ވާހަކަ: ލައިޝާގެ އީދު ދަތުރު

ކޮންމެ ކަމަކީވެސް ފައިދާހުރި ގޮތުގައި ކުރަން އުޅެފިނަމަ ގެއްލިގެންދާނެ ކަމެއްނޫން

ވާހަކަ: ލައިޝާގެ އީދު ދަތުރު

ޢީދުދުވަހަކީ ވަރަށް އުފާވެރި ދުވަހެކެވެ. އީދު ދުވަހަށް އެންމެންވެސް ތައްޔާރުވަމުންދަނީ ވަރަށް ފޯރިޔާއެކުއެވެ. އީދުދުވަހު އެންމެންވެސް ރީތީ އައު ހެދުމެއް ލާން ބޭނުންވެއެވެ. މީރު ކެއުންތައް ކެއުމަށް ކާނާގެ ތަފާތު ބާވަތްތައް ގަނެއެވެ. އާއިލާގެ މީހުންނާއި ބައްދަލުކުރުމަށް އުއްމީދު ކުރަމުން ދެއެވެ. އެއްބަޔަކު ދަތުރުދާން ބެނުންވާއިރު އަނެއްބަޔަކު ބަލަނީ ދަތުރު އަންނަމީހުންނަށް މެހުމާންދާރީ އަދާކުރެވޭތޯއެވެ. މިގޮތުގައި އެކިމީހުން އެކި އުއްމީދުގައި އީދު ދުވަސް ރާވައެވެ.

މިއަދަކީ ރޯދަމަހުގެ ފަހުދުވަހެވެ. ލައިޝާ ތައްޔާރުވަމުންދަނީ ލައިޝާގެ އާއިލާޔާއެކު ރަށަކަށް ދާށެވެ. އެއީ ލައިޝާ މަންމަގެ ރަހުމަތްތެރި ފައިހާ އުޅޭ ރަށެވެ. ދަތުރު ދިއުމަށް އާއިލާއިން ތައްޔާރުވަމުން ދިޔައިރު ލައިޝާ ތައްޔާރުވަމުން ދިޔައީ މުޅިން އެހެން ކަމަކަށެވެ. އެއީ ސްކޫލު ހުޅުވެންވާއިރަށް ހަދަންދީފައިވާ ފިލާވަޅުތައް ހެދުމަށެވެ. ލައިޝާ ދެކޭ ގޮތުގައި ދަތުރު ނިންމާލާފައި އަންނައިރު ހުންނާނީ ވަރަށް ވަރުބަލި ވެފައެވެ. އެހެންކަމުން ނިންމަންޖެހޭ ފިލާވަޅުތައް ނިންމާލާފައި ދަތުރުދިއުމަކީ ދަތުރުގެ ތެރޭގައިވެސް އަދި އެނބުރި އައުމަށްފަހުވެސް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. ސްކޫލްގެ ފިލާވަޅުތައް ހެދުމަށްފަހު ލައިޝާ އަދި ކުރަން ބޭނުންވާ އެހެން މަސައްކަތެއްވެސް އެބައޮތެވެ. އެއީ ލައިޝާ މަންމަގެ ރަހުމަތްތެރި ފައިހާއަށް އީދު ކާޑެއް ހެދުމެވެ. ލައިޝާދެކޭ ގޮތުގައި ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޯންނާއެވެ.

ލައިޝާއަކީ ވަރަށް ބަސްއަހާ ކިޔެވުމަށް މޮޅު ކުއްޖެކެވެ. އަދި ގަވާއިދުން ނަމާދުކޮށް ޤުރުއާން ކިޔަވައި އެހެންމީހުންނަށް އިހުތިރާމްކޮށް އެހީތެރިވާ، ވަރަށް ސާފްތާހިރު ކުއްޖެކެވެ.  ލައިޝާއަކީ އިސްކޮޅުން ދިގު ހަމުގެ ކުލަދޮން ލޫޅާފަތި ކުއްޖެކެވެ. ރީތި ދެލޮލަކާއި ފަން އިސްތަށިގަނޑެއް ޤުދުރަތުން ލިބިފައިވާ ކުއްޖެކެވެ. މީގެ އިތުރުން ލައިޝާ ގެ ހިނިތުންވުމަކީ އެންމެންވެސް ލައިޝާދެކެ ނުހަނު ލޯބިވާ ޚާއްޞަ ސިފައެކެވެ.

ލައިޝާ އުއްމީދުކުރިގޮތަށް ސްކޫލްގެ ހުރިހާ މަސައްކަތެއް ނިންމާލާ އީދު ކާޑުވެސް ތައްޔާރު ކޮށްލިއެވެ. އެއަށްފަހު ލައިޝާގެ ދަތުރަށް މަންމަމެން ކުރަމުން ދިޔަ މަސައްކަތުގައި ބައިވެރިވުމަށްފަހު ފަތިހު ހޭލުމަށްޓަކައި ނިދަން އޮށޯތެވެ.

