން ސަރުކާރުގެ ތެރޭގައި ކަތުރުފަނި އަޅުވާ ރައްޔިތުންގެ މަޖިލީހަކީ އިދިކޮޅު މައި ހަރުގެއަށް ހެދިއެވެ. އެކަމަކު ނަޝީދު ވެރިކަމެއް ބޭނުމެއްނޫނެވެ.
އެންމެ ފަހުން އޮތް ޕްރައިމަރީން ބަލިވެއްޖެނަމަ ގޭގައި އޮންނަން ބުނިމީހާ އުޅޭ ހުތުރުގޮތް ދެކިބަލާށެވެ. ބާރަ މެންބަރަކަށް ހުވަފެން ދައްކައިގެން އެމްޑީޕީން ކަނޑުވާ އެމްޑީޕީގެ ވަގުތުން އެމީހުން ލައްވާ ވައްކަންވެސް ކުރުވީއެވެ. ތިމަން ރިޔާސަތުގައި އިދެ އެމްޑީޕީން ކެނޑުނު މެންބަރުން ވަކިވީ ކަމަށް ނުބަލާނަމޭ ބުނީ ބުރާސްފަތި ދުވަހުއެވެ. އާދިއްތަ ދުވަހު އެކަން ކޮށްފިއެވެ. އަނެއްކޮޅުން ތިމަންނަމީ އެމްޑީޕީއޭ ބުނެ އެމްޑީޕީއަކުން ނުކެނޑެނަމޭ އެމްޑީޕީން ކެޑެން ޖެހޭނީ ރައީސް ސޯލިހޭ ބުނެ އޮތީ ގަދަބަސް ބުނެފައެވެ. މިތިބީ ބަލާށެވެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރާހިތުން ނުހުރެވިގެން އެމްޑީޕީން ކެނޑި ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓް ވެގެން ރިޔާސީ އިންތިހާބަށް ނިކުންނާނެއެވެ. އެންމެ ފަހުން ނަޝީދުގެ ސިޔާސީ މަރުބައްޔަކީ ފިކުރުގެ ދިރުމަށްވެ ހުތުރު ބައްޔަކުން ބަލިވާތަން ދެކެން ތިބޭނަމެވެ. އެކަމަކު ނަޝީދު ވެރިކަމެއް ބޭނުމެއްނޫނެވެ.