ސަރުކާރުގެ ބަހާއަމަލު ދިމައެއްނުވޭ: މެންބަރ އައްބާސް
މަސްވެރިންގެ އައިލާތައް މަގުމަތިވާ ހިސާބަށް ހިނގައްޖެ
ފާއިތުވަމުން މިދާ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްވެރިންގެ މަސްވެރިންގެ ހާލަތު އިންތިހާއަށް ދަށަށް ދިޔަކަމީ ދެބަސް ވެވެންނެތް ހަގީގަތެކެވެ. ރައީސް މުއިއްޒަށް ތާއީދުކުރިޔަސް ނުކުރިޔަސް ހަގީގަތަކީ ރާއްޖޭގެ މަސްވެރިންގެ ހާލަތު ސަރުކާރުގެ އަމަލުތައް ހުރިގޮތުން ނިހާޔަތަށް ދަށަށް ގޮސްފައިވާކަމެވެ.
ރައީސް މުއިއްޒު ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ކަމުގައިވާ އެމްޑީއޭގެ މަޖިލިސް މެންބަރެއް ކަމުގައިވާ އޮނަރަބަލް މުހައްމަދު އައްބާސަކީ އެ ހަގީގަތް ގަބޫލުކުރައްވާ އެއް ބޭފުޅެކެވެ. ވެލިދޫ ދާއިރާގެ މެންބަރ އޮނަރަބަލް މުހައްމަދު އައްބާސް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާނީ ހަގީގަތުގައިވެސް އެކަން އެގޮތަށް އޮތްކަމަށް ހިތްޕުޅުގެ އަޑިން ގަބޫލުކުރައްވާތީއެވެ. ކަންކަން ގޯހުން ގޯހަށް ނުދާނަމަ ޖާނާމަލުން ގުރުބާންވެ ވަޑައިގެން ގެނައި ސަރުކާރަކަށް އާއްމު ޕްލެޓްފޯމެއްގައި ފާޑުވިދާޅުވާނެ ކަމަކަށް ނުބެލެވެއެވެ.
ރާއްޖޭގެ މަސްވެރިންގެ ހާލަތު މިހާ ހިސާބަށް މި ދިޔައީ ފާއިތުވަމުން މިދާ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމުގެ ސަބަބުން ކަމަށް ވިދާޅުވެ އޮނަރަބަލް މުހައްމަދު އައްބާސް މިރޭ އެވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އައްބާސް ވިދާޅުވާ ގޮތުގައި މަސްވެރިންގެ އަތްމަތި ދަތިވެއްޖެއެވެ. މަސްވެރިން ދަރަނިވެރި ވެއްޖެއެވެ. މަސްވެރިންގެ އައިލާތައް މަގުމަތިވާ ހިސާބަށް ހިނގައްޖެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާގެ ޓީމެއް މަސްވެރި ރަށަކަށް އެރިޔަނުދީ މަސްވެރިން ނިކުމެ ފަހާލާ މަންޒަރު ސިފަވާ ވީޑިއޯއެއް ހިމަނުއްވައިގެން އޮނަރަބަލް މުހައްމަދު އައްބާސް އެމޭރުމުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާނީ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައި ގަންނަވާތީއެވެ. ސަރުކާރުގެ ބަހާ އަމަލު ދިމާނުވާކަން ރައްޔިތުންނަށް ޔަގީންކޮށް ދެއްވުމުގެ ގޮތުންނެވެ.