އީދު ދުވަހުގެ ހެދުނު ދަތުރު ދިއުމަށްޓަކައި ލައިޝާއާއި އޭނާގެ އާއިލާ ފުރައިފިއެވެ. އެއީ ވަރަށް ހިތްގައިމު ރީތި ދުވަހެކެވެ. ވައިޖެހެމުންދިޔައީ އާދައިގެ ވަރަކަށެވެ. ކަނޑުވެސް މަޑުވެފައި އެހާ އޮމާނެވެ. ލައިޝާއާއި އޭނާގެ އާއިލާ ހއ އުތީމަށް ހިނގައްޖެއެވެ. ރަށުގެ މަލަމަތިން ފެންނަމުން ދިޔައީ ވަރަށް ފުރިހަމަ ގުދުރަތީ މަންޒަރު ތަކެކެވެ.

ފައިހާފެނުމާއެކު ލައިޝާ ފުރަތަމަވެސް ދިއްކޮށްލީ ވަރަށް ރީތި ކާޑެކެވެ. އެކާޑުގައި ފައިހާގެ އާއިލާއަށް އީދުގެ ތަހުނިޔާގެ ރީތި ޖުމްލަތަކެއް ލިޔެފައި އޮތެވެ. މިކަންވީ ލައިޝާގެ އާއިލާއަށް ލިބުނު ވަރަށް އުފާވެރި އެހެނަސް ހައިރާން ކުރުވަނި ކަމަކަށެވެ. އެއަށްފަހު ލައިޝާ ބޭނުންވެގެން އަތްދަބަސްތައް ގޭގައި ބެހެއްޓުމަށްފަހު ފުރަތަމަ ދިޔައީ ރަށުތެރެ ބަލާލާށެވެ. އެންމެ ފުރަތަމަވެސް ދިޔައީ ރަށުގެ އަތިރިމައްޗަށެވެ. ލައިޝާ ހުރީ އަތިރިމަތީގެ ރީތިކަންފެނި އަންތަރީސް ވެފައެވެ.

ރަށުތެރެ ބަލާލުމަށްފަހު ލައިޝާ ގެޔަށް އައިސް އޭނާއަށް ފެނުނު ތަންތަން ނޯޓްފޮތުގައި ލިޔެލިއެވެ. އެވަގުތު ލައިޝާގެ މަންމަ ލައިޝާ ގާތު ސުވާލުކޮށްލިއެވެ. ދަރިފުޅު ތިޔަ ލިޔެލީ ފެނުނު ތަންތަނުގެ ނަންތަކެވެ. ތިޔަ ނަންތަކަށް ސިފަކުރާ ލަފްޒެއްވެސް ގުޅުވާލާށެވެ. ލައިޝާ ބުންޏެވެ. "ސިފަކުރާ ލަފްޒަކީ ކޮބައިހެއްޔެވެ؟" މަންމަ ބުންޏެވެ. " އެއީ ނަމުގެ ފަހަތަށް ގެންނަ އިތުރެވެ. ނަންއިތުރެވެ. ނަންއިތުރެއްގައި އޮންނާނީ ނަމަކަށް ގެންނަ އިތުރު ސިފައެކެވެ. މިސާލަކަށް ދަރިފުޅު ފުރަތަމަ ލިޔެފައި ތިޔަ އޮތީ 'އަތިރިމަތި' ނޫންހެއްޔެވެ. އަތިރިމަތި ދަރިފުޅު ސިފަކުރާނަމަ ބުނާނީ ކީކޭ ހެއްޔެވެ." ޖަވާބުގައި ލައިޝާ ބުންޏެވެ. ރީތި އަތިރިމައްޗެކެވެ. ދެވަނަ އަށް ލިޔެފައި އޮތް ނަން ނުކިޔަނިސް ލައިޝާ ބުންޏެވެ. ސާފު މޫދު، ޗާލު ގޮނޑުދޮށް މިހިސާބަށް ލައިޝަ ކިޔުމުން ލައިޝާގެ މަންމަ ލައިޝާގައިގައި ލޯބިން ބައްދާލާފައި ބުންޏެވެ. ތިޔައީ ހާދަ މޮޅުކުއްޖެކެވެ.

ލައިޝާގެ އާއިލާ ކުރިދަތުރަކީ ވަރަށް އުފާވެރި ދަތުރެކެވެ. ދަތުރު ނިންމާލުމަށްފަހު ލޯންޗަށް އަރަމުން ލައިޝާ އެންމެ ފަހުބަހަކަށްވެސް ބުނީ މިއީ ހާދަހާ މަޖާ ދަތުރެކެވެ. މިދަތުރުން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އުފަލަކީ ނަން އިތުރު ދަސްވުމެވެ. އަޅުގަނޑު ގެޔަށް ގޮސް މިދަތުރުގައި ބޭނުންކުރި ހުރިހާ ނަންތަކަކާ ގުޅޭ ނަންއިތުރުތަކެއް ހޯދާނަމެވެ.